ދެ ފުށް ފެންނަ ގޮތަކަށް ބާއްވާ އިންތިހާބަކުން ކޮންމެ ގޮތަކަށް ނަތީޖާ ނިކުތް ނަމަވެސް ޕީޕީއެމުން އެކަން ގަބޫލުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އިގްތިސާދީ މެނިފެސްޓޯ އިއުލާންކުރުމަށް ދަރުބާރު ގޭގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އިންތިހާބާ މެދު ރައްޔިތުންގެ އިތުބާރު އުފައްދާ އަދި އިންތިހާބަކީ މިނިވަން، އިންސާފުވެރިން އިންތިހާބަކަށް ވާނެ ކަމުގެ ޔަގީންކަން އެކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާ އިން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭ ގޮތަށް ހުރި ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން އެބޭފުޅުން ވެސް އެގޮތަށް ކަންތައްތައް ކުރައްވާނީ. އެހެން ވެއްޖެ ނަމަ ކޮންމެ ގޮތަކަށް އިންތިހާބުގެ ނަތީޖާ އައި ނަމަވެސް އަޅުގަނޑުމެން އެކަން ގަބޫލު ކުރާނެ. އަޅުގަނޑުމެންގެ ބޭނުންމެއް ނޫން އިންތިހާބުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާކަށް،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިހާބުގެ ހުރިހާ ކަމެއް ވެސް އޮމާންކަމާއި އިންސާފުވެރިކަމާ އެކު ގެންދިޔުމަށް ސިޔާސީ ފަރާތްތަކުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ އެއްވެސް ފަރާތަކުން އިންތިހާބުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގަން ބޭނުން ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންވެ އެމަނިކުފާނު އެދިވަޑައިގަތީ އިންތިހާބުގެ ތެރޭގަ އާއި އޭގެ ފަހުން ހޮވޭ ސަރުކާރަކަށް އެއްބާރުލުން ދިނުމުގައި އޮމާންކަމާ އެކު އެކަން ކުރިއަށް ގެންގޮސް ދެއްވުމަށެވެ.
"އެއް ފަރާތުން އަނެއް ފަރާތަށް ބާރުތައް ބަދަލުކުރުމުގައި ވެސް އަދި އިންތިހާބުގެ ތެރޭގައި ވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ގޮތަށް ކަންތައްތައް ކޮށްދެއްވުމަށް ހުރިހާ ސިޔާސީ ފަރާތްތަކުން ވެސް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެން،" މައުމޫން ވިދާޅުވި އެވެ.
ރޭ ލޯންޗް ކުރި އިގްތިސާދީ ސިޔާސަތުގެ މައްޗަށް ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ރާއްޖޭގެ ރީތިކަމާއި އަދި ކަނޑުފަޅުތަކުގެ ބޭނުންކޮށްގެން ރާއްޖެ އަށް އިގްތިސާދީ ބޮޑެތި ފައިދާތަކެއް ހޯދިދާނެ ކަމަށެވެ. ސިއްހީ ރަނގަޅު ފަރުވާ އާއި އެހެން ވެސް ހިދުމަތްތައް ރައްޔިތުންނަށް ލިބެން އަންނަނީ އިގްތިސާދު ރަނގަޅު ވެގެން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮށްދެވޭނެ ގޮތުގެ ތަސައްވުރެ އޮތީ ޕީޕީއެމްގަ އެވެ.
"އެހެން ބޭފުޅުން ގިނަ ކަންކަން ކޮށްދެއްވާ ވާހަކަ އެބަ ވިދާޅުވޭ. ނަމަވެސް އަޅުގަނޑުމެންގެ މި އޮތީ އެކަންކަން ކޮށްދެވޭނެ ގޮތްތަކެއް. އިގްތިސާދު ފުދުންތެރި ކުރުން. ހޮސްޕިޓަލެއް ބޭނުންވާ އިރު އެކަން ކުރެވޭނީ ފައިސާ ހޯދައިގެން. ޕީޕީއެމްގެ މެނިފެސްޓޯގައި މި އޮތީ އެކަން ކުރެވޭ ގޮތަށް،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ތަޖުރިބާ އާއި އިލްމް ހުރި ބޭފުޅަކީ ވެސް ޔާމީން ކަމަށެވެ. އަދި އިގްތިސާދީ ގޮތުން ރަނގަޅު ނަތީޖާއެއް އޭނާ ހޯދައިދެއްވާފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ތިއްބެވި އެހެން އެއްވެސް ބޭފުޅަކު ޔާމީންއާ އެއްވަރަށް އިލްމާއި ތަޖުރިބާ ލިބިވަޑައިގެންފައި ނެތް ކަމަށެވެ.
"މިގައުމުގެ ތަރައްގީ އާއި ލާބަޔަށް އަޅުގަނޑުމެން އެބަ ޖެހޭ މި އިންތިހާބު ކާމިޔާބުކުރަން. ޕީޕީއެމަށް މި ރާއްޖެ އަށް ތަރައްގީ އަދި ފާގަތިކަން ގެނެސްދެވޭނީ. އަޅުގަނޑުމެންގެ އެ ސިޔާސަތުތައް ހުރީ،" މައުމޫން ވިދާޅުވި އެވެ.
ދެ ފުށް ފެންނަ އިންތިހާބެއްގެ ނަތީޖާ ގަބޫލުކުރާނަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ