ޕީޕިއެމް ފެއިލްވެއްޖެނަމަ ހިތްދަތި މުސްތަގުބަލަކާ ކުރިމަތިލާން ޖެހޭނެ: ރައީސް މައުމޫނު

އަންން މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުން ޕީޕީއެމް ބަލި ވެއްޖެނަމަ ރާއްޖޭގެ ރައްޔިތުން ވަރަށް ހިތް ދަތި މުސްތަގުބަލަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ނަސަންދުރާ ޕެލަސް ހޮޓަލުގައި އީދު ސަލާމް ކުރެއްވުމަށް ފަހު ސަޕޯޓަރުންނާއި މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ބަލިވެއްޖެނަމަ ރާއްޖެއަށް ހިތް ދަތި މުސްތަގުބަލަކާއި ކުރިމަތިލާން ޖެހިދާނެކަން އެއްވެސް މީހަކު ހަނދާން ނައްތާލައިގެން ނުވާނެކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބަކީ އިމްތިހާނެއް ކަމަށާއި، އެއިމްތިހާނުގައި ދިވެހިންގެ ކުރިމަތީގައި އޮތީ ދެމަގެއް ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވިއެވެ.
"މިއަންނަ އިމްތިހާނު (އިންތިހާބު) އަޅުގަނޑުމެން ފޭލް ވެއްޖެއްޔާ، އިރާދަ ކުރެއްވިއްޔާ އެހެނެއް ނުވާނެ، ފޭލް ވެއްޖެއީ ވިއްޔާ އަޅުގަނޑުމެން ވަރަށް ހިތް ދަތި މުސްތަގުބަލަކާ ކުރިމަތިލާން ޖެހޭނެކަން ހުރިހާ ބޭފުޅުންވެސް ހަނދުމަފުޅު ކުރައްވަން ޖެހޭނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން މިހާރު ތިބީ ހަތަރު އަނގޮޅިއަކަށް އާދެވިފައި ކަމަށެވެ. އެގޮތުން އަންނަ އިންތިހާބުގައި ނުބައި މަގު އިހްތިޔާރު ކޮށްފިނަމަ ރާއްޖެ ހަލާކުގެ ތެރެއަށް ވެއްޓި ރާއްޖޭއިން އިސްލާމް ދީން ފޮހެވިގެން ދާނެ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި އެމަގުން ރާއްޖޭގެ މިނިސްވަން ކަމާއި ސިޔާދަތު ގެއްލޭނެކަމަށާއި ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން މިއަދަށްވުރެ އިތުރަށް ދަށަށް ދާނެ ކަމަށެވެ.
"އެއްމަގަކީ މާތް ވެގެންވާ އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރިކޮށްދީ ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައިދީ ރައްޔިތުންގެ ތަރައްގީއަށް މަސައްކަތް ކުރާނެ މަގު. ރައްޔިތުންނަށް އިތުރު ޑިމޮކްރަސީގެ ހައްގުތަކާއި ޑިމޮކްރަސީގެ ފަސޭހަތައް ގެނެސްދޭނެ މަގު. ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް ކުރިއަށް ދެވޭނެ ގޮތްތައް ތަނަވަސްކޮށްދެވޭނެ މަގު. ރާއްޖޭގެ މުސްތަގުބަލް އުޖާލާކޮށް މުސްތަގުބަލަކީ އުފާވެރި މުސްތަގުބަލަކަށް ހަދައިދެވޭނެ މަގު. އަނެއް މަގަކީ މިދެންނެވި މަގާ ދިމާ އިދިކޮޅު. އެއީ ރާއްޖެ ހަލާކުގެ ތެރެއަށް ވެއްޓިގެން ދާނެ މަގު،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫނި ވަނީ އިންތިހާބުގައި ވޯޓު ދެއްވާއިރު ވިސްނުން ތެރި ކަމާއި އެކު ވޯޓު ދެއްވުމަށް މިއަދު އިލްތިމާސްވެސް ކުރައްވާފައެވެ.
ރައީސް މައުމޫނާއި އީދު ސަލާމް ކުރައްވަން ސަރުކާރުގެ އިސް މަގާމްތައް ފުރުއްވާ ބޭފުޅުންނާއި މިނިސްޓަރުންވެސް މިއަދު ވަނީ ނަސަންދުރާ ހޮޓަލަށް ވަޑައިގެންފައެވެ. އޭގެ ތޭރޭގައި އަދާލަތު ޕާޓީގެ ކުރީގެ ތަރުޖަމާން ޑރ. މުހައްމަދު ޝަހީމް އަލީ ސައިދުވެސް ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ