އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 25 އަހަރަށް ކުއްޔަށް ދޭން އެގްރިމަންޓްކުރީ ގާނޫނު އަސާސީއާ ހިލާފަށް އަދި ވަންހަނާ ގޮތަކަށް ކަމަށް އެ ކުންފުނީގެ އިސް ވެރިޔާ ޖީ.އެމް ރާއޯ އަށް ދެންނެވި ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އަނބިކަބަލުން ނަސްރީނާ އިބްރާހީމްގެ ބޭސްފަރުވާ އަށް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރިވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމުން، ރާއޯ ބޭއްވެވި ބައްދަލުވުމުގައި އެ ކުންފުނިން އެދުނީ ކޮން ކަމެއްތޯ "ހަވީރު"ން ސުވާލުކުރުމުން މައުމޫން ވިދާޅުވީ އެ ކުންފުނިން ބޭނުންވަނީ ވީހާވެސް ރަނގަޅަށް އެއާޕޯޓް ހިންގަން ކަމަށް ރާއޯ ވިދާޅުވި ކަމަށެވެ. ނަމަވެސް އެ އެގްރިމަންޓުގައި ހުރި ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތައް ރާއޯއާ ހިއްސާކުރެއްވި ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެއީ ކުރިން ރޭވިގެން ބޭއްވި ބައްދަލުވުމެއް ނޫން. އަޅުގަނޑުމެން ތިބި ހޮސްޕިޓަލަށް ރާއޯ ޒިޔާރަތްކުރެއްވީ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއާޕޯޓް ކުއްޔަށް ދިން މައްސަލައިގެ ކަންބޮޑުވުންތައް ރާއޯ އަށް ދެންނެވި ކަމަށެވެ. ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި ރާއޯ ފުރަތަމަ ވެސް ދެއްކެވީ ޖީއެމްއާރު ކުންފުނީގެ ވާހަކަ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ވެސް [ރާއޯ] ދެއްކެވީ އެ ބޭފުޅުންގެ ކުންފުނީގެ ވާހަކަ. އެ ކުންފުންޏަކީ އިންޑިއާގެ ވަރަށް ބޮޑު ކުންފުންޏެއް ކަމަށާއި އިންޑިއާގެ ވަރަށް ގިނަ ދާއިރާތަކުގައި، ވިޔަފާރީގެ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ ކަމާއި އެ މީހުންނަށް ހޯދިފައިވާ ކާމިޔާބީތަކުގެ ވާހަކަ،" މައުމޫން ވިދާޅުވި އެވެ.
އޭގެ ފަހުން އެއާޕޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން ކަމަށް ވާތީ، އެކަން ވީހާވެސް ރަނގަޅަކަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ރާއޯ ވިދާޅުވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނާ އިންޑިއާއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތޭ. އިންޑިއާ އިން ވެދެމުން ގެންދާ އެހީތަކަށް އަބަދުވެސް އަޅުގަނޑުމެން ޝުކުރުވެރިވަމޭ. އެގޮތުގެ މަތީގައޭ މިތިބީ، އެއްވެސް ދިވެއްސަކު އިންޑިއާ އަށް ގޯސްކޮށް ނޭދޭނެއޭ. އަޅުގަނޑުމެންގެ ހެޔޮއެދުން އިންޑިއާ އަށް އެބަ އޮތޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖީއެމްއާރުގެ އެގްރިމަންޓް އުވާލުމަށް ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ކުރާ މަސައްކަތަށް ކާމިޔާބު ލިބުނު ނަމަވެސް ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެއީ ދެ ގައުމުގެ ސަރުކާރުގެ މެދުގައި އޮތް މައްސަލައެއް ނޫން ކަމަށާއި އެއީ އަމިއްލަ ވިޔަފާރި މުއާމަލާތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގާ އެކު ބޭއްވެވި ބައްދަލުވުމުގެ ތަފްސީލު ދެއްވަމުން މައުމޫން ވިދާޅުވީ ރާއްޖެ އަށް އިންޑިއާ އިން ދެމުން އަންނަ އެހީތަކަށް ޝުކުރުއަދާކުރެއްވި ކަމަށެވެ. އަދި އެ ގުޅުން ހަރުދަނާކުރުމަށް ޕީޕީއެމުން ބޭނުންވާ ކަމަށް ބޮޑުވަޒީރަށް ދެންނެވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާވި ގޮތުގައި ވަކި ސަރުކާރަކަށް ނުބަލައި ރާއްޖެ އަށް ހުރިހާ ގޮތަކުން ވާގިވެރިވެދެއްވާނެ ކަމަށް ބޮޑުވަޒީރު ވަނީ ޔަގީންކަން ދެއްވާފަ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންކަން ހިނގަމުން އަންނަ ގޮތާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެމަނިކުފާނަށް ރާއްޖޭގައި ހިނގާ ކަންތައްތަކުގެ ތަފްސީލު އެރުވިން. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކުން އެއްބަސްވާ ގޮތެއްގެ މަތިން ރާއްޖޭގެ މައްސަލަތަކަށް ދިވެހިން ހައްލެއް ހޯދުން. ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ދިވެހި ރައްޔިތުން ބޭނުންވާ ދިވެހި ހައްލެއް ހޯދުމޭ ތިމަން މަނިކުފާނު އެދިވަޑައިގަންނަވާ ގޮތަކީ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓް ދީފައިވާ މައްސަލައާ ގުޅޭ ގޮތުން ވެސް ބޮޑުވަޒީރާ އެކު ވާހަކަ ދެކެވުނު ކަމަށެވެ. ބޭރު ގައުމުތަކުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަށް ދިއުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ބޮޑުވަޒީރު އިޝާރާތްކުރެއްވި ކަމަށާއި ޖީއެމްއާރުގެ މައްސަލަ ވެސް ބޮޑުވަޒީރު އޮޅުންފިލުއްވި ކަމަށް މައުމޫން ވިދާޅުވި އެވެ.
"އިންޑިއާއާ ދޭތެރޭ އަދި އިންޑިއާގެ އެއްވެސް ކުންފުންޏަކާ ދޭތެރޭ ވެސް އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތޭ ދެންނެވިން. އަޅުގަނޑުމެންގެ މައްސަލަ މިއޮތީ ކުރީ ސަރުކާރުން އެކަންތައް ކުރެއްވި ގޮތާ ދޭތެރޭގައޭ [ދެންނެވިން]. ޖީއެމްއާރު އެގްރިމަންޓް އޭރު ކުރެއްވީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށޭ. ރައްޔިތުންގެ މަޖިލީހަށް ވެސް ނުވެސް އަންގައޭ. ދިވެހި ރައްޔިތުންނަށް ވެސް އޭގެ ތަފްސީލުތަކެއް ނޭނގެއޭ. މިއޭ އަޅުގަނޑުމެންގެ މައްސަލައަކީ [ބޮޑުވަޒީރަށް ދެންނެވިން]،" މައުމޫން ވިދާޅުވި އެވެ.
އެއާޕޯޓް ޖީއެމްއާރަށް ދީފައި ވަނީ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ގޮތަށް ކަމަށާއި އެ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް ދެންނެވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ކުރިއަށް ދިއުމަށް އިންޑިއާގެ ބޮޑުވަޒީރު ވެސް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެއާޕޯޓް އެގްރިމަންޓް ކުރީ ދެ ފުށް ނުފެންނަ ގޮތަށް ކަމަށް ރާއޯ އަށް ދެންނެވިން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ