މި ޕާޓީ އަށް ރައްޔިތުން ކުރާ އިތުބާރު 100،000 އަށް ވުރެ ގިނަ ވޯޓުން ހާމަވެއްޖެ: އެމްޑީޕީ

ތަފާތު ޕާޓީތައް ގުޅިގެން އިންތިހާބުގެ ދެ ވަނަ ބުރަށް އުފެއްދި ކޯލިޝަންގެ މައްޗަށް އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ކާމިޔާބު ނުހޯއްދެވުނު ނަމަވެސް އިންތިހާބުގައި 105،181 ވޯޓާ އެކު 48 ޕަސެންޓް ލިބުމުން އެމްޑީޕީ އަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ހާމަވެފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތުގެ އިތުރުން ވެސް އެހެން ކުދި ޕާޓީތައް ގުޅިގެން ވާދަކުރި އިންތިހާބު، ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން ކާމިޔާބުކުރެއްވީ 111،203 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 51.39 ޕަސެންޓެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ނިމިގެން ދިޔަ އިންތިހާބުގައި އެ ޕާޓީ އަށް ލިބުނު ވޯޓުގެ އަދަދު އިތުރުވަމުން ދިއުމަކީ އެ ޕާޓީން ހެޔޮ ވެރިކަމެއް ގާއިމްކޮށް، ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓައި ރައްޔިތުންގެ ފަރުދީ މިނިވަންކަން ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން ވެސް އަންގައިދޭ ކަމެއް ކަމަށެވެ.
"އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 91.41 ޕަސެންޓް މީހުން ނިކުމެ ވޯޓު ދިނުމުގެ ހައްގު ބޭނުންކޮށްފައިވާތީ ޑިމޮކްރެސީގެ އުސޫލުތައް ނެގެހެއްޓުމަށް ރައްޔިތުން ކުރަމުންދާ އުންމީދުތައް ހާމަކޮށްދެ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ގާނޫނީ ވެރިކަމެއް ނެތިގޮސް، ރައްޔިތުން އުފުލި ތަކުލީފަށް ނިމުމެއް ގެނައުމަށް އެމްޑީޕީ އިން ތަކުރާރުކޮށް އިންތިޚާބެއް ބޭއްވުމަށް ގޮވަމުން އައި ގޮވުމަކީ ރައްޔިތުން ވެސް ބޭނުންވާ ގޮތްކަން އެނގިގެން ހިނގައްޖެ އެވެ،" އެ ބަޔާނުގައިވެ އެވެ.
އިންތިހާބުގެ ކެމްޕޭންގައި އެ ޕާޓީގެ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ގިނަ ބަޔަކު މަސައްކަތްކޮށްފައިވާކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެ އެވެ. އޭގެ އިތުރުން ދިމާވި ގޮންޖެހުންތަކާ އެކު ވެސް ބައިނަލްއަގުވާމީ ޖަމިއްޔާތައް ބަލައިގަންނަ ފަދަ އިންތިހާބެއް ބާއްވާފައިވާތީ އިލެކްޝަންސް ކޮމިޝަނަށް ވެސް އެ ބަޔާނުގައި އެމްޑީޕީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެމްޑީޕީން ބުނި ގޮތުގައި ވާދަވެރި ސިޔާސީ ޕާޓީގެ ހައިސިއްޔަތުން އެ ޕާޓީ އަށް ދެން އޮތީ ސަރުކާރު ޒިންމާދާރުކުރުވުމެވެ. އެ މަސައްކަތުގައި އެ ޕާޓީން ދެމިތިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ