މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (އެމްއެމްއެސް) އިން އިލްތިމާސްކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު ހެނދުނު 10.00 އިން މާދާ ހެނދުނު 10.00 އަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީއާއި ވިއްސާރައިގައި ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމަކަށްވާތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަަމަށެވެ.
އުތުރުގެ އަތޮޅުތަކަށް ވައިޖެހޭ މިންވަރު ދަށްވާނެ ކަމަށާއި އެހެން ނަމަވެސް ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާއި އިދާރާ އިން ބުނެ އެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު ދެކުނުގެ އަތޮޅުތަކަށް 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ވިލާގަނޑުގައި މުޅި ރާއްޖެއަށް ވެސް ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި މެދުތެރެއާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ