ރައީސް މައުމޫން ޖަލުން މިނިވަންކޮށް، ގެއަށް ބަދަލުކޮށްފި

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުން ގެއަށް ބަދަލުކޮށްފިއެވެ.
މިއަހަރުގެ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހައްޔަރުކުރުމަށްފަހު، ފުލުހުން ހިންގި ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިކަމުގެ މައްސަލައެއް ސާބިތުވެ ރައީސް މައުމޫން ގެންދަވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ.
އެމަނިކުފާނު މިއަދު ގެއަށް ބަދަލުކޮށްފައި މިވަނީ، ޖަލުގައި ނުބަހައްޓާ ގެއަށް ބަދަލު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ދަށުގައިވާ މެޑިކަލް ބޯޑުން ނިންމުމުން ވެސް، ގެއަށް ބަދަލުނުކޮށް ޖަލުގައި ބަހައްޓާފައި ހުރުމުން އެކަމާ އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި އާންމުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
އެގޮތުން ރައީސް މައުމޫން ގެއަށް ބަދަލުކޮށްދޭން އެމްސީއެސްގެ މެޑިކަލް ބޯޑުން ދީފައިވާ ލަފައާ އެއްގޮތަށް އެ އިދާރާގެ ވެރިޔާ އަހުމަދު ޝިހާން އަމަލު ނުކުރައްވައި، އެކަމަށް ހުރަސްއަޅުއްވާ ކަމަށް ބުނެ އޭނާގެ މައްސަލައެއް، މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ފުލުހަށް ވެސް ހުށަހަޅައިފައެވެ.
އަދި މިދިޔަ ޖުލައި މަހުގެ ތެރޭގައި ރައީސް މައުމޫން ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެދި ހައި ކޯޓަށް ސިޓީއެއް ފޮނުވާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް މިިހާތަނަށް ވެސް ބާއްވާފައެއް ނުވެއެވެ. އެހެންކަމުން މައުމޫންގެ ފަރާތްޕުޅުން އެ މައްސަލަ މިދިޔަ އަންގާރަ ދުވަހު ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފައެވެ.
އުމުރުފުޅުން 82 އަހަރުގެ ރައީށް މައުމޫންއަކީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެއް ކަމަށްވާ ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެކެވެ.
އަދި އެކަމާ ގުޅިގެން އެމަނިކުފާނުގެ އާއިލާގެ ފަރާތުން ތަކުރާރުކޮށް ކަމާބެހޭ އިދާރާތަކަށް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ