ކޯޓުން ދިން މުއްދަތު ހަމަވާ އިރު ވެސް ޝާނަށް ދައުވާކުރުމާ މެދު ގޮތެއް ނުނިމޭ

މިދިޔަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ތުހުމަތުކުރެވޭ ހ. ހިކޯސްޓް، އަލީ ޝާންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ކޯޓުން ދީފައިވާ މުއްދަތު މިއަދު ހަމަވާއިރު ވެސް އެކަމުގައި ގޮތެއް ނިންމާފައިނުވާ ކަމަށް ޕީޖީން ބުނެފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ޝާންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ، ޝާންގެ މައްޗަށް ދައުވާކުރުމާ މެދު 10 ދުވަސް ތެރޭގައި ގޮތެއް ނިންމަން ޕީޖީ އަށް އަންގައިފަ އެވެ. ކުރިން ޝާންގެ ބަންދަށް 15 ދުވަސް ދެމުން އައި ނަމަވެސް އެދުވަހު ދިނީ ވެސް 10 ދުވަހުގެ މުއްދަތެކެވެ. އެހެންކަމުން ޝާންގެ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ވަގުތެއްގައި އަނެއްކާ ވެސް ކޯޓަށް ހާޒިރުކުރާނެ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޝާންގެ މައްޗަށް ދައުވާކުރުމާ މެދު މިހާތަނަށް ވެސް ގޮތެއް ނިމިފައިނުވާ ކަމަށެވެ. އެ ކަމުގައި އަދިވެސް ގޮތެއް ނިމިފައިނުވަނީ އެ މައްސަލަ ދިރާސާކުރަމުންދާތީ ކަމަށާއި ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ޕީޖީ އަށް ފޮނުވާފައިވަނީ ޝާންގެ އިތުރުން ހ. ލޮބީ، ހުސައިން ހުމާމް އަހުމަދުގެ މައްސަލަ އެކަންޏެވެ. އޭގެ ތެރެއިން ހުމާމްގެ މައްޗަށް ދައުވާކޮށް އެ މައްސަލަ މިހާރު ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ފަށައި އޭނާ އަށް ދައުލަތުގެ ފަރާތުން މިހާރު ވަނީ ވަކީލަކު ވެސް އައްޔަންކޮށްދީފަ އެވެ.
އަފްރާޝީމްގެ މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ކުޑަކުއްޖާގެ ތަހުގީގާ މެދު ވެސް އަވަހަށް ގޮތެއް ނިންމަން ޖުވެނައިލް ކޯޓުން ވަނީ ފުލުހުންނަށް އަންގައިފަ އެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރި ގިނަ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން ކަމަށް ބުނެ ކޯޓުން ވަނީ އެ މީހުން ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި މިހާރު ބަންދުގައި ތިބީ ވެސް ޝާނާއި ހުމާމްގެ އިތުރުން 16 އަހަރުގެ ކުޑަކުއްޖާ އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ