ރިޔާސީ އިންތިހާބުގެ ކުރިން ނިންމަންޖެހޭ ބޮޑެތި މައްސަލަތައް އެބަހުރި: ޔާމީން

ރިޔާސީ އިންތިހާބުގެ ކުރިން ނިންމަންޖެހޭ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެ މައްސަލަތައް އަވަހަށް ނިންމުމަށް ޕްރޮސިކިއުޓާ ޖެނެރެލާއި ކޯޓުތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރޭ ގޮވާލައްވައިފި އެވެ.
ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ އިންތިހާބުގެ ކުރިން ނިންމަން ޖެހޭ މައްސަލަތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި މެމްބަރުންގެ އަދަދު ހަމަވުމާއި ނުވުމާ ބެހޭގޮތުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބެހޭގޮތުން ހުށަހަޅާފައިވާ މައްސަލަ ހިމެނޭ ކަމަށެވެ. ޝަރީއަތަށް ފޮނުވަންޖެހޭ ބައެއް މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ހުރި ކަމަށް ވިދާޅުވެ އެ މައްސަލަތައް އަވަހަށް ޝަރީއަތަށް ފޮނުވުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
"މިފަހަރު މިއޮތް ރިޔާސީ އިންތިހާބާ ގުޅޭ ސީދާ މައްސަލަތައް އެބަހުރި ސްޕްރީމް ކޯޓުގައި ވެސް. އެހެން ކޯޓުތަކުގައި ވެސް މައްސަލަތައް އެއްވެސް ގޮތަކަށް ނުހިނގާތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިން ބާރު ވަކިވެ، އެއް ދާއިރާއަކުން ކުރާ މަސައްކަތަށް އަނެއް ދާއިރާއަކުން ނުބެހޭގޮތަށް އޮތް ނަމަވެސް ދާއިރާތަކުގެ މަސައްކަތް އަވަސްކުރުމުގެ އިހްތިޔާރު ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވެ އެވެ. އެކަން އެގޮތަށް ހަމަޖެހިފައި އޮތަސް ރައީސް މުހައްމަދު ވަހީދު ވެސް މަސައްކަތްތައް އަވަސް ކުރުމަށް ބާރުއަޅުއްވާތަނެއް ނުފެންނަ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ޚުދު ރައީސުލް ޖުމްހޫރިއްޔާ ވެސް 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކާ ދޭތެރޭގައި ކޯޓުތައް މެދުވެރިކޮށް އަވަހަށް ގޮތެއް ނިންމަވަން އުޅުއްވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ. މިކަންކަމަކީ ގާނޫނު އަސާސީން ލާޒިމުކުރާ އާއްމު އިންތިހާބާ ބެހޭ ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް އެނގެން ޖެހޭނެ ކަންތައް. އިލެކްޝަނަށް އެނގެން ޖެހޭ ނޮމިނޭޝަން ފައިލްކުރަން އިއުލާންކުރުމުގެ ކުރިން ކޮބައިތޯ ސިޔާސީ ޕާޓީތަކުގެ ތެރެއިން ސައްހަ ޕާޓީތަކަކީ،" ޔާމީން ވިދާޅުވި އެވެ.
"ގަބޫލެއް ނުކުރެވޭ ތިން ވަނަ ފިކުރޭ ކިޔައިގެން ހަވާސާގައި އުޅޭ ކުދިކުދި ޕާޓީތަކަކީ މިހާރު އެއީ ޕާޓީތަކެއް ވެސް ނޫން. ސުޕްރީމް ކޯޓުން ނިންމުމެއް ނުނިންމާ އޮންނަނީ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކޭގޮތުގައި މިއިކީ ޕާޓީތަކެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 10،000، މެމްބަރުން ހަމަނުވާ ޕާޓީތަކާ މެދު އިންތިހާބުގެ ކުރިން ސުޕްރީމް ކޯޓުން ޒިންމާދާރުކަމާއެކު ގޮތެއް ނިންމަން ޖެހެ އެވެ.
ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ކޮބައިކަން ގާނޫނުގައި ބުނެފައިވީ ނަމަވެސް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެކަން އޮޅުންފިލުވަން ޖެހޭ ކަމަށެވެ. ސްޕްރީމް ކޯޓުން އެކަން ލަސްކުރުމުން، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ ވެސް އަދާނުކުރެއްވޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ވޯޓުލާއިރު ތިމަންނަ ވޯޓު މި ލަނީ ޕާޓީއަކުން ނުކުމެ ހުރި ކެންޑިޑޭޓަކަށްތޯ ނުވަތަ އަމިއްލަ ގޮތުން ނުކުމެ ހުރި މިނިވަން ކެންޑިޑޭޓަކަށްތޯ އެނގެން ޖެހޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ވެސް އެމްޑީޕީގެ މެމްބަރުންގެ ހައްގުގައި ކޮންމެވެސް ގޮތަކަށް ނިމެންޖެހެ އެވެ. އެ މައްސަލަ ނަޝީދުގެ މައްޗަށް ސާބިތުވިޔަސް އަދު ނުވިޔަސް އެކަން އިންތިހާބުގެ ކުރިން ސާފުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ކުރެހިގެންދާނީ ޕީޕީއެމް ނުވަތަ އެމްޑީޕީ ހިމެނޭ ގޮތަށް ކަމަށެވެ. ކުދިކުދި އެތައް ޕާޓީތަކެއް އޮތަސް އެނޫން ގޮތަށް "ސިޔާސީ ޗާޓު ކުރެހިގެން ނުދާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ