ޖަޒީރާ ގައުމުތަކުގެ މައްސަލަތައް ހައްލުކުރަން ބައިނަލްއަގުވާމީ މެކޭނިޒަމްއެއް އޮންނަން ޖެހޭ: މައުމޫން

ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކާމެދު ނިންމާ ނިންމުންތަކަށް އަމަލީ ސިފަ ގެނައުމަށް ބައިނަލް އަގުވާމީ މެކޭނިޒަމެއް އެކުލަވާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަމޯއާގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސްގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ފަހު ރޭ މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓްގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ޖަޒީރާ ގައުމުތަކަށް ދިމާވާ މައްސަތަކަށް އަމަލީ ސިފަ ގެނައުމަށް މެކޭނިޒަމެއް ގެނަމަށް އެ ބައްދަލުވުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް އެއްބަސްވި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ނިންމާ ނިންމުތަކަށް އަމަލު ކުރޭތޯ ބެލުމަށް ބައިނަލް އަގުވާމީ މެކޭނިޒަމެއް ކުރިން އެކުލަވާލާފައިނުވާ ކަމަށާއި ޖަލްސާތަކުގައި ފާސްކުރާ ގަރާރުތަކަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވެނީ އެހެންވެ ކަމަށެވެ.
"އަޅުގަނޑުމެން މި ޖަލްސާގައި ސަމޯއާގައި ބޭއްވި [ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސްގައި] މި އެއްބަސްވީ ބައިނަލް އަގުވާމީ މެކޭނިޒަމް އެއް އިޖާދުކުރަން ޖެހޭނެ އޭ. އެ މެކޭނިޒަމް ބަލަހައްޓާނީ ކިހިނެތްތޯ ފިޔަވަޅުތައް އެޅެމުންދަނީ. އަދި ވަކިން ހާއްސަކޮން އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކަށް ބޮޑެތި ގައުމުތަކުގެ އެހީލިބޭނީ ކިހިނެތްތޯ [ ބެލުން]. ކުރިން ނެތް ކަމެއް މިއީ މި ބައިނަލް އަގުވާމީ މެކޭނިޒަމެއް އޮތުން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާ މެދު މުޅި ދުނިޔެ އިން ވެސް ކަންބޮޑުވާ ކަމަށާއި އަދި އެ މައްސަލަތައް ހައްލު ކުރަން ހުރިހާ ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަން އެ ބައްދަލުވުގައި ބައިވެރިވަޑައިގެން ހުރިހާ ފަރާތްތަކުން ގަބޫލު ކުރައްވާ ކަމަށެވެ.
ނަމަވެސް ކުދި ޖަޒީރާ ރަށްތަކާ މެދު ނިންމާ ނިންމުންތަކަށް އަމަލީ ސިފަ ނާންނަ ކަމަށް ހުރިހާ ގައުމުތަކުން ވެސް އެއްބަސްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަހަރު ބާއްވާފައި ވަނީ ތަރައްގީ ވަމުން އަންނަ ޖަޒީރާ ގައުމުތަކުގެ ބައިނަލްއަގުވާމ ތިން ވަނަ ކޮންފަރެސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ