ރާއްޖޭގައި ސަލާމަތް ކުރަން ނުޖެހޭ އެއްވެސް ކަމެއް ނެތް: ރައީސް މައުމޫނު

ރާއްޖޭގައި ސަލާމަތް ކުރަން ނުޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި ރާއްޖެ ސަލާމަތްކޮށްދޭނެ ޕާޓީއަކީ ޕީޕީއެމު ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރޭ ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ދީނީ ގޮތުންނައި އިޖުތިމާއީ ގޮތުންނާއި އިގްތިސަދީ ގޮތުން ބެލި ނަމަވެސް ރާއްޖެ މިއަދު އޮތީ ސަލާމަތް ކުރަން ޖެހޭ ހިސާބުގައި ކަމަށެވެ. އަދި ޕީޕީއެމުން ދައްކަމުން ގެންދަނީ ތެދު ވާހަކަތަކެއް ކަމަށާއި ރާއްޖެ ސަލާމަތް ކުރާނީ ޕީޕީއެމުން ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
"ދީނީ އަގީދާ މިވަނީ ސަލާމަތް ކުރަން ޖެހިފައި، އަޅުގަނޑުމެންގެ މިނިވަން ކަމައި ސިޔާދަތު މިވަނީ ސަލާމަތް ކުރަން ޖެހިފައި، އަޅުގަނޑުމެންގެ މެދުގައި އޮންނަ ލޯތްބައި އެކުވެރިކަމާއި އެއްބާރުލުން މިއޮތީ ސަލާމަތް ކުރަން ޖެހިފައި، އަޅުގަނޑުމެންގެ އިގުތިސާދު މިވަނީ ސަލާމަތް ކުރަން ޖެހިފައި، އަޅުގަނޑުމެންގެ ތަރައްގީގެ މަސައްކަތްތައް މިވަނީ ސަލާމަތް ކުރަން ޖެހިފައި،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ޕީޕީއެމުން ވަމުން ގެންދާ ވައުދުތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމުން ދައްކަމުންދާ ވާހަކަތަކަކީ ހަމައެކަނި ވޯޓު ހޯދުމަށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ޕީޕީއެމުގެ ވައުދުތަކަކީ ގާބިލު ތަޖުރިބާ ހުރި ފަރާތްތަކުން ދިރާސާތަކެއް ކުރުމަށްފަހު އެކުލަވާލާފައިވާ ވައުދުތަކެއް ކަމަށާއި އެއީ ހަގީގަތްތަކެއް ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވެސް ރައީސް މައުމޫނު ވިދާޅުވީ ރާއްޖެ ސަލާމަތްކޮށްދޭނެ ޕާޓީއަކީ ޕީޕީއެމު ކަމަށާއި މިފަހަރުގެ ވޯޓު ޕީޕިއެމަށް ދެއްވަން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ހުރިހާ ފަރާތްތަކަކުން ވެސް ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓު އަބުދުﷲ ޔާމީނަށާއި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލު އަހުމަދަށް ވޯޓު ދެއްވުމަށް ވެސް ރައީސް މައުމޫނު ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ