އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދަށް ރުހުން ދިނުމަށް ބާއްވާ ޖަލްސާ ފަށައިފި އެވެ.
އަބްދުﷲ ސައީދަށް ރުހުން ދިނުމުގެ މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ވިދާޅުވީ މިއަދަކީ ރާއްޖޭގެ ދިމިގްރާތީ ހަޔާތުގައި ކަޅު ހިތާމަވެރި ދުވަހެއް ކަމަށެވެ.
އިމްތިޔާޒު ވިދާޅުވީ މިއަދު މިފެންނަނީ މިރާއްޖެއަށް ހެޔޮނޭދޭ ބަޔަކު މިރާއްޖެ ހަލާކުކޮށްލާ މަންޒަރު ކަމަށެވެ. އަދި މިރޭގެ ޖަލްސާގައި ނިންމާ ނިންމުންތަކުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ މިއަދަކީ ދިވެހިންނަށް މުހިއްމު ދުވަހެއް ކަމަށެވެ. އަދި މިއަދު މިފެންނަނީ ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގެން ގައުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް ކުރަމުންދާ މަސައްކަތް ކަމަށާއި މިއަދު މިގެންނަނީ ޝަރުއީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރެއްވުމަށް ރައީސް ނިންމަވާފައިވާ އަބްދުﷲ ސައީދަކީ އެ މަގާމަށް އެންމެ ގާބިލް އެއް ބޭފުޅާ ކަމަށެވެ. މިއަދު މިރާއްޖެ މިދެކޭ ސުޕްރީމް ކޯޓު ބިނާކޮށް ސުޕްރީމް ކޯޓް، ކޯޓަކަށް ހެއްދެވި އެއް ބޭފުޅަކީ ވެސް އަބްދުﷲ ސައީދު ކަމަށް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އަބްދުﷲ ސައީދަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށް މުހިއްމު ބޮޑެތި ބަދަލުތަކެެއް ގެނެސްދެއްވި ބޭފުޅެއް ކަމަށާއި ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފު އަމަލެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ވެސް ވިދާޅުވީ މިރެއަކީ ތާރީހީ މުހިއްމު ރެއެއް ކަމަށެވެ.
އިބްރާހިމް ހަސަން ވިދާޅުވީ ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރަން ނިންމަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަމަށާއި މަޖިލީހުން އެކަމަށް ދިނީ ރުހުން ކަމަށެވެ.
އުއްތަމަ ފަނޑިޔާރަކަށް ކުރައްވަން ރައީސް މަޖިލީހަށް ފޮނުއްވާފައިވާ އަބްދުﷲ ސައީދަކީ ދިވެހި ގައުމުގެ އުއްމީދު ކަމަށާއި އަދި އަބްދުﷲ ސައީދަކީ ވަަރަށް ގާބިލް ތައުލީމް ބޭފުޅެއް ކަމުގައިވެސް އިބްރާހިމް ހަސަން ވިދާޅުވި އެވެ.
އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ ބޭފުޅުން މަގާމަށް އައްޔަންކުރަން އަދި ވަކިކުރަން އެންމެފަހުގެ ނިންމުން ނިންމާނީ މަޖިލީހުން ކަމަށާއި އެއީ ގާނޫނު އަސާސީގެ ދަށުން މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށެވެ.
އާމިރު ވިދާޅުވީ އަބްދުﷲ ސައީދަކީ ޝަރުއީ ދާއިރާއަށް ކުރީގެ ސަރުކާރުން އެންމެ ބޮޑަށް ގޮންޖެހި ދުވަސްވަރު އެކަމުގައި އެންމެ ބޮޑަށް ހިތްވަރު ކުރެއްވި ސުޕްރީމް ކޯޓުގެ އެއް ފަނޑިޔާރު ކަމަށެވެ. އަދި ވިދާޅުވީ އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރަން އެމްޑީއޭ އިން ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.
އަދާލަތު ޕާޓީގެ އަނާރާ ނައީމް ވިދާޅުވީ މިރެއަކީ ތާރީހީ ރެއެއް ކަމަށެވެ. އަދި އަލަށް މަގާމާ ހަވާލުވެވަޑައިގަންނަވާ އުއްތަމަ ފަނޑިޔާރު ޝަރުއީ ދާއިރާގެ މައްސަލަަތައް އަވަސްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އުއްތަމަ ފަނޑިޔާރަކަށް އަލުން ބޭފުޅަކު އައްޔަންކުރައްވާއިރު ރައްޔިތުންގެ ހައްގުތަކަށް ހެޔޮ ބަދަލެއް އަދުލު އިންސާފުގެ ދާއިރާ އިން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އަނާރާ ވިދާޅުވި އެވެ.
ުއުއްތަމަ ފަނޑިޔާރަކަށް އަބްދުﷲ ސައީދު އައްޔަންކުރުމުގެ މައްސަލައަށް ބަހުސް ކުރަން އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުސަތު ދެއްވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މިހާރު ވަނީ މަޖިލީހުގެ ޖަލްސާ މެދު ކަނޑާލާފަ އެވެ. ދެން މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ. އެވަގުތު ކުރިއަށްދާނީ އަބްދުﷲ ސައީދަށް ރުހުން ދިނުމަށް ވޯޓަށް އެހުމެވެ.
އަބްދުﷲ ސައީދަކީ އުއްތަމަ ފަނޑިޔާރަކަށް ގާބިލް ބޭފުޅެއް: މެންބަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ