ރިޔާސީ ކޮމިޝަނުގެ ވަކިވަކި މެމްބަރުން ގެންދަނީ އަޅުގަނޑުމެން ބްލެކްމެއިލްކޮށް ބިރު ދައްކަމުން: ނާޒިމް

ހިޔާނާތްތަކެއް ކަމަށް ތުހުމަތުކުރެވޭ ބޮޑު ހަތަރު މައްސަލައެއް ފުޅާ ދާއިރާއެއްގައި ބަލަމުން އަންނަ ކަމަށް ރިޔާސީ ކޮމިޝަނުން ށް ބުނެ ބަޔާން ނެރުނުއިރު އެއީ ބަލައި ނިމިފައިވާ މައްސަލަތަކެއް ކަމަށާއި އެ ކޮމިޝަނުގެ ވަކިވަކި މެމްބަރުން ގެންދަވަނީ ސަރުކާރާ އިދިކޮޅު ފަރާތްތައް ބްލެކްމެއިލް ކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމަށް ތުހުމަތުކުރާ މައްސަލަތަކަކާ ބެހޭގޮތުން ރިޔާސީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔައި ހަދަމުން ގެންދާތީ ބައެއް މައްސަލަތައް "ހަތިޔާރެއްގެ" ގޮތުގައި ހަދައި ބިރު ދައްކަމުން ގެންދާ ކަމަށެވެ.
"ރިޔާސީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި އެ ބުނާ މައްސަލަތައް ވަނީ ނިމިފައި. އަޅުގަނޑުމެންނަށް އެކަން އެނގޭތީ މިހެން މި ބުނަނީ. އަޅުގަނޑަށް އިނގޭ ބަޔާނުގައި އެ ބުނާ ތުނޑުފުށީގެ މައްސަލަ ވަނީ ނިމި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރިޕޯޓް ފޮނުވާފައި. އެހެންވީމަ މިއިން ވަރަށް ރަނގަޅަށް އިނގޭ މިއީ ސަރުކާރުން އަޅުގަނޑު ދެކެ ބިރުން ކުރާ ކަމެއްކަން،" ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން ފުރުއްވަމުން ގެންދަވާ ނާޒިމް ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޯޕަރޭޓް އުސޫލުތަކާ ހިލާފަށް އެސްޓީއޯގެ ވަކަރުފަޅި ރިސޯޓު ވިއްކުމުގެ މައްސަލަ އާއި ސްޓެލްކޯގެ ބިލްޑިންގު އިމާރާތް ކުރުމާއި އެ މަސައްކަތް ހަވާލު ކުރުމުގައި ޓެންޑާ އުސޫލުތަކާ ހިލާފުވެ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ތުނބަފަޅު ކިޔާ ފަޅު ރަށެއް އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްޔަށް ދީފައިވާ މައްސަލަ މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ބޭރުގެ ކުންފުންޏެއް މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ކަރަންޓްގެ ހިދުމަތް ދިނުމަށް ނަމިރާ އަގާސް ހޭލީސް ކިޔާ ކޮންސޯޓިއަމެއް މެދުވެރިކޮށް މި މަސައްކަތް ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއް ހުރި ކަމަށް ތުހުމަތު ކުރޭތީ އެ މައްސަލަ ވެސް ބަލަމުން ގެންދާ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެ އެވެ.
މި މައްސަލަތަކުގެ ތެރެއިން ގިނަ ކަންތައްތަކުގައި ތުހުމަތުކޮށްފައި ވަނީ ނާޒިމަށެވެ.
ނާޒިމް ވިދާޅުވީ މިހާތަނަށް އޭނާގެ މައްޗަށް ކުރި އެއްވެސް ތުހުމަތެއް ސާބިތު ވެފައި ނެތުމުން ސަރުކާރުން ކުރަމުންދާ ކަމަކީ އެކި ގޮތްގޮތުން ބިރު ދެއްކުން ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ އަހަރު އޭނާ ފުލުހުން ހައްޔަރުކޮށް ޕީޖީ އޮފީހަށް ފޮނުވި މައްސަލަ ވެސް ފުރިހަމަ ނުވެގެން އަނބުރާ ފޮނުވާލާފައިވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ސަރުކާރު ދެކެ ބިރެއް ނުގަނޭ. ނުވެސް ގަންނާނެ. ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނަން. އެކަމެއް ނުވެސް ހުއްޓުވޭނެ. ސަރުކާރުގެ ފިކުރާ އަޅުގަނޑުމެންގެ ފިކުރު އެއްގޮތް ކުރުމަށް މި ސަރުކާރުން ވަރަށް މަސައްކަތް އެބަކުރޭ. އެކަމަކު އެކަމެއް ނުވާނެ،" ނާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ