ސިފައިންގެ ޝަރަފުގެ ހިނގާލުން އޮންނާނީ މާދަމާ ހަވީރު

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަން ތާވަލުކުރި ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި ޝަރަފްގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައެވެ.
މި ހިނގާލުން ކުރިއަށްދާނި ބަންޑާރަކޮށިން ނިކުމެގެން ބޮޑުތަކުރުފާނުމަގުން ޖުމްހޫރީ މައިދާނުން ހުޅަނގަށް ގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އަޅައި، މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން މެދުޒިޔާރަތްމަގަށް އެޅުމަށްފަހު ވެލާނާ ބިލްޑިންގ ކައިރިން އަމީރުއަޙްމަދު މަގަށް އަޅައި ބަންޑާރަކޮއްޓަށް ނިންމާ ގޮތަށެވެ.
ޝަރަފުގެ މިހިނގާލުމުގައި ހިލާލީގޭ ކުރިމަތީގައާއި، މަޖީދީމަގުން ކުރީގެ އޯޑިއޯން ހުރި ސަރަހައްދުގެ ކުރިމަތީގައާއި، ރަސްމީ ބޯޅަދަނޑު ކުރިމަތިން އަދި ސޯސަންމަގުން ސޯސަންގެ ކުރިމަތީ މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅޭނެ ކަމަށް ސިފައިން މައުލޫމާތު ދެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާނެއެވެ. ޝަރަފްގެހިނގާލުން އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ މިއަދުއެވެ. ނަމަވެސް ކެންސަލް ކުރި ސަބަބެއް އެމްއެންޑީއެފުން ހާމަ އެއް ނުކުރެއެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހެވިކަމާ ކުޅިވަރުގެ ހަރަކާތްތަށްވެސް އިއްޔެވަނީ ކެންސަލް ކޮށްފައެވެ.
ހޯމް މިނިސްޓްރީން ހާމަކުރިގޮތުގައި ރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ކުޅިވަރުގެ ހަރަކާތް މިރެއަށް ވަނީފަސްކުރެވިފައިވާ ކަމަށެވެ. އަދި ރޭ ބޭވުމަށް ހަމަޖެހުނު މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަށް ކެންސަލް ކުރީ ރޭ ހަނދު ކޭތަ ހިފުމުންނެވެ.
ދިވެހި ރާއްޖޭ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުން މިނިވަންވެ ފުރިހަމަ މިނިވަންކަމެއް ލިބިގެން 1887 ވަނަ އަހަރުއެވެ.
މިއަހަރު ރާއްޖޭގައި ފާހަގަކުރަމުން މިދަނީ 53 ވަނަ މިނިވަން ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ