މައުމޫން ވަނީ މިރާއްޖޭގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވައިފައި: ނަޝީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމުގެ ދިގު 30 އަހަރުގެ ތެރޭގައި ރައްޖެއަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކ. ގުޅީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބް އެއްބުރުން އެމްޑީޕީ ގެންނައިރު ޕީޕީއެމް އޮންނާނީ ދެވަނަގައި ކަމަށް ވިދާޅުވި އެވެ. އަދި ޖުމްހޫރީ ޕާޓީއަށް މިފަހަރުގެ އިންތިހާބްގައި ވެސް ލިބޭނީ ވަރަށް މަދު ވޯޓެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައްޔިތުންގެ ހިތްތަކާ ކުޅެއެއް ނުލެވޭނެ އެއް ރެއާއި އެއް ދުވާލަކުން. ވަރަށް ގިނަ ކަންތައްތަކެއްގެ ބިންގާ މިރާއްޖޭގައި އަޅައިދެއްވީ ކުރީގެ ރައީސް މައުމޫން. އެމްޑީޕީން ކުރާ މަސައްކަތަކީ ހަގީގަތުގައި އެބިންގާތަކުގެ މައްޗަށް ބިނާކުރުން. އަޅުގަނޑުމެން ހޯދީ އެހެން މޮޑެލްް އެއް އެހެން ގޮތެއް. ސްޕީޑް ބާރުކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް މައުމޫނަށް ހުންނަވަން ޖެހިވަޑައިގަތީ މާބޮޑަށް ވިޔަފާރިވެރިންގެ އަތްދަށުވެފައި ކަމަށާއި އެގޮތުން ކޮންމެ ފަހަރަކު ވެސް ޓެކްސްގެ ބިލް މަޖިލީހަށް ގެންދަވަން އުޅުއްވާ އިރަށް އެއީ ވަރަށް ބޮޑު ގޯސް ކަމެއްގެ ގޮތުގައި ވަޒީރުންނަށް ވިޔަފާރިވެރިން ގުޅުއްވައިގެން އެކަންތައް ހުއްޓުވާ ކަމުގައި ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ އުފެދިގެން އައި ރައްޔިތުންގެ ސަރުކާރެއްގެ ގޮތުގައި ކަމަށާއި ރައްޔިތުން ބޭނުންވީ ޓެކްސްގެ ނިޒާމެއް ގާއިމްކުރަން ކަމުގައިވާތީ އެމްޑީޕީން އެނިޒާމް ގާއިމްކޮށްދީފައިވާނެ ކަމަށްނަޝީދު ވިދާޅުވި އެވެ. އަދި މިހާރު ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް 12 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް ވަންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ރާއްޖެއަށް ގެނަައި ތަރައްގީގެ މަޝްރޫއުތައް 07 ފެބްރުއަރީގައި އެޕާޓީގެ ވެރިކަން ބަދަލުކުރި ފަހުން ފެންނަމުން ދަނީ ހުއްޓިފައިވާތަން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިގު 30 އަހަރުގެ ވެރިކަމުގައި މިރާއްޖޭގައި 38 ބަނދަރު ހެދިފައިވާއިރު އެމްޑީޕީގެ ތިން އަހަރުގެ ތެރޭގައި 58 ބަނދަރު ހެދިފައިވާ ކަމަށެވެ. އަދި ދިގު 30 އަހަރު މިރާއްޖޭގައި 29 މިސްކިތް އެޅިފައިވާއިރު އެމްޑީޕީން ތިން އަހަރުގެ ތެރޭގައި 47 މިސްކިތް އަޅާފައިވާ ކަމަށާއި 30 އަހަރުގެ ތެރޭގައި ނަރުދަމާ މާލެ އާއި ގުޅީގައި ގާއިމްކޮށްދިން އިރު އެމްޑީޕީން 17 ރަށުގައި ނަރުދަމާ ގާއިމްކޮށްދީފައިވާނެ ކަމަށެވެ. އަދި 30 އަހަރުގެ ތެރޭގައި އެންމެ ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދެވުނީ މާލެއަށް އެކަނި ކަމަށާއި ނަމަވެސް އެމްޑީޕީން ހަ ރަށަކަށް ސާފު ބޯފެން ފޯރުކޮށްދީފައިވާނެ ކަަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މިރާއްޖޭގައި ރައްޔިތުންގެ ހިތްތަކާ ކުޅެލުމަށް އަބަދުވެސް ބޭނުންކުރާ އެއް ހަތިޔާރަކީ އިސްލާމް ދީން ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި މިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ