ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރާއްޖޭގެ އަމަން އަމާންކަން ގެއްލުމެއް ލިބިދާނެ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ ދައުލަތުންކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އަށް އޭނާ އިންކާރުކުރައްވައިފި އެވެ.
މިއަދު ހެނދުނު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ ދިވެހި ސިފައިންނަށް ދަތި ކުރުމަށް ޓަކައި 2000 ވޮލަންޓިއަރުން ބޭނުންވާ ކަމަށް 23 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކައިރީގައި މުޒާހަރާކުރަމުން ދިޔަ ބައިވެރިންނާ މުހާތަބުކުރައްވައި އުމަރު ވިދާޅުވެފައިވާ ކަމަށެވެ.
އަދި 2000 މީހުން ވަކި އިންތިޒާމެއްގެ ދަށުން ސިފައިން "ވަރުބަލި ކުރުމަށް ފަހު" 12 ފޫޓުގެ 50 ހަރުގަނޑު ބޭނުންކޮށްގެން ރާއްޖޭގެ ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް އެއްފަހަރާ ވަންނުމަށް ދޭހަވާ ގޮތަށް އުމަރު ނަސީރު ވާހަކަ ދެއްކެވި ކަމަށް ދައުލަތުން ކުރި ދައުވާގައި ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އޭރު ކުރި މުޒާހަރާ ބަދަލުކޮށް ރައީސް އޮފީހަށް ބޭރުގެ ޑިޕޮލޮމޭޓުން ވަޑައިގަންނަވާ ގަޑިތަކުގަ އާއި އދ.ގެ މަންދޫބަކު އެއާޕޯޓަށް ފައިބައިވަޑައިގަންނަވާ ގަޑިތަކުގައި އާއި އދ. އޮފީސް ކައިރީގަ އާއި އެމްއެންބީސީ ކައިރީގައި ކުއްލި އަކަށް ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށް ވެސް އެ ދައުވާގައި ފާހަގަކޮށްފައިވެ އެވެ.
އުމަރު ނަސީރުގެ ގާނޫނީ ވަކީލު މުހައްމަދު އިބްރާހިމް މިއަދު ޝަރީއަތުގައި ވިދާޅުވީ މިއަދު ޝަރީއަތް އޮތްކަން އުމަރަށް އެނގިވަޑައިގެންފައި ވަނީ ވެސް މީޑިއާ އިން ކަމަށާއި އުމަރު ނަސީރަށް ކޯޓަށް ވަޑައިގަތުމުގެ ޗިޓް ލިބިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މިއަދު ކޯޓަށް ވަޑައިގެންނެވީ ޝަރީއަތް އޮތްކަން މީޑިއާ އިން މައުލޫމާތު ލިބިވަޑައިގަތުމުން މިއަދު ހެނދުނު ކޯޓުން ޗިޓް ނަންގަވައިގެން ކަމަށް އުމަރުގެ ވަކީލު ވިދާޅުވި އެވެ. އަދި ޗިޓް ހަވާލުނުކުރެވި ވަނީ އުމަރު ނަސީރު މިހާރު ދިރިއުޅުއްވާގެ ބަދަލުވުމުން ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުވާއާ ގުޅިގެން އެއްޗެއް ވިދާޅުވުމަށް އެނގިވަޑައިގަންނަ ވާނީ ދައުވާއާ ގުޅޭ ލިޔުންތައް ލިބިވަޑައިގަތުމުން ކަމަށް ވެސް އުމަރުގެ ވަކީލު ވިދާޅުވި އެވެ.
އުމަރު ނަސީރުގެ މައްޗަށް ކުރާ އަމުރަށް ނުކިޔަންތެރިވުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާ އިރު އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އެވެ.
އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ދައުވާ އަށް އުމަރު އިންކާރު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ