މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރާއްޖޭގައި ވެސް އަދި އެމެރިކާގައި ވެސް އެންމެ ރަނގަޅަށް ނުލިބޭ ކަމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކަން ސޮސައިޓީ އޮފް ނިއުސް އެޑިޓާސް ގެ ޗީފް ލީގަލް އޮފިސަރް ކެވިން ގޯލްޑްބާގް ވިދާޅުވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިދިނުމާ ބެހޭ ގޮތުން ރާއްޖޭގެ ނޫސްވެރިންނާއި އާއްމުންނަށް މައުލޫމާތު ދެއްވުމަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ކެވިން "ސަން"އަށް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރު ކޮށްދޭ ގާނޫނެއް އޮތަސް ސަރުކާރު ތަކުން އެކި އެކި ފިއްތުންތައް ކުރިމަތި ކުރާ ކަމަށެވެ.
"އަޅުގަނޑަށް މިހާތަނަށް ލިބިފައި ހުރި މައުލޫމާތުގެ އަލީގައި ދެންނެވޭނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރާއްޖޭގައި އެކަށީގެންވާ ގޮތަކަށް ނުލިބެޔޭ، އެމެރިކާގައި ވެސް އެކަން އޮތީ އެހެން،" ކެވިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނެއް ފާސްކުރުމުގެ އެންމެ ބޮޑު ފައިދާ ކުރާނީ ރައްޔިތުންނަށް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ގާނޫނެއް ފާސްކުރުމަކީ ޚުދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.
"ޕާލަމެންޓޭރިއަނުން ދެނެވަޑައިގަންނަވަން ވީ ކަމަކީ އެފަދަ ގާނޫނެއް އޮތުމަކީ ޚުދު އެބޭފުޅުންނަށް ވެސް ފައިދާ ކުރާނެ ކަމެއް ކަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރަނގަޅަށް ލިބޭ ނަމަ، މީޑިއާގައި އާއްމުކުރާ މައުލޫމާތަކީ ތެދު މައުލޫމާތަށް ވުމުގެ ފުރުސަތު ވެސް ބޮޑުވާނެ،" ކެވިން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެފަދަ ގާނޫނެއް ހަދާ އިރު އެންމެ ބޮޑަށް ހިމާޔަތް ކުރެވެން ޖެހޭނީ ރައްޔިތުން ކަމަށާއި ސަރުކާރުތަކާއި ދައުލަތުގެ އެހެން ބާރުތަކަށް އެ ހައްގު ލިބުމުގެ ފުރުސަތު އޮންނާނީ އަބަދު ވެސް ހުޅުވިފައި ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނެއް ރާއްޖޭގައި ފާސްނުވެ، ހޭދަވާ މުއްދަތު ދިގު ނޫން ކަމަށާއި އެމެރިކާގައި ވެސް އެ ކަމަށް ދިގު މުއްދަތެއް ހޭދަވި ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ގާނޫނެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނީ ރައްޔިތުންނަށް ކަމަށެވެ.
ކެވިން ގޯލްޑްބާގް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ދާއިރާގެ ތަޖުރިބާކާރެކެވެ. އެމެރިކަން ސޮސައިޓީ އޮފް ނިއުސް އެޑިޓާސްގެ ޗީފް ލީގަލް އޮފިސަރުގެ އިތުރުން އޭނާއަކީ ނިއުޔޯކްގައި ހުންނަ މީޑިއާ ލޯ ރިސޯސް ސެންޓަރުގެ ލެޖިސްޓޭޓިވް އެފެއާސް ކޮމިޓީގެ ޗެއާމަނެވެ. މީޑިއާގެ މުހިއްމުކަމާ އޭނާ ވަނީ ގިނަ ލިއުއްވުންތައް ލިއުއްވާފަ އެވެ. އަދި ގިނަ ކޮންފަރެންސް ތަކެއްގައި އޭނާ ވަނީ ތަގުރީރުކުރައްވާފަ އެވެ.
އާއްމުންނަށް ހުޅުވާލައިގެން ކެވިން ދެއްވާ ތަގުރީރެއް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގައި މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ރާއްޖޭގައި ވެސް އެމެރިކާގައި ވެސް ރަނގަޅަކަށް ނުލިބޭ: ކެވިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ