ފެބުރުއަރީ ހަތަކީ ނަޝީދު އަމިއްލަ އަށް ކުރެއްވި ކަމެއް: ގާސިމް

ފެބްރުއަރީ ހަތަކީ ކުރީގެ ރައީސް "އަމިއްލަ އަށް ކުރެއްވި ކަމެއް" ކަމަށާއި އެ މަނިކުފާނު އިސްތިއުފާ ދެއްވީ ދެން ވެރިކަން ނުކުރެއްވޭނެ ކަން އެނގިވަޑައިގެންނެވުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހްމީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ޓްރޭޑާސް ހޮޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ "ސިފައިންނާއި ފުލުހުން ވަކި ހިސާބަކުން އޭނާގެ [ކުރީގެ ރައީސް ނަޝީދު] އަމުރަށް ކިޔަމަން ނުވީ" ކަމަށެވެ. އަދި "އެއީ ބަޣާވާތަކަށް ވަންޏާ އެއީ ބަޣާވާތް" ކަމަށް ގާސިމް ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުން ކުރީގެ ރައީސް ނަޝީދުގެ އަމުރަށް ކިޔަމަން ނުވީ ޣައިރު ގާނޫނީ އަމުރު ކުރައްވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ސިފައިންނާއި ފުލުހުންނަށް ޣައިރު ގާނޫނީ އަމުރުކުރީ އޭނާ. ސިފައިންނާއި ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު ކުރީ އޭނަ. އޭނާ ގާނޫނު އަސާސީއާ ހިލާފަށް މީހުން ގެންގޮސް ހައްޔަރުކުރީ. ބަންދުކުރީ. އޭނާ ދޫކޮށްނުލީ،" ގާސިމް ވިދާޅުވި އެވެ.
ނަޝީދަކީ މިހާރު ހައްޔަރުކުރަން ޖެހޭ ބޭފުޅެއް ކަމަށާއި "ގާނޫނު އަސާސީން އެކަން ކުރާނެ" ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކަން ނުކޮށްފި ނަމަ ދެން އަންނަ ވެރިން ވެސް ސިފައިން ބަދުނާމު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ނަޝީދަށް ވެރިކަން ނުކުރެއްވޭނެކަން އެމަނިކުފާނަށް އެނގިވަޑައިގެން އިސްތިއުފާ ދެއްވުމަށް ފަހު، މިހާރު މަސައްކަތްކުރައްވަމުން އެ ގެންދަވަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލެއްވުމުގެ ގޮތުން ކަމަށާއި އެއީ "ރައްޔިތުންނަށް ވިހަލުން" ކަމަށް ގާސިމް ވިދާޅުވި އެވެ.
ފެބްރުއަރީ ހަތަކީ ބަޣާވާތެއް ނޫން ކަމަށް މިއަދުގެ ރަސްމިއްޔާތުގައި އަލްހާން ވިދާޅުވި އެވެ. އަދި ހަތެއް ފެބުއަރީ އަކީ ބަޣާވާތެއް ކަމަށް މިހާތަނަށް އެނގެން ނެތް ކަމަށް ޑރ. ޑީޑީ ވެސް ވިދާޅުވި އެވެ. ނަމަވެސް ނަޝީދުގެ ވެރިކަން ބަދަލުވެފައިވަނީ ބަޣާވާތަކުން ކަމަށާއި މިހާރު ވެސް އޮންނަން ޖެހޭނީ ނަޝީދުގެ ވެރިކަން ކަމަށް އެ ދެ ބޭފުޅުން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ