އަބްދުﷲ ސައީދާއި އަލީ ހަމީދު ވެސް އެބޭފުޅުންގެ އާއިލާތަކާ ގުޅުވައި ދެއްވުމަށް އެދެން: ނަޝީދު

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ވެސް އެބޭފުޅުންގެ އާއިލާތަކާ ގުޅުވައި ދެއްވުމަށް އެދޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހުޅުދުއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އަބްދުﷲ ސައީދާއި އަލީ ހަމީދު އަދިވެސް ނުހައްގުން ހިންގުނު ޝަރީއަތަކާއި ބޭއިންސާފުން ކުރެވުނު ތުހުމަތެއްގައި އަދިވެސް އޮންނެވީ ޖަލުގައި ކަމަށެވެ.
"ހިތާމައިގެ ކޮޅެއް ނެތް. ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދިވެސް އޮތީ ނުހައްގުން ހިންގުނު ޝަރީއަތަކާއި ބޭއިންސާފުން ކުރެވުނު ތުހުމަތެއްގައި ޖަލުގައި. އަޅުގަނޑުގެ އެދުމަކީ ހަމަ މިހާރުން މިހާރަށް ވެސް އެބޭފުޅުން އެބޭފުޅުންގެ އާއިލާތަކާ ގުޅުވައި ދެއްވުން. އެބޭފުޅުން ދޫކޮށްލުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޭއިންސާފުން އެއްވެސް ބަޔަކަށް އަނިޔާއެއް ލިބުމަކީ އެމަނިކުފާނުގެ ޟަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދަކީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އަބްދުﷲ ސައީދު އެންގެވި މައްސަލައިގައި އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިމަހުގެ އަށްވަނަ ދުވަހު ހުކުމްކޮށްފައިވާ އިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާގައި އަބްދުﷲ ސައީދާއި އަލީ ހަމީދު، އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމެއް އައިސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ