ރައްޔިތުން ބޭނުން ވަނީ ތަރައްގީ އާއި ހަމަޖެހުން: އަދުރޭ

ދިވެހި ރައްޔިތުން ބޭނުން ވަނީ ތަރައްގީގެ މަގުގައި ކުރިއަރައި ދާން ކަމަށާއި އަދި އުފާވެރި ދިރިއުޅުމަކަށް މަގުފަހިވާ ސަރުކާރެއް މިގައުމުގައި ގާއިމްވެފައި އޮންނަތަން ދެކެން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. ޕީޕީއެމް އިން ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ދިވެހި ރައްޔިތުން ބޭރުބައެއްގެ އަތް ދަށަށް ދާން ބޭނުންނުވާނެ ކަމަށާއި އެހެންނަމަވެސް އިދިކޮޅުން މަސައްކަތް ކުރަނީ ބޭރުމީހުން ބުނާހާ ގޮތަކަށް އެމީހުންނަށް ރާއްޖޭގައި ބާރު ލިބޭ ގޮތަށްް ކަމަށެވެެ. "އެބައިމީހުންގެ ދީންތަކަށް އުޅެވޭ ގޮތަށް އެބައިމީހުން ބޭނުންވާ އަމަލުތައް ރާއްޖޭގައި ހިންގޭ ގޮތަށް އޮންނަ ވެރިކަމެއް ގާއިމްކުރަން، އެކަމަކަށް ދިވެހި ރައްޔިތުން ފުރުސަތުދޭކަށް ބޭނުމެއް ނުވާނެ. އެއީ ދިވެހި ތާރީހު ލިޔެވެން ފެށީއްސުރެ މިއަދާ ހަމައަށް ދިވެހި ރައްޔިތުން ސާބިތުކޮށްދީފައި އޮތް ކަމެއް." އަދުޜޭ ވިދާޅުވި އެވެ. އަދުރޭ ވިދާޅުވީ އަންނަ މަހު ބާއްވާ އިންތިހާބްގައި ދިވެހި ރައްޔިތުންގެ ލޯތްބާއި ރުހުމާ އެކު ޕީޕީއެމް އިން ވަރަށް ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށެވެ. ރާއްޖޭގެ 41 މީހަކަށް ފިޔަވަޅު އެޅުމަށް ލިސްޓެއް އިޔޫއިން ތައްޔާރުކޮށްގެން އުޅޭ ކަމަށް ބުނެ ރޭ ފެތުރުނު ވާހަކަތަކަށް އިޝާރާތް ކުރައްވައި އަދުރޭޭ ވިދާޅުވީ އެއީ ވެސް އިންތިހާބުގައި ބަލިވާނެކަން އެނގޭތީ ދިވެހި ރައްޔިތުން ބިރުގެންނެވުމަށް އިދިކޮޅުން ކުރި ކަމެއް ކަމަށެވެެ. "މިއީ ފެށުނީއްސުުރެ ވެސް އެމީހުން އަމަލުކުރަމުންދާ ގޮތް. އެމީހުންނަކީ މި ގައުމުގައި ހަމަޖެހުން ނަގާލައިގެން މިގައުމުގައި ބައިބައިވުން އުފައްދައިގެން ފިތުނަ ފަސާދަ އުފައްދައިގެން އަބަދު ވެސް ކަންކަން ކާމިޔާބުކުރަން މަސައްކަތް ކުރާ ބައެއް. އެކަމެއް ދެނެއް ކާމިޔާބެއް ނުކުރެވޭނެ." އަދުރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ