ކަރުނައާއި ވޭނުން ގައުމު ސަލާމަތްކޮށް، އިންސާފު ލިބިގަތުމަށް އިބޫއަށް ވޯޓްދެއްވުމަށް ގާސިމް ގޮވާލައްވައިފި

ދިވެހި ގައުމަށް ކުރިމަތިވެފައިވާ ކަރުނައާއި ވޭނުން ސަލާމަތްވެ، އިންސާފު ލިބިގަތުމަށްޓަކައި 23 ސެޕްޓެމްބަރުގައި އިބްރާހިމް މުހަންމަދު ސޯލިހްއަށް ވޯޓްދެއްވުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
ގުޅިފައިވާ އިއްތިހާދުން އެމަނިކުފާނުގެ އުފަންރަށް، އދ. މާމިގިލީގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި، މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް ވީޑިއޯލިންކް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ގައުމަށް މެދުވެރިވެފައިވާ ފިތުނައާއި، ކަރުނައާއި ވޭނާއި އަނިޔާއާއި ފަސާދައާއި ކޮރަޕްޝަނާއި މިހުރިހާ ކަމަކުން ސަލާމަތްވެ އިންސާފު ލިބިގަނެ، ނާއިންސާފުން ސަލާމަތްވުމަށްޓަކައި އިބޫއަށް ވޯޓްދޭންޖެހޭ ކަމަށެވެ.
މިސަރުކާރުން މީހުންނަށް ކުރަމުންދާ ޒާތީ އަނިޔާއާއި، ގެންގުޅޭ ޒާތީ ދުޝްމިންކަމާއި ފަސާދައިން ސަލާމަތްވެގަތުމަށްޓަކައި، މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ރައްޔިތުންވެސް ތިބީ އިބޫއަށް ވޯޓްލުމަށް ތައްޔާރުވެފައިކަން ކަށަވަރު ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބުގައި އެންމެ ކުރި ހޯދާނީ މާމިގިލީ ރައްޔިތުންކަން ކަށަވަރު ކަމަށާއި، އ.އަތޮޅުގެ ރައްޔތުންކަން ކަށަވަރު ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ކަށަވަރު ކުރެވޭ ކަމަކީ، ބޮޑުތަނުން މާމިގިލިން ޔާމީނު ބަލިކުރާނޭކަން. މާތްﷲ އިރާކުރެއްވިއްޔާ، ރާއްޖޭގެ އެންމެ ގިނަވޯޓު އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިގެންދާނެ ރަށަކީ މާމިގިލި ކަމުގައި ވެގެންދާނެ. އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރިއަށްއޮތް 5 އަހަރު ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު ހޮވުމަށްޓަކައި މިމަހުގެ 23 ވަނަ ދުވަހު ދިވެހިރައްޔިތުން ނިންމާ ނިންމުމާއިގުޅިގެން ދައްކަންޖެހިފައިވަނީ ރާއްޖޭގެ ހާލަތު މިހާރުއޮތް ގޮތުގެ ވާހަކަ ކަމަށެވެ.
މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި ވަނީ އަނިޔާވެރިކަން ފެތުރިފައި ކަމަށާއި، ސަރުކާރުން ހިންގަމުންގެންދާ ނާޖާއިޒް، އަނިޔާވެރި އަދި އިހާނެތި ކަންތައްތަކުގެ ވާހަކަ ކަމަށެވެ. ކޮރަޕްޝަނާއި ފަސާދަ އާންމުވެ، ރައްޔިތުންގެ ފައިސާއިން ބޮޑެތި ވައްކަންތައް ކުރުމުގެ ސަބަބުން ރައްޔިތުން ބޮޑެތި އަދަދުތަކުން ދަރަނިވެރިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"މިސަރުކާރު އައިފަހުން، އަޅުގަނޑު ލަފާކުރާގޮތުގައި ހަމަ ގައިމުވެސް ކޮންމެ ރައްޔިތެއްގެ ބޮލުގައި ދެލައްކަ ދިވެހި ރުފިޔާގެ ދަރަނި މިވަނީ އެޅިފައި. އިންތިހާ ދަރަޖައިގެ ބޮޑު އަގުގައި ކޮންމެ ޕްރޮޖެކްޓެއް ހިންގަނީ. އައިޖީއެމް ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތެކޭ ވިދާޅުވާއިރު އެތަން އެވަނީ އެކަހަލަ ހަތަރު ނުވަތަ ފަސްއިމާރާތުގެ އަގުގައި، އޮނިގަނޑު އެކަނި. އަދި އެތަނަށް ގެންނަން ބޭނުންވާ އިކުއިކްޕްމަންޓްތަކުގެ އަގުވެސް 70 އެތައް މިލިއަން ޑޮލަރަށް އަރާވާހަކަ އަޅުގަނޑުމެން އަޑުއަހަން. އެހެން ނަމަވެސް ހަގީގަތަށް ބަލާއިރު ޖަރުމަނުވިލާތުން އެންމެ މަތީފެންވަރުގެ އެއްޗެހި ގެންދިޔަ ކަމުގައިވިޔަސް އަޅުގަނޑު ގަބޫލުކުރާގޮތުގައި ތިރީހަކަށް މިލިއަން ޑޮލަރުވެސް ނުދާނެ. އަދި ހަމަ އެހެންމެ ބްރިޖަށް ބެލިޔަސް ދެގުނަ ތިންގުނަ އަގުގައި. އެއަރޕޯޓަށް ބެލިޔަސް ދެގުނަ ތިންގުނަ އަގުގައި. އަޅުގަނޑު ފައިނޭންސް މިނިސްޓަރަކަށް ހުރިއިރު އެތާނގެ މާސްޓަރޕްލޭންވަނީ ހަދާފައި. ގާތްގަނޑަކަށް ފަސްލައްކަ ޑޮލަރު ޚަރަދުކޮށްގެން އަޅުގަނޑުމެން ހެދި މާސްޓަރޕްލޭނެއް. އޭރުގެ އެސްޓިމޭޓަކީ ގާތްގަނޑަކަށް 550 މިލިއަން ޑޮލަރު. މިހާރު އެ ވިދާޅުވާ ޑަބަލް ރަންވޭއާއި ހުރިހާ އެއްޗެއް ލައިގެން، މިއަދު އިންފްލޭޝަނަކާއި ހުރިހާ އެއްޗަކަށް ބެލިކަމުގައި ވިޔަސް 700 ވަރަކަށް މިލިއަން ޑޮލަރަށްވުރެ ޚަރަދު ބޮޑުވާނެ އެއްވެސް ގޮތެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް އަޑުއިވެމުންދަނީ 1.2 ނުވަތަ 1.4 ބިލިއަން ޑޮލަރުގެ ވާހަކަ. މިއިން އެއްވެސް ޕްރޮޖެކްޓެއް ހިނގާއިރު އެއްވެސްކަމެއް ކުރާއިރު އެއިން ޕްރޮޖްކެޓެއްގެ އަގު އެއީ ދިވެހި ރައްޔިތުންނަށް އެނގޭ އެއްޗެއްނޫން. ރައްޔިތުންގެ މަޖިލީޙުގެ މެމްބަރަކަށްވިޔަސް، އަދި އެހެން ފަރާތަކަށްވިޔަސް މިއެނގެނީ އެކަން ނިމިގެންދާއިރު ޔޯލަކޮށްލާފަ ދައްކާ ވާހަކައިގެ އަޑު، އެވެނިވަރެކޭ މިވެނި ވަރެކޭ. ހަގީގީ އަދަދެއް އެނގޭނޭގޮތެއް ނެތް. އެހެން ނަމަވެސް ގާނޫނުތަކާއި ގަވާއިދުތައް ހަމަޖެހިފައިވާގޮތުން، މިހުރިހާ ކަންތައްތަކެއް ޓްރާންސްޕޭރެންޓްކޮށް ގުޑް ގަވަރނަންސްގެ އުސޫލުން ދާކަމުގައިވާނަމަ، ޓެންޑަރ ކުރެވިގެން ރައްޔިތުންނަށް އެނގިގެން، ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިގެން އޮންނަ ބަޖެޓެއްގެ މައްޗަށް މިކަން ކުރެވިގެން ދާންޖެހެނީ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމްވަނީ، މިހާރުގެ ސަރުކާރުން ބައެއް ގާނޫނުތަކަށް ބަދަލުގެނެސް، އަމިއްލަ އިޚްތިޔާރުގެ ދަށަށް ގެންގޮސް ކަންތައް ކުރަމުންދާގޮތުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަންކަން ކުރަމުންދަނީ ގާނޫނުއަސާސީގެ ރޫހާއި، ގާނޫނުތަކުގެ ރުޙާ ޚިލާފަށް، އިންތަކާއި މިންތަކުގެ ބޭރުން ކަމަށްވެސް ވިދާޅުވިއެވެ.
"އަމިއްލަ އިޢްތިރާފުން އަމިއްލަ ގެއަށް އެތައް ފައިސާއެއް ފޮށިގަނޑުގަނޑުގައި ވަން ވާހަކައާއި، ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުންނަށް އަހްމަދު އަދީބު ދެއްވި ފައިސާއަކީ ތިމަންނަގެ ފައިސާއޭ ރައީސް ޔާމީން ވިދާޅުވިއިރު، މިއިން އެއްވެސް ކަމެއް ތަހްގީގު މަރްހަލާއަށް ނުދޭ. އަދި މިއަދު ތަފާތު ގޮތްގޮތަށް އެކި ޖަލްސާތަކުގައި ވަރުވަރުން އަމިއްލަފުޅަށް ވަމުންދާ އިޢްތިރާފުގެ ވާހަކަ ބަލާލެވޭނެ އަދި ކަންތައްތައް ތަހްގީގު ކޮށްލެވޭނެ މުއައްސަސާއެއް ނެތް. މިއީ އަޅުގަނޑު މިދަންނަވާ ވާހަކައިގެ ހަގީގަތަކީ" ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުން ރައީސް ޔާމީނާ ހަވާލުކުރި ވެރިކަން ރައީސް ޔާމީންގެ ކިބައިން ވަކިކުރަންޖެހޭ ކަމަށާއި، ވަކިކުރެވޭނެ ގޮތަކީ ރައްޔިތުން ނުކުމެ 23 ސެޕްޓެމްބަރުގައިލާ ވޯ÷ޓްގައި ކެންޑިޑޭޓް ނަންބަރު 2 އަށް ވޯޓްލައިގެން ކަމަށާއި، އިބޫއަށް ވޯޓްލައިގެންމެނުވީ މިކަމުން ސަލާމަތް ވެވޭނެގޮތެއް އޮތްކަމަކަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އާދޭހަކީ، އެދުމަކީ ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން އަތުކުރި އޮޅާލައިގެން ކަށިން ހިތްވަރު ނެރެގެން 23 ސެޕްޓެމްބަރުވާ ދުވަހު ވޯޓުލުމަށް ނުކުމެ ވޯޓްލައި ނިމިގެންވެސް، ގާނޫނު ހުއްދަކުރާ ހިސާބުގައި ތިބުން. ވޯޓުގެ ނަތީޖާ އިޢްލާން ކުރަންދެން. ވޯޓުގެ ނަތީޖާ އިޢްލާން ކުރުމުންނޫނީ ގެއަށް ނުދިއުން އެދެން" ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ވޯޓްގެ ނަތީޖާ ލިބެންދެން ގެއަށްނުގޮސް މަޑުކުރަން އެދިވަޑައިގެންނެވި ސަބަބު ހާމަކޮށްދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ފުރަތަމަ ރީރަޖިސްޓްރޭޝަނުން ފެށިގެން ކޮންމެވެސް ނުބައި ކަންތައްތަކެއްގެ ވާހަކަ އިވިވަޑައިގަންނަވާ ކަމަށާއި، ރީރަޖިސްޓްރޭޝަންވެސް ވަނީ ވަރަށްބޮޑު އޮޅުވާލުމެއްގެ ތެރޭގައިކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
"ވޯޓުފޮށީގެ ވާހަކަ، އެއްފޮށި ފޮނުވަންޖެހޭ ތަނަކަށް ދެފޮށި. އެއްއުރަ ފޮނުވަންޖެހޭ ތާކަށް ދެއުރަ. މިއީ ކިހިނެއް ހިނގާކަމެތޯ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ނުލިބޭ. ހަމަ އެހެންމެ މިއަދު އިވެނީ އައިޑީ ކާޑު ގަންނަ ވާހަކަ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ އެބޭފުޅެއްގެ އައިޑީ ކާޑު އެބޭފުޅެއްގެ އަތްމަތީގައި ބާއްވާށޭ، މުސްތަގްބަލް ވިއްކާ ނުލައްވާށޭ. ވެނުމަސް ވެނަށް ކާންދީގެން ދޭ ފައިސާއަކުން އެގޮތަށް ނުވިކޭށޭ. މުސްކުޅިން ބުނެއުޅޭ އަސް ވިއްކިޔަސް ލަގަން ނުވިއްކާށޭ. މިހަރުދަނާ ބަހުގަ އަޅުގަނޑުމެން ހިފަހައްޓަން އެބަޖެހޭ. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ގައުމާއި، ގައުމުގެ މިނިވަންކަމާއި، އިސތިގްލާލާއި، އަޅުގަނޑުމެންގެ ދީނާއި، ފަރުދުންގެ މިނިވަންކަން ސަލާމަތް ކުރުމަށްޓަކައި 23 ސެޕްޓެމްބަރުގައި އިބްރާހިމް މުހަންމަދު ސޯލިހްއަށް ވޯޓްދެއްވަން" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ރައީސް ޔާމީން ގައުމަށް ގެނެސްދެއްވަމުން ގެންދަވާކަމަށް އިވިވަޑައިގަންނަވާ ތަރައްގީގެ ވާހަކަތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ، ރައީސް ޔާމީނުވެސް އެނޫން ރައީސުންވެސް ގައުމަށް ކަންތައް ކޮށްދެއްވާފައިވާ ކަމަށާއި، ނަމަވެސް އެއީ ރައީސްގެ ހެޔޮފުޅުކަމުން ސީދާ ރައީސް ކޮށްދެއްވާ ކަމެތޯ ސުވާލު ކުރައްވާފައެވެ.
ތަރައްގީއަކީ، ރައްޔިތުންނަށް ޚިދުމަތްކުރަން މާތްﷲ ގަންދީ ހުވާ ކުރައްވައިގެން، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި، ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަންތައްތައް ކޮށްދޭން އަންނަ މީހަކު ރައްޔިތުންގެ ފައިސާއިން ކޮށްދޭ ކަންތައްތައް ކަމަށް ގާސިމް ވިދާޅުވިއެވެ.
"ދައުލަތް ދަރަނިވެރި ކުރުވައި ރައްޔިތުންގެ ފައިސާއިން ކޮށްދޭ ކަންތައްތަކަކީ އެއީ އެމީހާގެ ރަނގަޅުކަމުން އެމީހާގެ ހެޔޮފުޅުކަމުން ކޮށްދެއްވާ ކަމެއްތޯ އަޅުގަނޑުމެން ބަލާލަން އެބަޖެހޭ، ވިސްނާލަން އެބަޖެހޭ. އަޅުގަނޑު ދަންނަވާލަން މިއުޅެނީ ވަރަށް ސާފުކޮށް، ވެރިކަމުގަ ހުންނަ މީހަކު ވެރިކަމުގަ ހުންނަ ދުވަސްވަރު އެ ސަރުކާރަކުން ކޮށްދޭ ކަންތައްތަކަކީ އެމީހެއްގެ ރަނގަޅުކަމުން އެމީހަކު ހެޔޮލަފާކަމުން ކޮށްދޭ ކަންތައްތަކެއްނޫން. އެއީ ދިވެހި ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށްޓަކައި ކޮށްދޭ ކަންތައްތައް. އެމީހެއްގެ ހެޔޮފުޅުކަމުން ކަމެއް ކޮށްދިން ކަމަށްވާނީ އެމީހާ ލޭއޮހޮރުވައިގެން ދާއޮހޮރުވައިގެން ކުރާ މަސައްކަތުން އެމީހަކު ރައްޔިތަކަށް އެއްޗެއް ދިއްކޮށްލާ ދިށްލާފަ އޮތިއްޔާ އެކަމެއް. އެއީ ބޮޑުލާރިއެއް ނަމަވެސް، އެއީ ބޮޑު ރަންގަނޑެއް ނަމަވެސް އަދި ކިތަންމެ ކުޑައެއްޗަކަށްވިޔަސް ބޮޑުއެއްޗަކަށްވިޔަސް" ގާސިމް ވިދާޅުވިއެވެ.
އިއްތިހާދުގެ ބޮޑު ޖަލްސާ ބޭއްވި މާމިގިއްޔަށް އިޝާރާތް ކުރައްވައި ގާސިމް އިބްރާހިމް ވިދާޅުވީ، މާމިގިލީގެ ނަރުދަމާގެ މަސައްކަތާއި، ފެނުގެ މަސައްކަތް ކުރެވިގެންދިޔައީ ކިހިނެއްކަން އަދި އެއީ ކާކުދިން ލާރިއަކުން ކުރެވުނު ކަމެއްކަން ވިސްނާލަންޖެހޭ ކަމަށެވެ.
"މާމިގިލި އެކަންޏޭއްނޫން އަދި އެހެން ރަށެއް ކަމަށްވިޔަސް، ކޮންމެ ރަށެއްގައިވިޔަސް ނަރުދަމާއާއި ބޯފެނުގެ ޚިދުމަތް ދިނުމަކީ ގާނޫނުއަސާސީން ލާޒިމްކޮށްފައިވާ ކަމެއް. އެހެންވީމާ، ވިސްނާލަންޖެހޭ މިއީ ޔާމީން އަބްދުލްގައްޔޫމްގެ ހެޔޮފުޅުކަމުން އޭނާ ކޮށްދެއްވި ކަމެއްތޯ. ރާއްޖޭގެ އާބާދީއަށް ބަލާލާއިރު ތިންހާހެއްހާ މީހުން ދިރިއުޅޭ މާމިގިލީގަ އަސްލުގަ ފެނާއި ނަރުދަމާގެ ޚިދުމަތްދިނުން އެއޮތީ މާބޮޑަށް ލަސްވެގެން ގޮސްފަ. ރައީސް ނަޝީދުގެ ވެރިކަމުގަވެސް ދެފަހަރަށް ތިންފަހަރަށް ބަޖެޓްގަ ޖަހާ ފާސްކުރި. މިވެރިކަމުގަވެސް އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގަ އިނދެގެން ކޮމެޓީތަކުގެ ހުރެގެން އެކަންވާނީ ބަޖެޓްގަ ޖަހާ ފާސްކޮށްފަ. އެކަންތައްތައް މިއަދު ނިމިގެންދިޔައިރު، ނަރުދަމާގެ ނިޒާމު އިފްތިތާހް ކޮށްދެއްވިއިރު ސާޅީސް އެތައް ގޯޅިއަކާއި، އެއަރޕޯޓްގެ އެއްވެސް ކަނެކްޝަނެއް މިވަނީ ގުޅައިނުދީފައި. މިހެން މިކަން އޮއްވައި، އިފްތިތާހްކުކރުމުގެ ޖަލްސާ ބާއްވާފައިވާކަން ފާހަގަކުރަން. އޮފްޒޯޒް އަޅުގަނޑުމެންނަށް ބުނެވިދާނެ ސަރުކާރުން އެކަންކުރި ވާހަކަ. އަޅުގަނޑު ދަންނަވަން މިއުޅެނީ އަޅުގަނޑު މާމިގިއްޔަށް ކަމެއްކޮށްދިން ވާހަކައެއް ނުވަތަ އެހެން ރަށަކަށް ނުވަތަ އަތޮޅަކަށްވެސް އަދި ރައްޔިތަކަށްވެސް ކަމެއްކޮށްދިން ވާހަކައެއްނޫން. އެހެން ނަމަވެސް ހަގީގަތަކީ ވެރިކަމުގަ ހުންނަމީހާ ވެރިކަމުގަ ހުންނަ ދުވަސްވަރު އޭނާ ކޮށްދޭ ކަންތައްތަކަކީ އޭނާގެ ހެޔޮފުޅުކަމުން ކޮށްދިން ކަމެއްނޫން. ވެރިކަމަށް އައުމުގެ ކުރިން ނުވަތަ ވެރިކަމުން ފައިބައިގެން ދިޔަފަހުން އެމީހަކު މީހަކަށް ކަމެއް ކޮށްދެވިފަ ވާކަމަށް ވާނަމަ އެއީ ކަމެއް ކޮށްދެވިފަ. ނުވަތަ ވެރިކަމުގެ ހުންނައިރު ތިމާގެ އަމިއްލަ ޖީބުން ކަމެއް ކޮށްދިންނަމަ އެކަމެއް ކަމަކަށް ވެދާނެ. މިއީ އެމީހެއްގެ ހެޔޮފުޅުކަމުން ކޮށްދޭ ކަމަކީ. އެކަމަކު އެމީހަކަށް ވާޖިބު ކަމެއް ލާޒިމްވެފައިވާ ކަމެއް، ކޮށްދޭން މަޖުބޫރުވެފައިވާކަމެއް ކޮށްދިނުމަކީ އެއީ އޭނަގެ ހެޔޮފުޅުކަމުން ކުރާކަމެއް ކަމަށް ބަލައިގަތުމަކީ ކުރަންޖެހޭ ކަމެއްނޫން" ޖޭޕީގެ ލީޑަރ ވިދާޅުވިއެވެ.
މާމިގިލީގައި ހަދާފައިވާ ބިޔަ ކަނޑުގެ ބަނދަރުގެ ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، މާލޭގެ ބަނދަރު ތޮއްޖެހިފައިވުމުން ކުރެވޭނެ އެއްވެސް ކަމެއް ނެތިގެން މާމިގިލީގަ އިންޓަރނޭޝަނަލް ބަނދަރެއް ހަދާނެ ވާހަކަ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގަ އެމަނިކުފާނުވެސް ވިދާޅުވެފައިވާ ކަމަށެވެ. ކަންދިމާވިގޮތުން އެމަނިކުފާނު އެކަން ނުކުރައްވާ ހުންނަވަނިކޮށް ވެރިކަމުން ވަކިވެވަޑައިގެންނެވީ ކަމަށާއި، އޭގެފަހުން އައި ދެއަހަރުގެ ތެރޭގައިވެސް އެކަން ނުކުރެވުނު ކަމަށް ވިދާޅުވިއެވެ.
"ދެން މިއަދު އެންމެފަހުން 5 އަހަރު ނިމިގެންދިޔައިރު، މީހަކު ހަދާފައިއޮތް ބަނދަރަކަށް އައިސް ފެންސެއް ޖަހާފައި މީ ބަނދަރެއް ހުޅުވީއޭ ބުނީމާ އެއީ ވަރަށް ތާހިރުކަމެއް. އެހެންވެސް އެކަންވި ކަމަށްޓަކައި އަޅުގަނޑު އުފާކުރަން. މާމިގިލީ ރައްޔިތުންނަށް އެއްވެސް ނިއުމަތެއް އެއްވެސްކަމެއް ވެގެންދާކަން އެއީ އަޅުގަނޑު ވަރަށް އުފާކުރާކަމެއް. އަދި އެހެން ރަށެއްގެ ރައްޔިތުންނަށްވެސް ކަންތައްތައް ވެގެންދިއުމަކީ އަޅުގަނޑު ވަރަށް އުފާކުރާކަމެއް. އަޅުގަނޑު މިއަދު ދަންނަވާލާނީ، ކާޅު ހާލިހެދީމާ ކޮވެލިއައިސް ބިސްއަޅާހެން ބަނދަރެއް ހެދީމާ އެއީ ކާކުހެދި ބަނދަރެއްތޯ، އެތަނުން ވަޒީފާ ލިބިގެންދަނީ ކޮންބަޔަކަށްކަން މާމިގިލީގެ އެންމެ ކުޑަކުއްޖާވެސް ދަނޭ. އެތައް ހެކްޓަރެއްގެ ބިން މާމިގިލީގެ ރައްޔިތުންނަށް އިތުރުވެން ގޮސްފައި މިވަނީ. މާމިގިލީ ރައްޔިތުން ސުނާމީގަ ޖެހުނު ދުވަހުވެސް ރަށް ދޮވެވިގެން ނުދިޔައީ ކީއްވެގެންކަންވެސް މާމިގިލީގެ ލޮބުވެތި ރައްޔިތުންނަށް އެނގޭ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ