އެއް ޕާޓީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ ވާނެ ގޮތް ވަނީ ފެނިފައި: ގާސިމް

އެއް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ކަންތައްތައްވާނެ ގޮތް ކުރިން ފެނިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެއް ޕާޓީއަކަށް ދިނުމަކީ ރައްޔިތުންނަށް އޮތް ރައްކާތެރިކަމެއްތޯ ނުވަތަ ނުރައްކަލެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި އެއް ފަރާތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެއްޔާ ކަންތައްވާނެ ގޮތް އިއްޔެ އާއި އިހަށް ދުވަހު ސާފުކޮށް ދައްކައިދީފި ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލިސް އެއް ބައެއްގެ އަތް މައްޗަށް ލިބިއްޖެއްޔާ ބޭނުން ގޮތަކަށް ގާނޫނު އަސާސީ ބަދަލުކުރާނެކަން 2008 ވަނަ އަހަރުން ފެށިގެން ފެންނަމުންދާ ކަމަށެވެ.
"މިހާރު އަޑުއިވެނީ މަޖިލިސް ސާފުކޮށްގެން ވަކި ބަޔަކަށް މެޖޯރިޓީ ލިބިގެން ނޫނިއްޔާ ރާއްޖެ ކުރިއަކަށް ނުދާނޭ. އެގޮތަށް މެޖޯރިޓީ ލިބުނީމަ ކަންތައްތައް ވެެގެން ދިޔަގޮތް އިއްޔެ ވެސް އިހަށް ދުވަހުވެސް މިއޮތީ ފެންނަން،" ނުސީދާކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ، މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވި އެވެ.
"ލިބުނު ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންނަށް އޭގެ އިބުރަތް ހާސިލް ނުކޮށްފިއްޔާ ދެން އަޅުގަނޑުމެންނަށް ލިބެން އޮތް ކަންތައް އެއަށްވުރެ ނުބައިވާނެ."
މަޖިލިސް އިންތިޚާބުގައި ވޯޓުލާއިރު ރައްޔިތުން ވިސްނަންވީ ރާއްޖޭގެ މުސްތަގުބަލާއި މިނިވަންކަމާއި ރައްކާތެރިކަން އެހެން ބައެއްގެ އަތްދަށަށް ގެންދިޔަ ނުދީ ހިފެހެއްޓުމަށް ކަމަށް ވިދާޅުވި އެވެ.
މުއައްސަސާތައް ހަލާކުވެގެން ދަނީ ވެރިއަކަށް ހުންނަ މީހާ އެ މުއައްސަސާތަކުގެ ތެރެއަަށް އަތްބާނާތީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ސިފައިންނާއި ފުލުހުން ތިބެނީ ވެރިމީހާގެ ބާރުގެ ދަށުގައި ކަމަށާއި މަޖިލިސް އެ ބައެއްގެ އަތް މައްޗަށް އަތުވެއްޖެއްޔާ ގާނޫނު ކޮންމެ ގޮތަކަށް އޮތަސް ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އެކަން ފެނިގެން އަދި ނުދާ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވަނީ ރައީސް ހުންނެވީ މަޖުބޫރީ ހާލަތެއްގައި ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަށް ހަމްދަރުދީވެވަޑައިގަންނަވާ ކަމަށާއި އަދި ޝުކުރުވެރިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ