ކޯލިޝަން ވަރުގަދަކޮށް ރޫޅުނަ ނުދީ ދެމެހެއްޓުމަކީ ގައުމީ ވާޖިބެއް: ރައީސް މައުމޫނު

މިހާރު ރާއްޖޭގައި ވެރިކަންކުރަމުން އަންނަ، ކޯލިޝަން ސަރުކާރު ރޫޅިދާނެކަމުގެ އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި، އެ ކޯލިޝަން ރޫޅުނަ ނުދީ ހިފެހެއްޓުމަށް، ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. މިއަދު ހެނދުނު ރައީސް މައުމޫނު، އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓު މެދުވެރިކޮށް ވިދާޅުވީ، "ކޯލިޝަން ވަރުގަދަކޮށް ރޫޅުނަ ނުދީ ދެމެހެއްޓުމަކީ، އަޅުގަނޑުމެން އެންމެންގެ ގައުމީ ވާޖިބެއް،" ކަމަށެވެ. އެމަނިކުފާނު ވަނީ، "މިކަމުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ހަތަރު ލީޑަރުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު،" ކަމަށް ވިދާޅުވެފައެވެ. "އަޅުގަނޑުމެން ހަތަރު ޕާޓީ ގުޅިގެން ކޯލިޝަނެއް އުފެއްދީ އިންސާފުވެރި ހެޔޮ ވެރިކަމެއް ގާއިމުކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް. ވީމާ އަޅުގަނޑުމެން އެންމެންވެސް ޕާޓީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް އަޅުގަނޑު ނުހަނު އިހްލާސްތެރިކަމާއެކު ގޮވާލަން،" ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫނު މިގޮތަށް ގޮވާލާފައި މިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދެ ބާރުކަމަށްވާ، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ކޯޅުންގަނޑު މެކުހަށް ޖަހާފައި ވަނިކޮށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރު ބަލިކުރަން އެކުލަވައިލި ބިޔަބޮޑު ކޯލިޝަންގެ އެއްބަސްވުމާ ހިލާފުވެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތަަކަށް ކުރިމަތިލާން ނިންމާފައެވެ. އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން ވަނީ، އެއީ ކޯލިޝަންގެ އެއްބަސްވުމާ ޚިލާފުވުންކަމަށް ބުނެފައެވެ. https://sun.mv/114193 ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، "އެމްޑީޕީއަށް ވެރިކަން ލިބުނީމާ" އަނެއްކާވެސް ޖޭޕީ މަގުމައްޗަށް އެއްލާލީ ކަމަށެވެ. އަދި ރައީސް ޔާމީންގެ ޕާޓީ އިސްތިސްނާ ނުވާ ގޮތަށް، މަޖިލީސް އިންތިހާބުގައި ޖޭޕީއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކާ އެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ