އަލީ މައުރޫފު އިންވިޓޭޝަނަލްކަޕް: ހެނބަދޫ އަތުން ލަންދޫ މޮޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުގެ ނަމުގައި ނ. އަތޮޅުގައި ކުރިޔަށް ގެންދާ "ޢަލީ މައުރޫފު އިންވިޓޭޝަނަލް ފުޓުބޯޅަ ޓޯނަމެންޓް" ގައި މިއަދު ހަވީރު ކުޅުނު މެޗު ލަންދޫ ޓީމު ކާމިޔާބުކޮށްފި އެވެ.
ލަންދޫ ޓީމުން މިއަދުގެ މެޗު ކާމިޔާބުކުރީ ހެނބަދޫ އާ ބައްދަލުކޮށް 3-1 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ލަންދޫ ޓީމުގެ މުހައްމަދު ސަމާހު އެވެ. މޮޅު ކުޅުންތެރިޔާ އަށް އިނާމުދެއްވީ ކުޑަފަރީ ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒު އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކުޅޭނީ މި މަހުގެ 31 ވަނަ ދުވަހު ހަވީރު އެވެ. އެ މެޗުގައި ބައްދަލުކުރާނީ ގުރޫޕު އޭ ގެ އެއްވަނަ ޓީމުގެ މަގާމުގައި އޮތް ކުޑަފަރީ އާއި ގުރޫޕު ބީ ގެ ދެވަނައިގައި އޮތް މަނަދޫ އެވެ. ސެމީގެ ދެވަނަ މެޗުގައި އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ބައްދަލު ކުރާނީ ގުރޫޕު އޭގެ ދެވަނަ ޓީމު ކަމަށްވާ މާޅެންދޫ އާއި ގުރޫޕު ބީ ގެ އެއްވަނަ ޓީމު ލަންދޫ އެވެ.
މި މުބާރާތުގެ މެޗުތައް ކުރިޔަށް ދަނީ ނ. ކުޑަފަރީ ރަސްމީ ބޯޅަ ދަނޑުގަ އެވެ.
މި މުބާރާތުގައި ވާދަކުރަނީ ޖުމުލަ އަށް ޓީމެވެ. އެއީ، ކުޑަފަރީ އާއި މާޅެންދޫ އާއި ހެނބަދޫ އާއި ލަންދޫ އާއި މަނަދޫ އަދި ޅޮހި މީން ކޮންމެ ރަށަކުން އެއް ޓީމާއި ކެނދިކުޅުދޫ އިން ދެ ޓީމެވެ. ކެނދިކުޅުދޫން ވާދަކުރަނީ ކޭކޭ ސްޓާ އަދި ކޭކޭ ޔުނައިޓެޑެވެ.
ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނައަޕް ޓީމަށް 15،000 ރުފިޔާ އަލީ މައުރޫފު ވަނީ ހުށަހަޅުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ