ރާއްޖެއަކީ ދުނިޔޭގެ އެންމެ ކަރަންޓު ހަރަދު ބޮޑު އެއް ގައުމު : ރައީސް ވަހީދު

ރާއްޖެއަކީ ދުނިޔޭގައި ކަރަންޓުގެ ހަރަދު ބޮޑު އެއްގައުމު ކަމަށް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ވެލާނާގޭގައި ބޭއްވި، އިއާދަ ކުރަނިވި ހަކަތައިގެ ދެވަނަ ފިޔަވަހި ނިމިގެން ތިން ވަނަ ފިޔަވަހި އިފްތިތާހް ކުރަން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަމުންނެވެ.
ކަރަންޓް ހަރަދު ކުޑަ ކުރުމުގެ ގޮތުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށް ރަށުގައި ތަފާތު ހަކަތަ އެއް ކޮށްގެން ކަރަންޓް އުފެއްދުމުގެ ނިޒާމް ގާއިމް ކުރުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ހައިބްރިޑް ސިސްޓަމްތައް ރާއްޖެތެރޭ ރަށްތަކުގައި ތައާރަފް ކުރުމަށް ސްކޭލިންގް އޮފް ރިނިއުބަލް އެނާޖީގެ ނަމުގައި ޕްރޮޖެކްޓެއް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާވިއެވެ.
ސްކޭލިން އޮފް ރިނިއުބަލް އެނާޖީ ޕްރޮޖެކްޓަށް ހިލޭ އެހީގެ ގޮތުގައި ލިބޭނޭ ކަމަށް ބެލެވޭ 30 ވަރަކަށް މިލިއަން ރުފިޔާގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް އެހީ ފޮރުކޮއްދޭނޭ ކަމަށް އެމަނިކުފާނުގެ ވާހަކަ ފުޅުގައި ވިދާޅުވެފައިވެއެވެ.
މެދު އިރުމަތީގައި އުފައްދާފައިވާ ރިނިއުބަލް އެނާޖީ އޭޖެންސީގެ ނާއިބް ރައީސް ކަން ދިވެހި ރާއްޖެއަށް ލިބިފައިވާ ކަމަށާއި، އޭޝިއާ ޕެސިފިކް ރީޖަންގެ މަންދޫބުކަންވެސް ރާއްޖެއަށް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހަފްލާގައި އެމަނިކުފާނު ވަނީ ޖަޕާން ސަރުކާރުން ދެމުންދާ ހިލޭ އެހީއަށް ޝުކުރު ވެރިވެފައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން އެންވާރަމެންޓް މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާއާއި ޖައިކާގެ ރެޕްރެޒެންޓެޓިވް އިކަޝީރޯ ތަބާޝީ ވެސް މިހަފްލާގައި ވާހަކަފުޅު ދައްކާފައިވެއެވެ.
1.5 މިލިއަން ރުފިޔާ، ކަރަންޓްގެ ހަރަދުގެ ގޮތުގައި ސަލާމަތް ކުރެވިފައި ވާ ކަމަށް މި ހަފްލާގައި އެންވާރަމެންޓް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ