ފިރިހެން ޖަމަލަކާ ބައްދަލު ވުނެ އަހަރެއް ވެފައިވާ، ހުސް އަންހެން ޖަމަލު ގެންގުޅޭ ދަނޑެއްގައި އިން އަންހެން ޖަމަލެއް އިއްޔެ ވިހައިފި އެވެ.
ޑޯރިސް ނަމަކަށް ކިޔާ މި ޖަމަލު ގެންގުޅެމުން ދިޔައީ އެންޑްރޫ ހެންޝޯވ ކިޔާ ދަނޑުވެރިއެކެވެ. އޭނާ ބުނީ، އިއްޔެގެ ވަގުތެއްގައި، ޑޯރިސް ކިޔާ ޖަމަލު ވިއްސުމަށް އެހީތެރިވެދޭން އައުމަށް އޭނާއާ އެކު ދަނޑުގައި މަސައްކަތް ކުރާ މީހާ އޭނާގެ ކިބައިން އެދުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ.
"އަހަރެން ބުނިން އަހަރެންގެ ރަހުމަތްތެރިޔާ ކައިރީގައި، ސަމާސާ ނުކުރާށޭ. އެކަމަކު ވެސް އަހަރެން އޭނާއާ އެއްކޮށް ޑޯރިސް ކައިރިއަށް ދިޔައިން. ދެން ދިޔަ އިރު ފެނުން ކުޑަކުޑަ ޖަމަލެއްގެ ބޮލާއި ފައިތަކެއް ޑޯރިސްގެ ހަށިގަނޑުން ނިކުންނަ މަންޒަރު." އެންޑްރޫ ބުންޏެވެ.
އެންޑްރޫ ބުނީ، އެ ތުއްތު ޖަމަލަށް ދަމާލި ތަނާ ހެން، ޑޯރިސްގެ ހަށިގަނޑުން އެ ޖަމަލު ނިކުތް ކަމަށެވެ.
"އަހަރެން ހިޔެއް ވެސް ނުކުރަން މި ކަން ވާނެ ކަމަކަށް. ވިހެއި ގޮތަށް ވަރަށް ތަފާތު އަޑެއް އެ ތުއްތު ޖަމަލު ލެއްވީ ވެސް. އަހަރެންނަށް ހަނދާންވީ ޖުރެސިކް ޕާރކް ފިލްމު މަތިން، އެ އަޑު އިވިގެން." އެންޑްރޫ ބުންޏެވެ.
ދަނޑުވެރިޔާ އެންޑްރޫ ބުނީ، އޭނާ ތުހުމަތު ކުރަނީ ޑޯރިސްދަރިމައި ކުރުމުގައި އުޅުނީ ޖަމަލުތައް އުޅޭ ސަރަހައްދާ ކައިރީގައި އޭނާ ގެންގުޅޭ ލާމާ ކަމަށެވެ. އެހެން ނަމަވެސް، އެކަން ހިނގުމުގެ ފުރުސަތު ވެސް ކުޑަ ކަމަށް އެންޑްރޫ ބުންޏެވެ.
އެކަމަކު، އޭނާ ބުނީ، އެންމެ ފަހުން ޑޯރިސް ފިރިހެން ޖަަމަލެއް ކައިރީގައި އުޅުނީ މިދިޔަ އަހަރު ޑޮރިސް އެހެން ދަނޑަކަށް ގެންދިޔުމުން ކަމަށާއި، ޑޯރިސް މާބަނޑުވީ އޭރު ކަމުގައި ވެދާނެ ކަމަށެވެ.
އަދި ޖަމަލަކީ 12 މަހާއި 15 މަހުގެ މުއްދަތަކަށް މާބަނޑު ދުވަސްވަރު ތަހައްމަލު ކުރާ ޖަނަވާރަކަށް ވީ ހިނދު، މިއީ ވެސް ވެދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
ފިރިހެން ޖަމަލަކާ އަހަރެއް ވަންދެން ބައްދަލުވެފައި ނުވާ އަންހެން ޖަމަލެއް ވިހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ