ބީއެމްއެލް އިން އިންޓަރނެޓު މެދުވެރިކޮށް ބޭރު ގައުމުތަކަށް ފައިސާ ޓްރާންސްފާ ކުރެވޭ ޚިދުމަތް ތައާރަފުކޮށްފި

ބީއެމްއެލް އިން އިންޓަނެޓު މެދުވެރިކޮށް ބޭރު ގައުމުތަކަށް ފައިސާ ޓްރާންސްފާ ކުރެވޭ ޚިދުމަތް ތައާރަފުކޮށްފިއެވެ.
އެގޮތުން ބީއެމްއެލް މޮބައިލް ޕޭ އެޕްލިކޭޝަން ބޭނުންކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ތައާރަފްކުރީ އަމީނީ މަގު، މާލެ ސްކޮޔާގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ޚިދުމަތް ތަޢާރަފްކޮށްދެއްވީ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފާގެ ޚިދުމަތާއެކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ބީއެމްއެލްގެ ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަވެގެން ދާނެ ކަމަށެވެ.
މީގެ އިތުރުން މިހާރު ގޭގައި ނުވަތަ ކޮންމެ ތަނަކު ހުންނަވައިގެންވެސް ދަރިފުޅުގެ ޔުނިވާސިޓީ ފީ ދެއްކުމަށާއި ބޭރުގައި ބޭސްފަރުވާކުރުމަށް ދާ ޚަރަދުތަކަށް ފައިސާ ދެއްކޭނެ ކަމަށާ ރާއްޖޭގައި މަސައްކަތްކުރައްވާ އެތައް ހާސް ބިދޭސީންނަށްވެސް މި ޚިދުމަތް މަގްބޫލް ޚިދުމަތަކަށް ވެގެންދާނެކަން ޝަރީފުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި އޮންލައިން އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތާއެކު ރާއްޖެއިން ބޭރަށް ފަސޭހަކަމާއެކު، ބޭނުން ވަގުތަކު އަދި އަގު ހެޔޮކޮށް ފައިސާ ފޮނުވޭނެގޮތް ހަމަޖެހިގެން ހިނގައްޖެކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
"އިންޓަނޭޝަނަލް މަނީ ޓްރާންސްފާ"ގެ ނަމުގައި ތައާރަފްކުރި ޚިދުމަތާ އެކު، ދުވާލަކު 3،000 ޑޮލަރު ބޭރަށް ފޮނުވޭނެ އެވެ. އަދި ބީއެމްއެލްގެ މޯބައިލް ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ފޮނުވޭއިރު ބޭރަށް ފައިސާ ފޮނުވަން ފަސް ޑޮލަރުގެ ފީއެއް ނަގާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މި ޚިދުމަތުގެ އަގު ފެށޭނީ ފަސް ޑޮލަރުންނެވެ. މިއީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ އެންމެ ހެޔޮ އަގު ކަމަށާއި އާންމުކޮށް ފައިސާ ފޮނުވާއިރު ޕްރޮސެސްކުރުމަށް ހޭދަވާ ވަގުތަށްވުރެ އަވަހަށް މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނެކަމަށް ބޭންކުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ