ސަރުކާރުގެ ހިލޭ އެހީގައި ބޭސްފަރުވާ ކޮށްދޭ ނިޒާމް "ހުސްނުވާ އާސަންދަ" މިރޭ އިފްތިތާކޮށްފި އެވެ. މި ހިދުމަތް ރައީސް އަބްދުﷲ ޔާމީން ފައްޓަވައި ދެއްވީ އެއްވަނަ ދުނިޔޭގެ ގައުމުތަކުގައި ސިއްޙީ ޚިދުމަތް ދެވޭ ފެންވަރުގައި ރާއްޖޭގެ ސިއްޙީ ނިޒާމް ތަރައްގީ ކުރުމަށް އަމާޒު ހިފަމުންނެވެ.
މި ޚިދުމަތް ފަށާފައިވަނީ މިރޭ ދަރުބާރުގޭގައި ރައީސް ޔާމީންގެ ސަރުކާރުގެ 100 ދުވަހާއި ގުޅިގެން ހުސްނުވާ އާސަންދަ ތައާރަފްކުރުމަށް ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.
މި ޚިދުމަތް އިފްތިތާހުކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން އާސަންދައިން ގިނައިން ބޭސް ކުރެވެމުންދިޔައީ ވަރަށް އާދައިގެ ބަލިތަކަށް ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ސިއްޙީ ނިޒާމަކީ އެއްވަނަ ދުނިޔޭގެ ގައުމުތަކުގައި ދެވޭ ފެންވަރުގެ ބޭސް ފަރުވާގެ ޚިދުމަތް ރާއްޖެއިން ލިބުން ކަމަށާ ނުވަތަ އެއާއި ގާތްކުރާ މިންވަރުގެ ސިއްޙީ ޚިދުމަތް ރާއްޖެއިން ފޯރުކޮށް ދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ އެއްވެސް ތަފާތު ކުރުމެއްނެތި މި ޚިދުމަތް ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދެއްވާނެ ކަމަށައި މިއީ ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށް ހިންގާ ނިޒާމަކަށްވާއިރު ޒިންމާދާރުކަމާއެެކު ހުރިހާ ރައްޔިތުންވެސް މި ޚިދުމަތް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ތިޔަ ބޭފުޅުން ހިތަށް ގެންނަވާ އިނގޭތޯ ކުރިން އޮތް ނިޒާމުގެ ތެރެއިން މަދު ބަޔަކު ނަމަވެސް ނާޒާއިޒް ފައިދާ ނެގުމުން ދިމާވި މައްސަލަތައް. މިކަންކަން މިހެން ވެގެން ނުވާނެ ދެއްތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ. "މިއީ ހުރިހާ އުމުރެއްގެ ހުރިހާ ގިންތިތަކެއްގެ މީހުންނަށް އަރުވާ ހަދިޔާއެއް. މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވާ ހަދިޔާއެއް. މީހާގެ ހިތުގެ ތެރޭގައި ހިނގާ ކުލައަކަށް އަޅުގަނޑުމެން ނުބަލާނަން. ކޮންމެ ފިކުރެއްގައި ހުއްޓަސް ކިޑްނީ ބަދަލު ކޮށްދޭނަން،"
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މިރޭ ފެށި ހުސްނުވާ އާސަންދައިގެ ނިޒާމަކީ އަދަދެއް ކަނޑައެޅިފައިވާ ނިޒާމެއް ނޫން ކަމަށާ މިއީ ކޮންމެ ކުޑަކުއަޖްކަަށް ކޮންމެ ޒުވާނަކަށް ކޮންމެ އުމުރުން ދުވަސްވީ މީހަކަށް ސިއްޙީ ގޮތުން ދިމާވާ ކޮންމެ ކަމަކަށް ހައްލު ހޯދައިދޭނެ ނިޒާމެއް ކަމަށެވެ.
ހުސްނުވާ އާސަންދަ ތައާރަފްކުރުމާއި ގުޅިގެން ގިނަ ފަސޭހަތަކެއް ލިބޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާބަނޑު އަންހެނުންނާއި، ސުކޫލް ދަރިވަރުންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް މި ނިޒާމުން ލިބެންޖެހޭ ހުރިހާ ޚިދުމަތެއް ވެސް ބަރާބަރަށް ލިބޭނެ ކަމ،ަށެވެ.
"ކުރިން މާބަނޑު އަންހެނުންނަށް މެޑިކަލް ޗެކަޕް ހެދެނީ ވަކި މުއްދަތަކުންކަމަށްވީ ނަމަވެސް ބަލިވެ އިނީއްސުރެ އެ ކަނބަލަކަށް ލިބެންޖެހޭ ހުރިހާ ޚިދުމަތެއް މިނިޒާމުން ލިބޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ސިއްޙީ ޚިދުމަތް ހޯދަންދާ ފަރާތްތަކާއެކުދާ އެހީތެރިންނަށް ޓިކެޓް ނުލިބޭ މައްސަލައަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއްކަމަށާ މިރޭ އިފްތިތާހުރި ހުސްނުވާ އާސަންދައިގެ ދަށުން 18 އަހަރުން ދަށުގެ ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއިއެކު ދާ ކޮންމެ ފަރާތްކަށް ހިލޭ ޓިކެޓް ހުސްނުވާ އާސަންދައިން ހަމަޖެހޭނެ އިރު އެއް ރަށުން އަނެއް ރަށަށް ބަލި މީހަކު އުފުލަން ޖެހިއްޖެނަމަ އެ ހުރިހާކަމެއް މި ނިޒާމްގެ ދަށުން ކުރެވޭނެ ފުރިހަމަ އިންތިޒާމްތަކެއްވެސް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖެއިން ބޭރުގައި އުޅެނިކޮށް ދިމާވާ ކަމެއްގެ ސަބަބުން ސިއްޙީ ފަރުވާއެއް ހޯދަން ޖެހިއްޖެ ކޮންމެ ހާލަތެއްގައި ހުސްނުވާ އާސަންދައިގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ކިޑްނީ ބަދަލުކުރުމާއި، ލިވާ ބަދަލު ކުރުންފަދަ ގުނަވަން ބަދަލު ކުރުމަށް ކުރަންޖެހޭ ކޮންމެ ޚިދުމަތަކަށް އާސަންދައިން ހިލޭ ބޭސްފަރުވާ ކުރެވޭނެކަމަށް ވެސް ރައީސް މިރޭ ވަނީ ވިދާޅުވެފަ އެވެ.
"އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން މި ނިޒާމުގެ ދަށުން ކިޑްނީ ބަދަލުކުރަން ޖެހޭ ކޮންމެ ބޭފުޅަކު ކިޑްނީ ގެންދަވަންވީ، ލިވާ ބަދަލުކުރާނަމަ އެކަންވެސް ކުރަންވީ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިރޭ ތައާރަފްކުރެވުނު ހުސްނުވާ އާސަންދައިން ކޮންމެ ފިކުރެއްގެ އަދި ލޭގައި ކޮންމެ ކުލައެއް ހިންގި ނަމަވެސް އެ ފަރާތްތަކަށް އެއްވެސް ތަފާތު ކުރުމެއްނެތި ޚިދުމަތް ލިބޭނެ ކަމަށެވެ.
މިރޭގެ މި ރަސްމިއްޔާތުގައި ހުސްނުވާ އާސަންދައިގެ ލޯގޯ ވެސް ވަނީ އިފްތިތާޙްކޮށްފަ އެވެ. އަދި ހުސްނުވާ އާސަންދަގެ މައުލޫމާތު ހިމެނޭ ވީޑިޔޯ ޕްރެޒެންޓޭޝަނަކާއި، އެ ޚިދުމަތް އަތޮޅުތެރޭގައި ދެވޭނެ ގޮތް ދައްކުވައިދޭ ޚާއްސަ ސުޓޭޖް ޑްރާމާއެއްވެސް ވަނީ ހުށަޢަޅައިދީފައެވެ.
ހުސް ނުވާ އާސަންދަ އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ