ހުޅުމާލޭ ކޯޓުގައި ބަލަމުންދާ މައްސަލަތައް މިވަގުތު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ބުދަ ދުވަހު ހުޅުމާލޭ ކޯޓަށް އަންގައިފި އެވެ.
ހުޅުމާލޭ ކޯޓުގައި ހުރި މައްސަލަތައް އެ ކޯޓުން ބެލުން މަޑުޖައްސާލީ ހުޅުމާލެ ކޯޓުގެ ސައްހަކަމާމެދު ސުވާލު އުފައްދައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރި ނުކުތާތަކާ ގުޅިގެން، ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދާ ނަޝީދުގެ ޝަރީއަތް މަޑުޖައްސާލުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރުމާ ގުޅިގެންނެވެ. ނަމަވެސް ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި، މީގެ އަހަރު ދުވަސް ކުރިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބެލުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
ކުށް ނުކުރާ މީހަކު ގަސްދުގައި ހައްޔަރުކުރުމުގެ ކުށުގެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކޮށްފައި ވަނީ ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގަ އެވެ.
ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ސައްހަކަމާމެދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމަންދެން ހުޅުމާލޭ ކޯޓުގައި ހުރި މައްސަލަތަކާއި އެ ކޯޓުގައި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އަންގައި ސުޕްރީމް ކޯޓުން އިއްޔެގެ ވަގުތެއްގައި ހުޅުމާލޭ ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް ނަޝީދުގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ކުރިއަށް ނުގެންދިއުމަށް ހައި ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ސުޕްރީމް ކޯޓުގެ އެ އެންގުމުގެ ސަބަބުން ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ހުޅުމާލޭ ކޯޓުގެ ސައްހަކަމާމެދު ސުވާލު އުފައްދާ ސިވިލް ކޯޓަށް ކުރިން ހުށަހަޅާފައި އޮތް މައްސަލައިގެ ފައިލް މިހާރު ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ކުރިން ހިނގަމުން ދަނިކޮށް މައްސަލަ މަޑުޖައްސާލީ ވެސް ސުޕްރީމް ކޯޓުގެ އެންގުމަކަށެވެ.
ނަޝީދު ޝަރީއަތް މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރު ނެރުމުން ހުޅުމާލޭ ކޯޓުން ނެރުނު އިއުލާނެއްގައި އެ އަމުރާ ގުޅިގެން އެ ކޯޓުގައި ހުރި ހުރިހާ ބާވަތެއްގެ މައްސަލަތަކާއި އެ ކޯޓުގެ ސައްހަކަމާމެދު އުފެދިފައިވާ ސުވާލަށް އަސަރުކުރާ އެންމެހައި މަސައްކަތްތައް މަޑުޖައްސާލާފައިވާ ކަމަށެވެ.
ހުޅުމާލޭ ކޯޓުގައި ހުރި މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ