މުހުސިން އާއި ނަޝީދު އެމްއެންޕީ އަށް ސޮއިކުރުން މަޑުޖައްސާލައިފި

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) މޯލްޑިވްސް ނޭޝަނަލް ޕާޓީ އަށް ސޮއިކުރުން މަޑުޖައްސާލައިފިއެވެ.
މި ދެ މެމްބަރުން އެމްއެންޕީ އަށް ސޮއިކުރުން މަޑުޖައްސާލާފައި މިވަނީ އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް 5،000 ފޯމު ހުށަހެޅުމަށް ތައްޔާރުވެފައި ވަނިކޮށެވެ.
މިރޭ ދިވެހި ޗެނަލް އިން ގެނެސްދިން ޕްރޮގްރާމެއްގައި މި ދެ މެމްބަރުން ވިދާޅުވީ މާދަމާ އީސީ އަށް ހުށަހަޅާ 5،000 ފޯމުގެ ތެރޭގައި އެ ދެ މެމްބަރުންގެ ފޯމެއް ނޯންނާނެ ކަމަށާއި އެމްއެންޕީ އާއެކު މިހާތަނަށް ކުރަމުން އައި މަސައްކަތްތައް މަޑުޖައްސާލާފައިވާ ކަމަށެވެ.
އެމްއެންޕީގެ މަސައްކަތާއި ދުރަށް ޖެހުނީ އެ ޕާޓީގެ ފަރާތުން އުއްމީދުކުރި ކަންތައްތަކެއް މިހާތަނަށް ފެނިފައި ނުވާތީ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ޕާޓީއާއެކު ނުފެންނާނެ ކަމަށް ދަންނަވަން ދަތި ކަމަށްވެސް އެ ދެ މެމްބަރުން ވިދާޅުވިއެވެ.
މެންބަރު ނަޝީދާއި މުހުސިނަކީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި ދެ މެންބަރުންނެވެ.
އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ކުރަން އިލެކްޝަނުން ހުއްދަ ދިނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ ޕާޓީއަށް ގިނަ އަދަދެއްގެ އާއްމުން ވަނީ ސޮއިކޮށްފައި އެވެ. އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރެން ނިންމާ އުފައްދާ އެ ޕާޓީއަކީ އެންމެ މަގުބޫލު ޕާޓީއަށް ވާނެ ކަމަށް އެ ޕާޓީން އުއްމީދުކުރެ އެވެ.
ރާއްޖޭގައި 10 ޕާޓީއެއް މިހާރު ވެސް ރަޖިސްޓްރީކޮށްފައި އެބައޮތެވެ. އޭގެތެރެއިން ގާނޫނުގައި ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެމްބަރުން ހަމަވަނީ މަދު ޕާޓީއެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ