މިސުރުގައި އޮތް ގުރުއާން މުބާރާތުން ދެ ވަނަ ހޯދި އަރަބިއްޔާގެ ދަރިވަރު ހިމަނައިގެން އިސްލާމްދީންގެ ތަސައްވަރު ދައްކުވައިދޭ ފިލްމެއް އެޗުބީއޯ އިން ހަދާ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ

މިދިޔަ ރަމަޟާން މަހު މިސުރުގައި ބޭއްވި، ގުރުއާން ކިޔެވުމުގެ ބައިނަލްއަގުވާމީ މުބާރާތުން ދެވަނަ ހޯދި، އަރަބިއްޔާގެ ގްރޭޑް ފަހެއްގެ ދަރިވަރު، 10 އަހަރުގެ ރިފްދާ މުހައްމަދު ރަޝީދު ހިމަނައިގެން، އިސްލާމްދީނުގެ ތަސަވުރު ދައްކުވައިދޭ ފިލްމެއް އެމެރިކާގެ އެޗްބީއޯ އިން ހަދަމުންދާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.މައުމޫން ފައުންޑޭޝަނުގެ ހަތަރު ސްކޯލާޝިޕެއް އެވޯޑްކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މައުމޫނު ވިދާޅުވީ، އަޖަމީންގެ ބައިން ބޮޑެތި މީހުންތަކަކާ ވާދަކޮށްގެން ރިފްދާ ކާމިޔާބު ހޯދި، މި މުބާރާތުގެ ކަންތައްތައް ހިނގައި ދިޔަގޮތް ބެލުމުގައި ހަރަކާތްތެރިވި، އެޗްބީއޯ އިން ހަމަޖައްސާފައި ވަނީ، އެ މުބާރާތުން އެންމެ ފާހަގަކޮށްލެވުނު ހަތަރު ބައިވެރިންނާ ބެހޭ ފިލްމެއް ހެދުމަށް ކަމަށެވެ. އަދި އެކަމުގައި އެ މީހުން ރާއްޖެ އައިސް ރިފްދާގެ އާއިލާއާ ބައްދަލުކޮށް، އޭނާ ނިސްބަތްވާ ނ. ހެނބަދުއަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދައިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި  އެ ޓީމުން އެ މަނިކުފާނާއި އެ މަނިކުފާނުގެ އާއިލާއާ ބައްދަލު ކުރުމަށް ފަހު، ރާއްޖޭގައި ކީރިތި ގުރުއާން ކިޔެވުމުގެ ކަންތައްތައް ތަރައްގީވެފައިވާ ގޮތާ ބެހޭ މައުލޫމާތު ހޯދާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ރައީސް މައުމޫނު އަދި ވިދާޅުވީ، އެމީހުންގެ ބޭނުމަކީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި އިސްލާމްދީނާ ބެހޭ ގޮތުން މިހާރު އޮތް ތަސައްވުރު ބަދަލުކޮށްލުމަށް ޓަކައި މަސައްކަތް ކުރުން ކަމަށެވެ. އަދި އެފަދަ ގައުމުތަކުގައި އިސްލާމްދީނާ ބެހޭ ގޮތުން ދެކެވެނީ ވަރަށް ނުރަނގަޅު، ހަގީގަތާހިލާފް ވާހަކަތަކެއް ކަން ފާހަގަ ކުރައްވައި، އިސްލާމް ދީނަކީ ހަނގުރާމައަށް ލޯބި ކުރާ، މީހުންގެ ލޭ އޮހޮރުވާ، ވަރަށް ހަރުކަށި އަމަލުލަކެއް ހިންގާ ބަޔަކު އުޅޭ ދީނެއްގެ ގޮތުގައި، ބޭރު ދުނިޔޭގައި ބަޔަކު ވަރަށްބޮޑަށް ފަތުރާފައި އޮންނަ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އެޗްބީއޯ އިން ހަދާ މި ފިލްމުގެ ބޭނުމަކީ، އިސްލާމް ދީނަކީ އެފަދަ ދީނެއް ނޫންކަމާއި އިސްލާމް ދީނާކީ އަމަން އަމާން ކަމަށާއި ސުލްހަ މަސްލަހަތަށާއި އެންމެންގެ އުހުއްވަތްތެރިކަމަށް ގޮވާލައި، އެކުވެރިކަމާއި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރުދޭ ދީނެއްކަން އެމެރިކާގެ ރައްޔިތުންނަށް އަންގައި ދިނުމަށް ކަމަށް އެމީހުން ބުނެފައިވާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.ރައީސް މައުމޫނު ވިދާޅުވީ، މި ފިލްމް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ނިމި ވަރަށް އަވަހަށް ފިލްމް ރިލީޒް ކުރާނެ ކަމަށް އެމީހުން ބުނެފައިވާކަމަށެވެ. އަދި  އެފިލްމުގެ ސަބަބުން ބޭރު ދުނިޔޭގައި މުސްލިމުންގެ ތަސައްވުރަށް، ނުވަތަ އިސްލާމްދީނުގެ ތަސައްވުރަށް އިތުރު ކުރިއެރުމެއް ލިބި، އިސްލާމްދީނުގެ ހަގީގަތް ގިނަ ބަޔަކަށް އޮޅުންފިލައިފި ނަމަ އެކުރެވުނީ ވަރަށްބޮޑު މަސައްކަތެއް ކަމަށާއި މިފަދަ ކަމެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުއްޖަކަށް ލިބުނުކަމީ އެންމެން އުފާކުރާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި ކޮންމެސް ވަރަކަށް ބައިވެރި ވުމުގެ ފުރުސަތު އެމަނިކުފާނަށާއި، އެމަނިކުފާނުގެ އާއިލާއަށާއި ރިފްދާ އަށާއި ރިފްދާގެ އާއިލާއަށް ލިބުމަކީ އުފާފުޅު ކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.މިސްރުގެ ގުރުއާން މުބާރާތުން އެހާ ރަނގަޅު ކާމިޔާބެއް ހޯދީތީ ރިފްދާ އަށާއި ރިފްދާގެ އާއިލާއަށް ރައީސް މައުމޫނު ވަނީ ވަރަށްހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ