އައްޑު އާއި ފުވައްމުލަކުގައި ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ އިތުރުވެފައި

ސަދަން ޔުޓިލިޓީޒް ލިމިޑެޓް (އެސްޔޫއެލް) އިން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ އައްޑު އާއި ފުވައްމުލަކުގައި އާދަޔާ ހިލާފަށް ކަރަންޓް ބިލް ބޮޑުވަމުންދާ ކަމަށް ބުނެ ވިޔަފާރިވެރިންނާއި އާންމުން ވެސް މި ކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އައްޑޫގެ ގިނަ ވިޔަފާވެރިން ބުނާ ގޮތުގައި ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވަމުން އަންނަކަން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައިވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފަ އެވެ. އަދި މިކަމާ ގުޅިގެން ބައެއް ވިޔަފާރިވެރިންނާއި އާންމުން ވެސް ވަނީ ޔުޓިލިޓީ އަށް ޝަކުވާތަކެއް ވެސް ހުށަހަޅައިފަ އެވެ.
ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ކަރަންޓް ބިލް ބޮޑުވާ މައްސަލައިގައި ޝަކުވާކުރުމުން، އެކަން އެހެން ވަނީ ފިއުލް ސާޗާޖް، އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން ދާތީ ކަމަށް ޔުޓިލިޓީން ބުނެފައިވައިވެ އެވެ.
"އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ބިލް އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންދާކަން. ދެން އެ ބުނަނީ ސާޗާޖް ބޮޑުވަނިއްޔޭ. އެކަމަކު ސާޗާޖް ބޮޑުވަންޏާ ވެސް އެކަން ޖެހޭނެ ނޫންތޯ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް އަންގަން،" ފޭދޫގެ ވިޔަފާރިވެރިއަކު ވަރަށް ހިތްހަމަނުޖެހިފައި މިއަދު ބުންޏެވެ. "އެކަމަކު އެ ގޮތަކަށް ނޫން މި ކަންކުރަނީ. އެއްވެސް އުސޫލެއް ހަމައެއްލަމައެއް ނެތި އެންގުމަކާ ނުލައި ތިބެގެން އެ މީހުން ]އެސްޔޫއެލް[ އިން ހަމަ ބިލް ބޮޑުކުރަމުން މި ދަނީ."
ފޭދޫގެ އެހެން ވިޔަފާރިވެރިއަކު މިއަދު ބުނި ގޮތުގައި މެއި މަހުގެ ބިލަށް ޖުމްލަ 26،070ރ. އަރާފައިވާ އިރު އޭގެ ތެރެއިން 10،400ރ އަކީ ފިއުލް ސާޗާޖްގެ ގޮތުގައި ނަގާ ފައިސާ އެވެ. އަދި މި އުސޫލުން މިކަން ދާ ނަމަ، ވިޔަފާރިވެރިން "ހުސްވާ" ހިސާބަށް ކަރަންޓް ބިލުގެ މައްސަލަ ހިނގައިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ފުވައްމުލަކުގެ ވިޔަފާވެރިއަކު ބުނި ގޮތުގައި ކަރަންޓް ބިލަށް އަންނަ އާދަޔާ ހިލާފު ބަދަލުތަކާ ގުޅިގެން ވިޔަފާރިވެރިން މިހާރު ތިބީ ގޮތް ހުސްވާ ހިސާބަށް ގޮސްފަ އެވެ. ވިޔަފާރީގެ އާމްދަނީ އަށް ލިބޭ އެއްޗަކަށް ވުރެ ބޮޑު އެއްޗެއް ހަމައެކަނި ކަރަންޓް ބިލަށް ދައްކަންޖެހުމީ ކުޑަ މައްސަލައެއް ނޫން ކަމަށް އޭބާ ބުންޏެވެ.
ފިއުލް ސާޗާޖު ބޮޑުވުމުގެ އިތުރަށް ރީޑިން ނަގަން އަންނަ މީހުންގެ އިހުމާލުން ނުބައި އަދަދުތައް ޖަހައިގެން ވެސް ބިލް ބޮޑުވެފައި ހުރިކަން ފާހަގަކުރެވޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
"އަޅުގަނޑުމެން ގެއަށް އާންމުކޮށް އަރަނީ 400ރ. އެކަމަކު މެއި މަހުގެ ބިލް އައި އިރު 2،000ރ. އަރާފައި ހުރުމުން މީޓަރު ބަލައިލި އިރު ބިލުގައި ހުރި އެއްޗަކާއި މީޓަރުގެ ހުރި އެއްޗަކާ ދިމަލެއް ނުވޭ،" ފޭދޫ މީހަކު ބުންޏެވެ. "ދެން އަޅުގަނޑުމެން މިކަން މަރަދޫފޭދޫގައި ހުންނަ އެސްޔޫއެލްގެ އޮފީހަށް ހުށަހެޅުމުން ބިލް ރަނގަޅުކޮށްދީފައި ވަނީ. މިހެން ދިމާވުމަކީ ފަހަކަށް އައިސް އާންމު ކަމެއް."
ކަރަންޓް ބިލް ބޮޑުވާކަން ފަހަކަށް އައިސް ފާހަގަކުރެވެން ފެށީ އެޕްރީލް މަހުގެ ތެރޭގައި ކަރަންޓް ކެނޑުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެ، ކަރަންޓް ބޭނުންކުރެވޭ ނިސްބަތް ވެސް އެ މަހުގެ ތެރޭގައި އެހެން މަސްތަކާ ހިލާފަށް ކުޑަވެފައިވަނިކޮށް އެ މަހުގެ ބިލް އާދަޔާ ޚިލާފަށް ބޮޑުވުމާ ގުޅިގެންނެވެ.
"އެޕްރީލް މަހަކީ އެންމެ ގިނައިން ކަރަންޓް ކެނޑި، ކަރަންޓް ބޭނުންކުރެވުނު ނިސްބަތް ވެސް އެންމެ ދަށްވި މަސް. އެކަމަކު ބިލް އައި އިރު އަޅުގަނޑުމެން ގެއަށް އަރާފައި އޮތް 999ރ،" މަރަދޫފެދޫ މީހަކު ބުންޏެވެ. "އެކަމަކު އޭގެ ކުރީ މަހު އަރާފައި އޮތީ 630ރ. އަނެއްކާ ވަކި އިތުރު އެއްވެސް އެއްޗެއް ބޭނުންކުރީކީ ވެސް ނޫން. އެހެންވެ މި ކަހަލަ ކަންތައްތަކާ ހެދި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި."
އެސްޔޫއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހަސަން މުހައްމަދު މިއަދު ވިދާޅުވީ ކަރަންޓް ބިލް ކުރިއާ އަޅާ ބަލާ އިރު، މިހާރު ބޮޑުވެފައިވަނީ ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން ފިއުލް ސާޗާޖަށް ގެނެވޭ ބަދަލުތަކާ ގުޅިގެން ކަމަށެވެ.
"ކުރިން އަޅުގަނޑުމެންނަށް ޑީސަލް ލީޓަރެއް 8.10ރ. ލިބުނު ނަމަވެސް މިހާރު ޑީސަލް ލީޓަރެއް ލިބެނީ 16.60ރ. އަށް އެހެންވެ ތެލަށް މި އަންނަ ބަދަލާ ގުޅިގެން އަންނަ ބަދަލުތަކެއް މިއީ،" ހަސަން ވިދާޅުވި އެވެ. "ތެލުގެ އަގަށް ބަދަލު އަންނަކަމީ އެންމެންނަށް ވެސް އެނގޭ ކަމެއް. އެ ވާހަކަ ޓީވީ ރޭޑިއޯތަކުން ކިޔާ. އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ އެސްޔޫއެލް އިން އަދި ވަކިން މިކަން [ތެލުގެ ސާޗާޖް ބޮޑުވިކަން] އިއުލާންނުކުރި ނަމަވެސް އެކަން އާންމުންނަށް ވެސް ރަނގަޅަށް އެނގޭނެ ކަމަށް."
އެސްޔޫއެލް ހިންގަމުން ދަނީ ގެއްލުމާ އެކު ކަމަށް ބުނެ، ހަރަދު ފޫބެއްދުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާޗު ،1 2010 އިން ފެށިގެން ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ބޮޑެތި ވިޔަފާރިތައް ހިންގާ ތަންތަނުގެ ކަރަންޓުގެ އަގަށް 60 ޕަސެންޓުގެ ބޮޑުވުމެއް އެ ކުންފުނިން ގެނެސްފައިވެ އެވެ.
އޭގެ މަހެއްހާ ދުވަސް ފަހުން އެ ކުންފުނިން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ ކަރަންޓުގެ ހިދުމަތަށް ފިއުލް ސާ ޗާޖެއް ނަގާ ގޮތަށް ހަމަޖައްސައި ޑީސަލް ލީޓަރަކުން ބޮޑުވާ ކޮންމެ 10 ލާރިއަކަށް ޔުނިޓަކަށް ތިން ލާރި ނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން މާޗު ،1 2010 އިން ފެށިގެން ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ބޮޑެތި ވިޔަފާރިތައް ހިންގާ ތަންތަނުން ކޮންމެ 100 ޔުނިޓަކަށް މިހާރު ނަގަނީ 3.25ރ. އެވެ. އަދި 101- 200 ޔުނިޓަށް 3.75ރ. ނަގާ އިރު 201- 300 ޔުނިޓަށް ނަގަނީ 4.75ރ. އެވެ. މީގެ އިތުރުން 300 އިން މަތީ ޔުނިޓަކަށް ނަގަނީ 6.00ރ އެވެ.
އަގު ބޮޑުކުރުމާ ހަމައަށް މި ތަންތަނުން ކޮންމެ 100 ޔުނިޓަކަށް ނަގަމުން އައީ 2.25ރ. އެވެ. އަދި 101- 200 ޔުނިޓަށް 3.50ރ. އަދި 201- 300 ޔުނިޓަށް 3.75ރ. އެވެ.
ގޭބިސީތަކާއި ކުދި ވިޔަފާރިތައް ހިންގާ ތަންތަނުން ކޮންމެ 100 ޔުނިޓަކަށް 2.20ރ. ނަގާ އިރު 101- 200 ޔުނިޓަށް 2.75ރ. އަދި 201- 300 ޔުނިޓަށް ނަގަނީ 3.50ރ. އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ