މިއީ ބަދަހި އާއިލާއެއް، މައުމޫން ނެތުމުން ކަންބޮޑުވޭ: ދުންޔާގެ ފިރިކަލުން
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިވަގުތު އާއިލާއާ އެކު ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމަނިކުފާނުގެ ދަނބިދަރިކަލުން، ގާނޫނީ ވަކީލު ޝުއައިބު ޝާހު ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން ހައްޔަރުކޮށްފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އަނބިކަނބަލުން ދުންޔާ މައުމޫނާ އެކު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި، ޝުއައިބު ވިދާޅުވީ އަނބިކަނބަލުންގެ ބައްޕާފުޅު ނެތުމުން ވަރަށް ކަންބޮޑުވާ ކަމަށެވެ. "އަޅުގަނޑުމެންނަކީ ވަރަށް ބަދަހި އާއިލާއެއް. މި އާއިލާއާ އެކު އެމަނިކުފާނު ނެތުމަކީ އިންތިހާއަށް އުނދަގޫ ހާލަތެއް. ވަރަށް ކަންބޮޑުވޭ،" ޝުއައިބު ވިދާޅުވިއެވެ. ރައީސް މައުމޫނުގެ އާއިލާއިން އެމަނިކުފާނާ ބައްދަލުކުރުމަށް ދޫނިދުއަށް ކުރި ޒިޔާރަތުގައި ޝުއައިބުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވީޑިއޯ މެސެޖުގައި، ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ކުރައްވާ ދުންޔާ ވިދާޅުވީ، ބައްޕާފުޅު މައުމޫނަކީ ރާއްޖެއަށާއި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ހައްޔަރުކުރާނެ ކަމަށް ކުރިން ހީފުޅުވެސް ނުކުރައްވާ ކަމަށެވެ. "އަޅުގަނޑުގެ ބައްޕައަކީ ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރައްވާފައި، އަދި ރާއްޖޭގެ ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކުރައްވައި، ރާއްޖެ މިހިސާބަށް ތަރައްގީ ކުރައްވައި ގެންނެވި ބޭފުޅެއް. މިފަދަ ދުވަހެއް ފެންނާނެ ކަމަށް އަޅުގަނޑު ހީވެސް ނުކުރަން،" ދުންޔާ ވިދާޅުވިއެވެ. ރައީސް މައުމޫން ހައްޔަރުކުރީ ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި، މިދިޔަ ހޯމަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ