ދުންޔާވެސް އުމަރު ކައިރިން ދުރަށް ގޮސް ނާޒިމް ޕާޓީއަށް!

ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން އުމަރު ނަސީރުގެ ޑީއެންއޭއާ ދުރަށް ވަޑައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.
ދުންޔާ އެމްއެންޕީއާ ގުޅިވަޑައިގަންނަވަން ނިންމައިފައި ވާކަން އިއުލާން ކުރައްވާފައި ވަނީ ވީޑިއޯއަކާއެކު ހިއްސާކުރެއްވި މެސެޖަކުންނެވެ.
ދުންޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްއެންޕީއަށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވަރަށް ބޮޑު ރޯލެއް އެބަ އޮތް ކަމަށެވެ. އަދި އެ ޕާޓީތެރޭގައި ހުރިހާ ބޭފުޅުންނަށް ވެސް ހުޅުވިފައިވާ ފުރުސަތުތަކެއް އެބަ އޮތް ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވީ މިހާތަނަށް އޭނާއަށް ލިބިވަޑައިގެންފައިވާ ތައުލީމާއި ތަޖުރިބާގެ ބޭނުން ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ހިއްޕަވަން ބޭނުންފުޅުވާ ކަމަށެވެ.
ދުންޔާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަނަވަސްކަން ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ހަމައެއާއެކު ދިވެހި އަންހެނުންގެ ކުރިއެރުން ވެސް އެއީ ދެކެވަޑައިގަންނަވަން ބޭނުންވާ ތަނެއް ކަމަށް ދުންޔާ ފާހަގަ ކުރައްވާފައި ވެއެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުން އެމްއެންޕީ އުފައްދަން މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ގައެވެ. ގާނޫނު ބުނާ ގޮތުން ހުއްދަ ދޭ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި މަދުވެގެން 3،000 މީހުންގެ ސޮޔާއެކު އެ ޕާޓީއެއް ރަޖިސްޓާ ކުރަން އީސީ އަށް ހުށަހަޅަން ޖެހެއެވެ.
ނާޒިމް އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީއަށް ވަނުމަށް މިހާރު ވެސް 20،000 ފޯމު އެކި ފަރާތްތަކުން ވަނީ ގެންގޮސްފައެވެ. އަމާޒަކީ، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓާ ކުރަން އީސީ އަށް ހުށަހަޅާއިރު 5،000 މީހުންގެ ސޮއި ހަމަކުރުން ކަމަށް އެ ޕާޓީގެ އެއް ފައުންޑިން މެމްބަރު ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ