އިސްރާއީލުގެ އުދުވާނީ ފުލުހުން މިއަދު ބަޑިޖަހައި ފަލަސްތީނު ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލު ފުލުހުން ފަލަސްތީނު ޒުވާނާގެ ގަޔަށް ބަޑިޖެހީ އިރުމަތީ ގުދުސްގައެވެ.
އިރުމަތީ ގުދުސްގެ މުސްކުޅިއަވަށަށް ވަންނާން އޮންނަ ސަރަހައްދުގައި އިސްރާއީލު ފުލުހުން ފަލަސްތީނު މީހާގެ ގަޔަށް ބަޑިޖެހީ، އިސްރާއީލުގެ އިންފާރަވެރިން ތިބި ޕޯސްޓަކަށް ވަދެ ވަޅިން ހަމަލާދިން ކަމަށް ބުނެއެވެ.
ފަލަސްތީނު މީހާ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން އިސްރާއީލުގެ އިންފާރަވެރިންގެ ދެމީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށްވެސް ބުނެފައި ވެއެވެ.
އިސްރާއީލު ފުލުހުންވަނީ ފަލަސްތީނު މީހާގެ ގަޔަށް އެވަގުތު ބަޑިޖަހާ ޝަހީދު ކޮށްލާފައެވެ. އިސްރާއީލު ފުލުހުން ޝަހީދު ކޮށްލާފައިވަނީ އިރުމަތީ ގުދުސްގެ ޖަބަލް މުކާބަރު ސަރަހައްދަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އިބްރާހިމް މަތާރު ނަމަކަށްކިޔާ ޒުވާނެއް ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ މީޑިއާއިން ބުނެއެވެ.
އިސްރާއީލު ފުލުހުން ފަހުންވަނީ، އެމީހުން ޝަހީދު ކޮށްލި ޒުވާނާގެ ގެއަށްވެސް ވަދެގެންފައެވެ. އެގެއަށްވަދެ ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި އިބްރާހިމް މަތާރުގެ ބައްޕަވެސް ހިމެނޭ ކަމަށް އާއިލާއިން ބުނެއެވެ.
އިސްރާއީލާއި އަރަބީންނާ ދެމެދު 1967 ވަނަ އަހަރު ހިނގި ހަދުވަހުގެ ހަނގުރާމައަށްފަހު އިސްރާއީލުން ވަނީ އިރުމަތީ ގުދުސް ހިފާފައެވެ. އަދި ފަހުންވަނީ، އިރުމަތީ ގުދުސްއަކީ އިސްރާއީލުގެ ބައެއް ކަމަށް ހަމަޖައްސާފައެވެ. އެކަމަކު، އިސްރާއީލުގެ މިނިންމުން ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރެއެވެ.
އިސްރާއީލު އުދުވާނީ ފުލުހުން ބަޑިޖަހައި ފަލަސްތީނު ޒުވާނަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ