އެމްޑީޕީ ނޫން ސަރުކާރެއް ރާއްޖޭގައި އުފެދުމަށް ރައްޔިތުން ނޭދޭ: ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރެއް ނޫން އެހެން ސަރުކާރެއް ރާއްޖޭގައި އޮތުމަށް ދިވެހި ރައްޔިތުން ނޭދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ އޮތުން އެއީ އެންމެ ރަނގަޅު ގޮތް ކަން ދައްކައިދިނުމަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ނަޝީދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ ސިގްނަލެއް ކަމަށާއި މި އިންތިހާބުގައި އެންމެން ވޯޓު ދޭނީ "ތިލަފަތަށް" ކަން މި ދާއިރާގެ ރައްޔިތުން އިއުލާނު ކޮށްދެއްވާނެ ކަމަށެވެ. އެމްޑީޕީން ސަރުކާރު ހިންގުމާ ހަވާލުވުމަށްފަހު، ރައްޔިތުން ބޭނުންވާ ގޮތަށް ބައެއް ކަންކަން ވެފައި ނުވާތީ ރައްޔިތުން ޝަކުވާ ހުރިކަން އެނގޭ ކަމަށާއި އެހެންނަމަވެސް އެއީ އެމްޑީޕީ ދޫކޮށްލައިފައި ދާން ޖެހޭ ސަބަބެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. "އެއީ އެއްވެސް ބޭފުޅެއް، ހަނދުމަފުޅުގައި ބަހައްޓަވާތި، އަޅުގަނޑުމެން ދޫކޮށްފައި ދާންވީ ސަބަބެއް ނޫން، އެއް ހޮރަކުން ދެ ފަހަރު ކަށި ޖެހި ދިޔަ ދީގެން ނުވާނެ، އެމްޑީޕީގެ ސަރުކާރު ނޫން ސަރުކާރެއް ރާއްޖެގައި އުފެދުމަށް ރައްޔިތުން ނޭދޭ،" ނަޝީދު ވިދާޅުވިއެވެ. އިދިކޮޅު ޕީޕީއެމްގެ އެއްފަސް ކުރުމުގެ ސިޔާސަތަށް ފާޑުވިދާޅުވެ، ނަޝީދު އިތުރަށް ވިދާޅުވީ މާލެއަށް މީހުން ޖަމާކޮށް ތޮއްޖެއްސުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ފަލްސަފާ އާ ދެކޮޅަށް، ވޯޓުދޭން ހެޔޮ ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ވާދަވެރިން ވައުދުވަމުން އެ އަންނަނީ ކޮމަންޑޫވެސް އުވާލާނެ ކަމަށް، ރާއްޖެ ތެރެ އުވާލާ މުޅި ހުރިހާ އެންމެން ހުޅުމާލެއަށް ޖަމާކުރާނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ. މާލެ ސަރަހައްދަށް އެންމެން ޖަމާކުރުމަށް ވިސްނާ ބަޔަކު ރަށްރަށް ތަރައްގީ ކުރުމަށް ހަމަކަށަވަރުން ވެސް ނުވިސްނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ