މިހާރު ހުންނެވީ ބާކީވެފައިވާ، ލީޑަރަކަށް ނުވާ ބޭފުޅެއް: ޝާހިދު

ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން މިހާރު ވަނީ އެއް ފަރާތަކަށް ޖެހިވަޑައިގަންނަވާފައި ކަމަށާއި ބާކީ ހުންނެވީ ލީޑަރަކަށް ނުވެ، ބާކީވެފައިވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖްލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުން އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
 
ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި އެމްޑީޕީން ބެއްވި ޖަލްސާގައި ޥާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވީ ހުރިހާ ލީޑަރުން އެއް ފަރާތަކަށް އަރައިވަޑައިގަތުމުން މިސަރުކާރު ފެންނަނީ ވަރަށް ބޮޑަށް ބަލިވެއްޖެތަން ކަމަށެވެ. ޝާހިދު ވިދާޅުވީ މޭމަހުގެ ހަވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ރައްޔިތުން ނުކުމެ މި ހުދުމުހުތާރު ވެރިކަމަށް ނޫނެކޭބުނެ ވޯޓް ފޮށިތައް ފުރާލަންޖެހޭ ކަމަށެވެ.
 
ލާމަރުކަރީ ނިޒާމު ގާނޫނުއަސާސީގެ ބާބެއްގެ ގޮތުގައި ހިމެނުމަށް އެމްޑީޕީން މަސައްކަތް ކުރިއިރު މިސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދެކޮޅު ހެއްދެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
 
ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ގާނޫނުއަސާސީގައި ހިމަނާ އެކަމަށް ގާނޫނެއް ހަދާ، ނިޒާމު ފެށީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި މިސަރުކާރުން ތަރައްގީ މާނަކުރަނީ ކޮރަޕްޝަނާއި ފަސާދަ ހިންގުމާއި އަސާސީ ހިދްމަތްތަކުން އަގު ބޮޑު ކުރުން ކަމަށެވެ.
 
"ރައްޔިތު މިހާ އެލުވާފަ. ނިކަމެތި ކޮށްފަ. ރައްޔިތުންނަށް އަނިޔާ ކޮށްފަ. ރައްޔިތުންކައިރިއަށް ވޯޓް ހޯދަށް ގޮސްގެން ނުވާނެ. އެކަމަކު މިއަދު މިފެންނަނީ އެތަން، މިސަރުކާރަށް މިހާރު ލިބޭނީ 2.5 ޕަސެންޓް. އެވަރަށް މިސަރުކާރު ނިކަމެތި ވެއްޖެ. ކިރިޔާވެސް ލަދުހަޔާތުގެ ޒައްރެއްގެ މިންވަރުވެސް ހުރި ނަމަ ވޯޓެއް ދޭށޭ ބުނާކަށް ނުކެރޭނެ" ޝާހިދު ވިދާޅުވިއެވެ.
 
މި ސަރުކާރުގެ ވެރިކަމުގައި ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތޭރޭގައި ވައްކަމާއި ފޭރުމާއި ޚިޔާނާތާއި މީހުން މެރުންފަދަ ބޮޑެތިޖަރީމާތައް ހިންގާފައިވާ މިންވަރާއި މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ތަރައްޤީ އަކީ ރައްޔިތުން ކުޑަކަކޫ ޖައްސުވާ ރައްޔިތުންނަށް ބިރުދައްކާ ގައުމު ފަސާދަ ކުރުން ކަމަށްވާނަމަ ދެން އެކަމާއި ގުޅޭގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ