ސްޓެލްކޯ އަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެ ކައުންސިލުން ފޮނުވި ސިޓީ ކޯޓުން ބާތިލްކޮށްފި

ސްޓެލްކޯ އަށް މާލޭ ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް މެދުކަނޑާލާފައިވާކަން އަންގާ އެ ކައުންސިލުން ފޮނުވި ސިޓީ ބާތިލް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.މިދިޔަ ޑިސެމްބަރު 5 ގައި ކައުންސިލުން ސްޓެލްކޯ އަށް ފޮނުވި ސިޓީގައި ވަނީ އެ ކައުންސިލުން އެ ކުންފުންޏަށް ދެމުން އަންނަ ޚިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ސްޓެލްކޯ އިން ސިވިލް ކޯޓުގައި ދައުވާކުރީ އެ ކުންފުނިން ދޭ ކަރަންޓުގެ ޚިދުމަތްތަކަށް މާލޭގެ މަގުތައް ކޮނުމުގެ މަސައްކަތަށް އެއްވެސް ހުރަހެއް ނޭޅުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ.އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ކައުންސިލްގެ ސިޓީ އަކީ އެ ކައުންސިލްގެ ޒިންމާއަކާ ޚިލާފްވާ ގޮތަށް އޮތް ސިޓީއެއް ކަމަށް ވާތީ އެ ސިޓީ ބާތިލްކުރާ ކަމަށެވެ. ނަމަވެސް މަގުތައް ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއަކަށް ވާތީ އެއްވެސް ޝަރުތަކާ ނުލައި މަގުތައް ކޮނެ ހެދުމުގެ ހުއްދަ ދޭން ކައުންސިލްގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ގާޒީ މަރިޔަމް ނިހާޔަތު އިއްވެވި ހުކުމުގައިވެ އެވެ.މާލެ އަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ ޖަނެރޭޓަރެއް ބަހައްޓާފައިވާ ދެ ބިމެއް ހުސްކުރަން ވެސް ކައުންސިލުން ވަނީ ސްޓެލްކޯ އަށް އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ