މަސައްކަތް ކުރަން ތިބީ 14 މުވައްޒަފުން، އިތުރު މުވައްޒަފުން ބޭނުންވޭ: ލޭބަރ ރިލޭޝަން

ލޭބަރ ރިލޭޝަން އޮތޯރިޓީގައި އިންސްޕެކްޓް ކުރަން ތިބީ އެންމެ 14 މުވައްޒަފުންކަމަށާއި، އެ އޮތޯރިޓިގެ މަސައްކަތް ފުރިހަމައަށް ކުރިއަށް ގެންދަން އިތުރު މުވައްޒަފުން ބޭނުންވާ ކަމަށް އެ އޮތޯރިޓީއިންވެސް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އެ އޮތޯރިޓީގެ ބޭފުޅަކު ވިދާޅުވީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއި، ބިދޭސީންނަށް މުސާރަ ނުދިނުން ފަދަ މައްސަލަތައް ހައްލުކުރުމުގައި އިންސާނީ ވަސީލަތްތަކާއި އަދި މާލީ ގޮތުންވެސް އެ އޮތޯރިޓީއަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަަމަށެވެ.
ބިދޭސީންނަށް މުސާރަ ދިނުމަށް ހުރި ދަތިތަކައި ގުޅިގެން ކުންފުނިތައް ބްލެކްލިސްޓުކޮށް ފިޔަވަޅު އެޅިކަމަށްވީ ނަމަވެސް މުސާރަ ނުލިބިވާ ފަރާތްތަކުގެ ހައްގުތައް ނުލިބޭނެ ކަން އެ އޮތޯރިޓީއިން ވަނީ ފާހަގަކުރައްވާފައެވެ.
ބިދޭސީންނަށް 6، 7 މަސް ދުވަސް މުސާރަ ނުދިނުމުން ބިދޭސީންގެ ހިތްހަމަނުޖެހުންތައް ހުންނާނެ ކަން ޤަބޫލުކުރަން ޖެހޭ ކަމަށް ވެސް އެ އޮތީރިޓިއިން ވިދާޅުވެއެވެ.
އެކަން ހައްލުކުރަން އެ އިދާރާއަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ދުރާލާ އިންސްޕެކްޓް ކުރުން ކަމަށް ވާއިރު އެ މަސައްކަތް ކުރަން އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތް ކަމަށް އެ އޮތޯރިޓީއިން ވިދާޅުވެއެވެ.
ބިދޭސީންނާއި ދިވެހިންގެ ވަޒީފާ އާއި ގުޅުން ހުރި މައްސަލަތައް ބަލަން 14 މީހުންނަކީ އެކަށީގެންވާ އަދަދެއްކަމަށް ޤަބޫލު ނުކުރެއްވޭކަން އެ އިދާރާގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅާ ފާހަގަކުރެއްވިއެވެ.
މި ވަގުތު ލޭބަރ އޮތޯރިޓީގެ އޮފީހެއް ހުރީ ހަމައެކަނި މާލޭގައި ކަމަށް ވުމުން އެކަމުގެ ސަބަބުން ވެސް އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގެ އަގު ބޮޑުވުން ފަދަ މައްސަލަތައް ދިމާވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ކޮމިޓީގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްވެސް ވަނީ ލޭބަރ ރިލޭޝަން އޮތޯރިޓި އަށް ލިބޭ ބަޖެޓް ކުޑަ ކަމާއި، ވަސީލަތުގެ ދަތިކަން ހުރިކަން ފާހަގަކުރައްވާފައެވެ.
ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތް ކުރުވާ ގިނަ ކުންފުނިތަކުގެ މައްސަލަތައް ފެންމަތިވެފައި ވާއިރު ބިދޭސީން ދަނީ މުޒާހަރާކޮށް އިހުތިޖާޖުކުރަމުންނެވެ. އަދި އެފަދަ އެއްވުންތަކުގައި ފުލުހުންނާއި ކުރިމަތިލުމާއި ހަމަނުޖެހުން ހިންގުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ.
މިކަންކަމުގެ ފަހަތުގައި ސިޔާސީ މަގްސަދެއްވާކަމަށް މިނިސްޓަރ ފައްޔާޒް ތުހުމަތުކުރައްވައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަަމަށާ، އެ މައްސަލަ އަކީ ވަގުތުން ވަގުތަށް ހައްލުވާނެ މައްސަލައެއް ނޫން ކަން އޭނާ ފާހަގަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ