ޕީޕީއެމްގެ ރިޔާސީ ކެމްޕޭނުގެ މަސައްކަތުގައި ބޭނުންކުރާ ޝިއާރު ކަމަށްވާ "އަމާޒު ޔަގީން" ޝިއާރުގައި ބުނާ "ޔަގީންކަން" އެ ޕާޓީ އާއި އެމްޑީއޭއާ ކޯލިޝަން ހެދި ހިސާބުން ފެށިގެން މިހާރު ދެގުނަ އަށް އިތުރުވެގެން ހިނގައްޖެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބޮޑުތަކުރުފާނުމަގުން ޕީޕީއެމްގެ އޮފީސް ކައިރީގައި އެމްޑީއޭ އާއި ޕީޕީއެމް ކޯލިޝަންގެ ފުރަތަމަ ޖަގަހަ ހުޅުވައި ދެއްވުމަށް ފަހު ރޭ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އާއި އެމްޑިއޭ ގުޅުމަކީ ވަރަށް އުއްމީދީ ކަމެއް ކަމަށާއި އަދި މުޅި ގައުމަށް އިތުރު އުންމީދުތަކެއް ގެނެސްދިން ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް. މި މަސައްކަތުގައި އެމްޑީއޭގެ ފަރާތުން، ކޮށްދެއްވާނެ ހިދުމަތަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޭނުންތެރި އަދި ވަރަށް މުހިއްމު، ވަރަށް ފައިދާ ހުރި ހިދުމަތަކަށް ވެގެންދާނެ. އެހެންވީމާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އެމްޑިއޭގެ ލޮބުވެތި މެންބަރުން ބައިވެރިވެވަޑައިގެން ދެއްވައި، މި ކޯލިޝަންގެ ސަބަބުން މިކުރާ ކަންތައްތައް، އިތުރު ހަލުވިކަމަކާއެކީގައި ކުރިއަށް ދިއުން އެއީ، އަޅުގަނޑު ދެކޭގޮތުގައި ދިވެހި ގައުމަށް ވެސް ވަރަށް ބޮޑު އުންމީދުތަކެއް ލިބިގެންދާނޭ ކަމެއް،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޓަކައި ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަނުން މިހާރު ކުރާ މަސައްކަތުގެ ދެގުނަ މަސައްކަތް ކުރަން އެބަޖެހޭ ކަމަށާއި އެނޫނީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތައް އިތުރު ކުރަން އެބަޖެހޭ. އެއްވެސް ވަރުބަލިވުމެއް ނެތި، ވަރަށް އަޒުމާއެކީގައި ވަރަށް ސާބިތުކަމާ އެކީގައި ކުރިއަށް އޮތް 17 ދުވަހު މި މަސައްކަތް ކޮށްގެން ނޫނީ، އަޅުގަނޑުމެންނަކަށް ކާމިޔާބީއެއް ހާސިލެއް ނުކުރެވޭނެ،" މައުމޫން ވިދާޅުވި އެވެ. "މިކަން އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ. އެއީ އަޅުގަނޑުމެންގެ ވާދަވެރި ފަރާތްތަކުން ވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ. އަދި ވަރަށް ގިނަ އަދަދަކަށް ފައިސާ ހަރަދުކުރައްވައި ވަރަށް ގިނަ މިކަހަލަ ކަންތައްތައް ކުރައްވަމުން ގެންދަވާތީ އަޅުގަނޑުމެން ކުރިމަތީގައި މިއޮތީ އަޅުގަނޑުމެން ހަމަ ކުރާ މަސައްކަތް އިތުރުކުރުން، އިހްލާސްތެރިކަމާއެކީގައި ހީވާގި ކަމާއެކީގައި މުރާލިކަމާއެކީގައި އެއްވެސް ވަގުތެއް ނަގާނުލައި ހަމަ މަސައްކަތުގައި ދެމިތިބުން."
މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށްޓަކައި ވޭތުވެދިޔަ ދުވަސްތަކެކޭ އެއްފަދައިން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކެމްޕެއިން ދަތުރުތައް ކުރައްވާނެ ކަމަށާއި، އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުން ވެސް ޔާމީނަށާއި އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު ޖަމީލް އަޙްމަދަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މައުމޫނުގެ ވާހަކަފުޅުގައި ޕީޕީއެމްއަކީ މިހާރު ޒުވާނުންގެ ޕާޓީއަކަށް ވެގެންދާތީ އެކަމާ ވަރަށް ބޮޑަށް އުފާފުޅުވާކަމަށް ވިދާޅުވި އެވެ.
"ރޭގަ އަޅުގަނޑުމެން ބޭއްވި ވަރަށް ކާމިޔާބު ޖަލްސާގައި އެމަންޒަރު ފެނިގެން ހިނގައްޖެ. ވަރަށް ގިނަ އަދެއްގެ ޒުވާނުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި. ހަމަ އެއާއެކީގައި މި ވޭތުވެ ދިޔަ ދުވަސްތަކުގައި އިތުރު ޒުވާނުންތައް ދަނީ ގުޅެމުން. އެހެންވީމާ އަދި ކުރިއަށް އޮތްތާނގައި ވެސް ގުޅެމުން ދާނޭ ކަމުގެ ޔަގީންކަން އަޅުގަނޑަށް ލިބިފަ އެބައޮތް،" ކުރީގެ ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާއާ ބެހޭ ގޮތުން މައުމޫނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، "ރާއްޖޭގެ މުސްތަގުބަލު އޮތީ ރާއްޖޭގެ ޒުވާނުންގެ އަަތްމަތީ ކަމަށްވާ އިރު، މިހާ ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމްއާ ގުޅެމުން ގެންދާތީ އެއީ ވަރަށް ހެޔޮ ފާލެއް" ކަމަށެވެ.
ބަދަހި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕީޕީއެމްއާއި އެމްޑިއޭގެ ލީޑަރުންނާއި ނާއިބު ލީޑަރުންނާއި އަދި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންފައިވާ އިރު ދެ ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެފައިވެ އެވެ.
"އަމާޒު ޔަގީން"ގައި ބުނާ "ޔަގީން ކަން" ދެގުނަ އަށް އިތުރުވެއްޖެ: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ