އަމިއްލަ މަސައްކަތަށް ވުރެ ރައްޔިތުންގެ ކަންތައް މުހިންމު ވެއްޖެ: ގާސިމް

ކޮންމެ ދުވަހަކު ރައްޔިތުންގެ ރުއިމާއި ވޭނީ ހާލަތުގެ ވާހަކަތައް އިވިއިވި "ހިތް ފަޅައިގެންދާން" ކައިރިވެއްޖެ ކަމަށާއި އަމިއްލަ މަސައްކަތްތައް ކުރިއެރުވުމަށް ވުރެ ރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް ހޯދައިދިނުން މުހިންމު ވެއްޖެ ކަމަށް، މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ. އިންތިހާބުގެ ކުރިން އެންމެ ފަހު ފަހަަރަށް ގައުމާ މުހާތަބު ކުރައްވައި މިއަދު ހެނދުނު ދެއްވި ތަގުރީރުގައި ގާސިމް ވިދާޅުވީ ސިންގަޕޫރާއި ދުބާއީގެ ފެންވަރަށް ރާއްޖެ ތަރައްގީކުރުމަކީ މާތްﷲގެ އިރާދަފުޅާ އެކު ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި އެ ހިސާބަށް ގެންދެވޭނެ ތަނަވަސްކަމާއި ވަސީލަތްތައް ރާއްޖެ އިން ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ."އެހިސާބަށް މި ގައުމައިގެން ދަތުރުކުރާނެ އިލްމުވެރި ދަރިން މި ގައުމުގައި އުފެއްދޭނެ. ދިވެހި ރައްޔިތުން، ދިވެހި ސަރުކާރު ހިންގުން އަޅުގަނޑާ ހަވާލުކުރައްވައިފި ނަމަ، އިންޝާﷲ، ދުބާއީ އާއި ސިންގަޕޫރުގެ ފެންވަރަށް މި ގައުމު އުފުލާލަދެވޭނެ ތަޖްރިބާ އާއި ވިސްނުން އަޅުގަނޑުގެ އެބަހުރި. އެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭނާ ރާއްޖޭގެ ވެރިކަން ކުރާނީ، ހުރިހާ އެންމެން އެއްބައިވަންތަކޮށްގެން، އެންމެންނަށް އޯގާތެރިވެގެންނެވެ. އަދި ކަންކަން ކުރާނީ އެންމެ އެކަށޭނަ އަމާނާތްތެރި، ގާބިލް މީހުންނާ އެކަމެއް ހަވާލުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖެ އަކީ ދުނިޔޭގެ ނިސްބަތުގައި ވެސް އެންމެ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއް އޮތް ތަނަކަށް ހަދާނެ ކަމަށެވެ. "އެންމެ ގިނަ ބަޔަކު ބޭސްފަރުވާ އާއި ޗުއްޓީ ހޭދަކޮށްލަން އަންނަން ޝައުގުވެރިވާ، ވިޔަފާރީގެ ކާރުބާރު އެންމެ ބޮޑު، ދަތުރުފަތުރާއި ދިރިއުޅުން އެންމެ ފަސޭހަ، ތިޔާގިކަމުގެ ފުރުސަތު އެންމެ ބޮޑު، އެންމެ އުފާފާގަތި، އަމާންކަން އިންތިހާ އަށް އޮތް ގައުމުތަކުގެ ލިސްޓުން މި ދިވެހިރާއްޖެ އަށް އަޅުގަނޑުގެ ވެރިކަމުގައި ޖާގަ ހޯދައި ދޭނަން. ދިވެހި ކޮންމެ ރައްޔިތަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ގަދަރުވެރި އަދި ގައުމަށްޓަކައި ފަޚުރުވެރިވުމާ އެކު ހިނގާބިނގާވެ އުޅޭ ރައްޔިތަކަށް ހަދާނަން،"  ރާއްޖޭގެ އެންމެ ބޮޑު އެެއް މަހުޖަނު ވިދާޅުވި އެވެ.މާތް ﷲ ގަންދީ ހުވާކުރައްވައި ގާސިމް ވިދާޅުވީ "ނުހަނު އަމާނާތްތެރިކަމާ އެކު" ވެރިކަން ކޮށްދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ "ދައުލަތުގެ އެންމެ ފައިސާ ފޮއްޗަކަށް ވެސް ޚިޔާނާތްތެރިއެއް ނުވާނަން" ކަމަށާއި "ދައުލަތުގެ ތަނަވަސްކަމުގައި އަޅުގަނޑުގެ އާއިލާއެއް ނުގެންގުޅޭނަން" ކަމަށެވެ. "ރައްޔިތުންގެ މެދުގައި ހަމަހަމަ ކުރާނަން. އަތޮޅުތަކާއި މާލޭގެ ފަރަގު ނައްތާލާނަން. ކޮންމެ ރައްޔިތަކަށް ވެސް އުފާފާގަތިކަމާއި ކުރިއެރުމުގެ ފުރުސުތު މި ގައުމުން ހޯދައިދޭނަން. ދުވަހަކު ވެސް، ދުވަހަކު ވެސް މި ރާއްޖެ ދެކެފައިނުވާ ތަރައްގީ އާއި ކުރިއެރުން މާތްﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ރާއްޖެ އަށް ގެނަސްދޭނަން،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމުގެ ހައްގުގައި އޭނާގެ ހިތުގައި އޮތް ތެދުވެރި ޝުއޫރުތައް ރައްޔިތުން ގަބޫލުކުރުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް "ހެޔޮ އެދޭ، ވަފާތެރިއެއްގެ ގޮތުގައި އަޅުގަނޑު ބަލައިގަތުން" އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."[އަޅުގަނޑު އެދެނީ] ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ހުރިހާ ރައްޔިތުންނާ ވެސް ހިތްތިރިކަމާ އެކު ވާހަކަ ދައްކައި، އެހީތެރިކަމާއި އިހުސާންތެރިކަމާއި އަދުލުވެރިކަމާ އެކު ވެރިކަން ކޮށްދޭނެ ރައީސުލްޖުމްހޫރިއްޔާއެއް ކަމުގައި އަޅުގަނޑު، އާދެ، ތިޔަ އެންމެހާ ރައްޔިތުންނަށް އަބަދުމެ ހެޔޮ އެދޭ ގާސިމް އިބްރާހީމް، ރާއްޖޭގެ ރައީސް ކަމަށް ހިޔާރު ކުރެއްވުން. ކެންޑިޑޭޓް ނަންބަރު އެކަކަށް ވޯޓުދެއްވައި ތަރައްގީ ގައިމު ކުރެއްވުން،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ