ޖޭއެސްސީގެ ރައީސްގެ މެމްބަރު ކަމަށް ރޭނިސް ސަލީމް އައްޔަނުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ރައީސްގެ މެމްބަރެއްގެގޮތުގައި ގ. ރޭނިސް، އަހުމަދު ސަލީމް މިއަދު އައްޔަނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވާ ސަލީމު ކުރެއްވުމާއެކު އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ.
ޖޭއެސްސީގެ އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ކަމަށް ރޭނިސް ސަލީމް މިއަދު އައްޔަނު ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ފައިސަލް މިމަހުގެ 24 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރުމާ ގުޅިގެންނެވެ.
މިއަދު ރައީސް ޔާމީން އަައްޔަނު ކުރެއްވި ސަލީމް ވަނީ މީގެ ކުރިންވެސް ޖޭއެސްސީގެ މެމްބަރުކަން ކުރައްވާފައެވެ. އަދި ހަމަ އެގޮތުން ރައީސް ޔާމީން އުފައްދަވާފައިވާ ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ މެމްބަރުކަން ވެސް ސަލީމް ދަނީ ކުރައްވަމުންނެވެ. އަދި ސަލީމު ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަނު ކުރެވުނު ނަމަވެސް އެސެޓްސް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަން ދޫކޮށްލާފައެއް ނުވެއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގައި ސަލީމް ޖޭއެސްސީގެ މެމްބަރުކަމުން ވަކިކުރެއްވީ ގޭންގެ މާރާމާރީތަކެއްގައި އޭނާގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވި ފުލުހުން އެމައްސަލަ ބަލަން ފެށުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ