ބަނދަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް ފެށިއްޖެ: އުމަރު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ބަނދަރުތައް ކަސްޓަމްސްގެ ގަވާއިދުގައި ކަނޑައަޅާފައިވާ ފެންވަރަށް ގެނައުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ގިނަ ބަނދަރުތަކެއް އެ ފެންވަރަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތައް ކަނޑައެޅޭ ވަކި ފެންވަރަކަށް ގެނައުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެކަމަށްޓަކައި ކުރެވުނު ހާއްސަ އޮޑިޓެއްގައި ގިނަ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ވަރަށް ދޯދިޔާކޮށް ހުރުމުގެ ސަބަބުން ކަމަށެވެ. އަދި އެ އޮޑިޓަށް ފަހު އެކަމާއި ބެހޭ ތަފްސީލީ މައުލޫމާތުތައް ބަނދަރުތައް ހިންގާ ފަރާތްތަކާއި ހިއްސާކުރެވި ބަނދަރުތަކުގެ ސަލާމަތީ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ފައްޓަވާ ބައެއް ބަނދަރުތަކުގެ ސަލާމަތީ ކަންކަން އެކަށީގެންވާ މިންގަނޑަކަށް ގެނެސްފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
"ތިލަފުށީގައި އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ބަނދަރުތަކުގެ ތެރެއިން ދެ ބަނދަރު ބޭނުންވާ ފެންވަރަށް ގެނައުމާއި ގުޅިގެން ބަނދަރު ހިންގުމުގެ ދާއިމީ ހުއްދަ މިހާރު ދީފައިވާނެ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް އެކަށީގެންވާ މުއްދަތެއް ދިން ނަމަވެސް އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ފަރާތްތަކާއި ދެކޮޅަށް ކަސްޓަމްސްގެ ގާނޫނުގެ ދަށުން އެޅެން ހުރި ފިޔަވަޅުތައް އަޅަމުން ގެންދަނެ ކަމަށެވެ. އެގޮތުން މިހާތަނަށް އެއް ފަރާތަކާއި ދެކޮޅަށް ފިޔަވަޅު އަޅާފައި ވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ ފިޔަވަޅުތަކާއި ގުޅިގެން އެ ފަރާތުން ވެސް ބަނދަރުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ފަށާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިހާތަނަށް ބަނދަރުތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް އެންގި އެންގުމާއި އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވަނީ އެއާޕޯޓްސް ކޮމްޕެނީއާއި ދެކޮޅަށެވެ. އުމަރު ވިދާޅުވީ އެ ފިޔަވަޅާއި ގުޅިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާކާގޯގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ފަށާފައިވާ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް ވެސް ކުރަމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ބަނދަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަވެގެންދާނެ ކަމަށާއި، އަދި އެކަމުގައި ފުލުހުންގެ ތެރޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކުއްތާ ފައުޖުގެ ދައުރުވެސް ވަރަށް މުހިއްމު ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ