ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުން އަމަލު ކުރާނެ ވަކި ގައިޑްލައިނެތް ކަނޑައަޅާ އެއާ ހިލާފަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ހުކުމް އިއްވާފައި ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އެޗްއާރުސީއެމުން ހުށަހެޅި ރިޕޯޓްގައި ޖުޑިޝަރީއާ ބެހޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ އިސް ނެގުމަކަށް އެޗްއާރުސީއެމާ ދެކޮޅަށް ހިންގި ސުމޯޓޯ މައްސަލައިގަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ގާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ތަކުރާރު ނުކުރުމަށް އެޗްއާރްސީއެމްގެ މެމްބަރުންނަށް އަންގާފައެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރަން ވެސް ހުކުމުގައިވެ އެވެ.
އެޗްއާރުސީއެމުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށް، އެ ހުކުމުގައި ހިމަނާފައިވާ ގައިޑްލައިންގައި ވަނީ ޖުމްލަ 11 ކަމެކެވެ. އޭގެ ތެރޭގައި ވަކި ފަރާތަކަށް ނުޖެހުމާއި ރާއްޖޭގެ އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން ގެއްލިގެން ދާނެ ފަދަ ކަމެއް ނުކުރުމަށާއި އެފަދަ ކަމެއް ހިނގަމުން ނުދާކަން ކަށަވަރު ކުރުމާއި އެހެން މުއައްސަސާތަކުގެ ގާނޫނީ ވާޖިބަށް ހުރަސް އެޅޭ ފަދަ އަމަލެއް ނުކުރުން ފަދަ ކަންކަމެވެ.
މީގެ އިތުރުން، އިސްލާމީ ރިވެތި އަހުލާގާއި ރާއްޖޭގެ އާދަކާދަ އަށް ބުރޫ އަރާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ ކަމެއް ނުހިނގާކަން ކަށަވަރު ކުރުމަކީ ވެސް އެޗްއާރުސީއެމުން ކުރަންޖެހޭ ކަމެއް ކަމަށް ކަނޑައަޅައި، އެ ގައިޑްލައިންގައި ހިމަނާފައިވެ އެވެ.
ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށްގެން އެ މަސައްކަތްތައް ކުރިއަށް ގެންދަން ވެސް އެ ގައިޑްލައިންގައި އަންގާފައިވެ އެވެ.
ހުކުމް އިއްވުމުގެ ކުރިން އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވީ އެޗްއާރުސީއެމްގެ ރިޕޯޓުގައި ޖުޑިޝަރީއާ ބެހޭ ގޮތުން ހުރި ވާހަކަތަކަކީ ހަގީގަތާ ހިލާފް އަދި ބަލަންވާ ވަރަށް ނުބަލައި ހިމަނާފައި ހުރި ވާހަކަތަކެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ޖުޑިޝަރީން އަމަލުކުރާ އުސޫލުތަކާ ބެހި، އެ ދާއިރާގެ އިހްތިސާސްގެ ތެރެއަށް ވަނުމަކީ އެޗްއާރުސީއެމްގެ ބާރުގެ ތެރޭގައި އޮންނަ ކަމެއް ނޫނެވެ.
އެންމެ ފަހުން ސުމޯޓޯ މައްސަލައެއް ކުރިއަށް ގެންގޮސްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށެވެ. ސުޕްރީމް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ފަހު ވަނީ އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި ފުއާދު ތައުފީގާއި ނައިބު ރައީސް ހަސަން ފަޔާޒުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައިފަ އެވެ.
އެޗްއާރްސީއެމްގެ މެމްބަރުން އަމަލުކުރާނެ ގައިޑުލައިނެއް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ