ޕީޕީއެމަށް މުއައްސަސާތަކާ ބައްދަލުކުރެވޭނެ މަގު ފަހިކޮށްދޭން މައުމޫން އެދިވަޑައިގެންފި

ރާއްޖޭގައި ކުށްކުރުން އާންމުވެ މީހުން މަރަމުންދާތީ އެކަމުގައި ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކާ ޕީޕީއެމަށް ބަދަލުކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް ރައީސް ވަހީދުގެ އަރިހުން އެ ޕާޓީގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ އެދިވަޑައިގެންފި އެވެ.
މައުމޫން މިއަދު "ހަވީރަ" ށް ވިދާޅުވި ގޮތުގައި އެގޮތަށް ރައީސް ވަހީދުގެ އަރިހުގައި އެދިވަޑައިގަތީ ރޭ އެމަނިކުފާނަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވަހީދު މިހާރު ހުންނެވީ ޗުއްޓީއެއްގައި އެމެރިކާގަ އެވެ.
މައުމޫން ވިދާޅުވީ މާރާމާރީތައް ހުއްޓުވުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ދިމާވާ މައްސަލަތާ މެދު މަޝްވަރާކުރުމަށްޓަކައި ކަމާ ގުޅޭ ސަރުކާރުގެ މުއައްސަސާތަކާ މަޝްވަރާކުރުމަށް ރައީސް ވަހީދަށް ދެންނެވުމަށް އިއްޔެ ބޭއްވި ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވީ އެ ޕާޓީގެ ކައުންސިލް މެމްބަރު އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އިއްޔެ ރޭ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
"އަޅުގަނޑު ރޭ ރައީސަށް ގުޅާފައި ދެންނެވިން ކަމާ ގުޅޭ މުއައްސަސާތަކާ ޕީޕީއެމް އަށް ބައްދަލުކޮށް މަޝްވަރާ ކުރެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް. އަޅުގަނޑުމެން ބޭނުމޭ ރައްޔިތުންނަށް އަމާން ތަނަކަށް މި ރާއްޖެ ހަދަން. މި މާލޭގައި މިހާރު ރޭގަނޑު އެކަނި ބޭރަށް ދާކަށް ނުކެރޭ. އަޅުގަނޑު އެދުނު ކަންތަކަށް ރައީސް މަރުހަބާ ވިދާޅުވި. ރައީސް ވިދާޅުވި މިހާރު މި އަންގަވަނީ ޕީޕީއެމް އިން އެދުނީމާ މުއައްސަސާތަކުން ބައްދަލުކޮށް އެއްބާރުލުން ދިނުމަށް،" މައުމޫން ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މައުމޫން ވިދާޅުވެފައި ވަނީ ކުށް މަދުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށް ހެދުމަށް ރައީސް ވަހީދަށް ދެންނެވި ކަމަށެވެ.
މިއަދު "ހަވީރަ" ށް ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ މި އަހަރުގެ ތެރޭގައި ނުވަ މީހަކު މަރާލާފައި އޮތުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އެކަމަށް ހައްލެއް ބޭނުންވާ ކަމަށެވެ.
"މިއީ ތަންކޮޅެއް ބޮޑުވަރު ދެއްތޯ؟ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުން ތައުބީންގެ ޖަލްސާއަކުން ނުފުދޭނެ. އެއަށް ވުރެ ފުޅާކޮށް އެބަ ޖެހޭ ކަންކަން ތަންފީޒު ނުކުރެވޭ މައްސަލަ ހޯދައި ދެނެގަންނަން،" މައުމޫން ވިދާޅުވި އެވެ. "މާރާމާރީ އާއި ކުށްތައް މަދުކުރުމަށް ތަންކޮޅެއް ކުރިން ޓާސްކް ފޯސްގެ މަސައްކަތް ވެސް ސަރުކާރުން ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިޔަ. އެކަމަކު އެ މަސައްކަތް ވެސް ވަކި ހިސާބަކުން އޮތީ ހުއްޓިފައި. އެހެންވީމާ ކަންކަން ތަންފީޒު ނުކުރެވެނީ ކީއްވެތޯ އާއި ދަތިތަކަކީ ކޮބައިތޯ އެނގެން އެބަ ޖެހޭ. ފުލުހުންނަށް ދަތިވާ ކަންތައްތަކެއް ވެސް ހުރެދާނެ. ޝަރީއަތް ހިންގުމަށް ވެސް ދަތިވެދާނެ. އެބަހުރި ގާނޫނުތައް ހެދިފައި. އެކަމަކު ތަންފީޒު ކުރުމުގައި ކޮޅެއްގައި ޖައްސަން އެބަ ޖެހޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ