ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން "އާއްމު ރައްޔިތުން"ގެ ޕާޓީ އުފައްދަން ވިސްނަނީ

ރާއްޖޭގައި އުފެދިފައިވާ "ކޮރަޕްޝަނާއި ރިޝްވަތުގެ ބަލިމަޑުކަމާ" ދެކޮޅަށް މަސައްކަތް ކުރަން "އާއްމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހިޔާލު ހޯދަން ފަށައިފި އެވެ. އާއްމު ރައްޔިތުންގެ ޕާޓީ އުފެއްދުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު މިރޭ ވިދާޅުވިގޮތުގައި ރައްޔިތުންގެ ޕާޓީއެއް އުފެއްދުމަކީ ކުރެވިދާނެ ކަމެއްތޯ މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. އެކަމަކު އެއީ ވެރިކަމަށް ކުރިމަތިލާނެ ޕާޓީއެއް ނޫން ކަމަށާއި މައިގަނޑު ވިސްނުމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. Aammu Rayyithunge Party vujoodhah genaumah baeh meehun dhanee visanamun. Dhivehiraajjeyge siyaasee maidhaan bodubadhalakah beynun.— Husnu Al Suood (@hsuood) July 22, 2015
އާއްމު ރައްޔިތުންގެ ޕާޓީ އުފެއްދުމާ ގުޅޭ ގޮތުން ސުއޫދުގެ ޓުވީޓެއްއާއްމު ރައްޔިތުންގެ ޕާޓީ އުފައްދަން މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ސުއޫދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު އޭގެ ތަފްސީލެއް ސުއޫދު ނުދެއްވަ އެވެ. "ގައުމުގައި ކޮރަޕްޝަންގެ ވަބާއެއް އަށަގަނެފައިވާއިރު އެކަން ހުއްޓޭނެ ކަމުގެ އުއްމީދެއް ނެތް. އާއްމު ރައްޔިތުންގެ ޕާޓީ އުފެއްދުމުގެ ވިސްނުން ގެންގުޅެނީ މިކަމުން ގައުމު ސަލާމަތްކުރަން. ވެރިކަމަށް އައުމަކީ މި ޕާޓީގެ ސިޔާސަތެއް ނޫން،" ސުއޫދު ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ މެމްބަރުންނަށް ވެވޭނީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި އަދި މި ސަރުކާރުން ވެސް އެއްވެސް ނާޖާއިޒު ފައިދާއެއް ނުވަތަ މަންފާއެއް ލިބިފައި ނެތް މީހުންނަށެވެ. އެ ވިސްނުމުގައި ޕާޓީ އުފައްދަން ކުރިއަށް ގެންދާ މަޝްވަރާތަކާއި ހޯދާ ހިޔާލުތަކުން މިއީ ރަނގަޅު ކަމަކަށް ވާ ނަމަ، ޕާޓީ އުފައްދަވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.އާއްމު ރައްޔިތުންގެ ޕާޓީ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި މިވަނީ، ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅާ ބިލްތައް ފާސްކުރަން އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވޯޓު ދެނީ ސަރުކާރާ އެކު "ޑީލް ހަަދައިގެން" ކަަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. ރައީސާއި ނައިބު ރައީސްގެ އުމުރު ބަދަލުކުރުުގެ އިސްލާހާއި ނައިބު ރައީސްގެ މަގާމުން މުހައްމަދު ޖަމީލް އަހްމަދު ވަކިކޮށް، އެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް އައްޔަން ކުރުމާއި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހް ފާސްކުރަން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވޯޓު ދިނުމުން އެ ދެ ޕާޓީ އަށް އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ