މެމްބަރު އަރީފުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މަހްލޫފުގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ މެމްބަރުން ހުސައިން އަރީފުގެ ޕާސްޕޯޓްވެސް ހިފަހައްޓައިފި އެވެ.
ކްރިމިނަލް ކޯޓުން ރޭގައި ނެރުނު އަމުރުގައި ބުނެފައިވަނީ އަރީފުގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ފިލައިގެން ސްރީލަންކާއަށް ދާން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާ ކަމަށެވެ.
ޖުލައި 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ އަރީފުގެ މައްޗަށް ތުހުމަތުކޮށް ފުލުހުން ދައުވާ ކުރާ ކަމަށް އެ ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ފުލުހުން ކޮށްފައިވާ އެ ތުހުމަތުތަކާ ގުޅިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ދަނޑިވަޅެއްގައި އަރީފު ފުރައިގެން ގޮސްފިނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށްވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.
ނަަމަވެސް އެ އަމުރަށް ރައްދު ދެއްވާ އަރީފު ވިދާޅުވީ އެއްވެސް ތަނަކަށް ފުރައިގެން ދާން ނޫޅޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ