އެމެރިކާ ސިފައިންނަށް އެއްބާރުލުން ދިނުމުގެ ސްޓޭޓަސް އޮފް ފޯސަސް އެގްރިމަންޓް )ސޯފާ(ގައި ރާއްޖޭން ސޮއި ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި "ދަ ހިންދޫ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސޯފާ ގައި ސޮއި ކުރަން އެމެރިކާއިން ރާއްޖެއަށް ބާރު އެޅުމަކީ ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި އިންޑިޔާ ކަނޑުގެ ހަމަޖެހުމަށް ޗައިނާއަށް ވުރެ ބޮޑަށް އެމެރިކާގެ ބިރު އެބަ އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މައުމޫން ވިދާޅުވި ކަމަށް އެ ނޫހުގައިވެ އެވެ.
"އެމެރިކާއިން އެކަމަށް ބާރު އެޅުމަކީ ގަބޫލު ކުރާ ގޮތެއް ނޫން. ޗައިނާ އަކުން ނޫޅޭ އެކަހަލަ ކަމެއް ކުރާކަށް،" ސޯފާ އެގްރިމަންޓާ ގުޅޭ ގޮތުން ސުވާލުކުރުމުން މައުމޫން ވިދާޅުވި އެވެ.
ސޯފާ އެގްރިމަންޓާ މެދު މައުމޫން ކަންބޮޑުވުން ފާޅު ކުރެއްވި އިރު ރައީސް މުހައްމަދު ވަހީދު ވަނީ އޭގައި ރާއްޖޭން ސޮއި ނުކުރާނެ ކަން އެމެރިކާއަށް އަންގަވައިފަ އެވެ. އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވިދާޅުވެފައި ވަނީ އެ އެގްރިމަންޓް މިހާރު އޮތް ގޮތަށް ރާއްޖޭން އޭގައި ސޮއި ނުކުރާނެ ކަމަށެވެ. އެ އެގްރިމަންޓާ ގުޅޭގޮތުން ރާއްޖޭން ކުރަމުން އައި މަސައްކަތްތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.
އެ އިންޓަވިއުގައި ޖީއެމްއާރު އެގްރިމަންޓް ކެންސަލް ކުރުމާ ގުޅޭ ގޮތުން މައުމޫން ވިދާޅުވީ އެ ކޮންޓްރެކްޓް މައްސަލަ އަކަށް ވީ، އޭރުގެ ސަރުކާރުން މަޖިލީހުގެ ހުއްދައެއް ނެތި އޭގައި ސޮއި ކުރުން ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އެގްރިމަންޓް ބާތިލް ކުރި ގޮތާ މެދު ފާޑު ވިދާޅުވަމުން މައުމޫން ވިދާޅުވީ އެގްރިމަންޓްގައި ހުރި މައްސަލަތައް ވާހަކަ ދައްކައިގެން ހައްލު ކުރުމަށް މި ސަރުކާރުގައި އެދިވަޑައިގަތް ނަމަވެސް، އެގޮތަށް އެކަން ކުރުމެއް ނެތި އެގްރިމަންޓް ބާތިލް ކުރީ ކަމަށެވެ.
"އެކަން ނުކުރުމުން، [މަޝްވަރާ ނުކުރުމުގެ] ސަބަބުން ވަރަށް ދެރަކޮށް އެކަންތައް ގޮސްފައި މިވަނީ،" އެ އެގްރިމަންޓް ބާތިލް ކުރުމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.
މައުމޫން މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑު ވަޒީރު މަންމޯހަން ސިންހް އާއި ފޮރިން މިނިސްޓަރު ސަލްމާނުލް ހުރުޝިދުއާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ސޯފާ އެގްރިމަންޓްގައި ސޮއި ކުރުމަކީ ގަބޫލު ކުރާ ކަމެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ