ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ހައްދު ޖަހަން ޖެހޭ މައްސަލަ ތަކުގެ ތެރެއިން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބިގެން 37 މައްސަލައެއް ހައްދު ނުޖެހި އެބައޮތް ކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެ ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކޯޓުގެ އިސް ގާޒީ ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރުލުން ލިބިފައި ނުވާތީ ބައެއް މީހުންގެ ގައިގައި ހައްދު ނުޖެހި އޮތްކަމުގައި ވިޔަސް ހައްދު ޖެހުމަށް އެ ކޯޓުންކޮށްފައިވާ ގިނަ ހުކުމްތައް ތަންފީޒުކޮށްފައިވާ ކަމަށެވެ.
"މިއަދު ތަންފީޒު ނުކުރެވި ހައްދު ނުޖެހި އޮތް 37 މައްސަލައެއް އޮތްކަން ފާހަގަ ކުރަން. މި 37 މައްސަލަ ތަންފީޒު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ކަމާ ބެހޭ އިދާރާތަކުން ކޯޓަށް ލިބެން ޖެހޭ އެއްބާރުލުމާއި އެހީތެރިކަން ކޯޓަށް ލިބެމުން ނުދިޔުން،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
މީގެ އިތުރުން އަބްދުﷲ ގާޒީ ވިދާޅުވީ ކްރިމިނަލް ކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތައް ސާބިތުނުވުމުގައި ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ތަހުގީގު ފުރިހަމަވެފައި ނުވުމާއި ގާނޫނު އަސާސީ އާއި ގާނޫނުން ލިބިދީފައިވާ ކަންކަމަށް ތަހުގީގު ކުރާ ފަރާތުން ދޭން ޖެހޭ ސަމާލުކަން ދެވިފައި ނެތުން ފާހަގަކުރެވޭ ކަމަށެވެ.
ދައުވާ ކުރާ ފަރާތަށް އެކަށީގެންވާ ގޮތެއްގައި ވަކާލާތު ނުކުރެވުމާއި ދައުވާ ކުރާއިރު އެކަށީގެންވާ ގޮތެއްގައި ދައުލަތުން މައްސަލަ ދިރާސާކޮށްފައި ނުވާކަން ފާހަގަކުރައްވާ އަބްދުﷲ ގާޒީ ވިދާޅުވީ ހެކީންނާއި ދައުލަތުގެ ވަކީލުންނަށް އެމީހުންގެ ދައުރު އެކަށީގެންވާ ގޮތެއްގައި އަދާކުރެވޭނެ ފަދަ މާހައުލެއް ކޯޓުގައި ގާއިމްކުރެވިފައި ނުވާ ކަމަށެވެ.
އަދި ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް އެކޯޓާ ހަވާލުވި ހިސާބުން ފެށިގެން އަވަސް މިނެއްގައި އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށާއި އެގޮތުން ކުށުގެ ރެކޯޑު ސާފުކުރުމަށް މީގެކުރިން ދެ މަސް ދުވަސް ނެގި ކަމުގައި ވިޔަސް މިހާރު 15 ސިކުންތުން ކުށުގެ ރެކޯޑު ސާފުކުރެވޭ ވަރަށް އެކޯޓުން އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ބުނީ ނިމިދިޔަ އަހަރު އެކޯޓަށް ހުށަހެޅުނު މައްސަލަ ތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ނިންމަވާފައިވަނީ ގާޒީ އަހްމަދު ސަމީރު ކަމަށެވެ. އޭނާ ވަނީ ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ ދައުވާތަކުގެ ތެރެއިން 728 މައްސަލައެއް ނިންމަވާފަ އެވެ.
ހައްދު ނުޖެހި 37 މައްސަލައެއް އެބައޮތް: އިސް ގާޒީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ