އިންތިހާބުގެ ނަތީޖާއާ ކޯޓުން ބެހިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ: މައުމޫން

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން އެއްވެސް ކޯޓަކުން އިތުރު ގޮތެއް ނިންމާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލު ކުރެއްވުމަށްފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި އެކަން ދުނިޔެ ވެސް ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބުގައި ވޯޓުލީ އެންމެންގެ ހާޒިރުގައި ކަމަށާއި އިލެކްޝަންސް ކޮމިޝަންއިން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް އޭގެ ހަފްތާއެއް ފަހުން ދާއިމީ ނަތީޖާ ވެސް އިއުލާންކޮށް ނިންމި އިރު ވެސް އެއްވެސް މައްސަލައެއް ވެސް ނުޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އޭގެ މާ ފަހުން ކުއްލިއަކަށް މައްސަލަތަކެއް ފެންމަތިވެގެން އިންތިހާބު ގޯހޭ ބުނި ނަމަވެސް އެކަން އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ ކަމަށާއި އެއީ ދުނިޔޭގެ ގައުމުތަކުންނާއި ރާއްޖޭގެ އެއްވެސް މުއައްސަސައަކުން ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެއްވެސް ކޯޓަކުން ވެސް އެކަމާ ދޭތެރޭ އިތުރު ގޮތަކަށް ނިންމަވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން އަދި ގާސިމް: ދެ ބޭފުޅުން ވެސް ވަނީ ނަތީޖާއާ ދެން ނުކުޅެވޭނެ ކަމަށް ވިދާޅުވެފަ - މުހައްމަދު އަފްރާހު | އަވަސް
"އެކަން އެ އޮތީ ނިމިފަ، އެއޮތީ ވަގުތީ ނަތީޖާ ވެސް ދާއިމީ ނަތީޖާ ވެސް އިއުލާންކޮށްފައި، އެ މުއްދަތުވެސް ހަމަވެއްޖެ، ދެން އެއަކާ ދޭތެރޭ އެއްވެސް މީހަކު ކުރެވޭނެ ކަމެއް ނޯންނާނެ، އެއީ ރަނގަޅަށް ހިނގާފައި އޮތް ކަމެއްވީމަ، އެންމެންގެ ކުރިމަތީގައި އެންމެނަށް ފެންނަ ގޮތަކަށް މަންދޫބުންނާއި ބޭރު ދުނިޔޭގެ ރިޕޯޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި ތަން ބަލަހައްޓާ މީހުން، ކުރިމަތީ ހިނގި ކަަމެއް، އޭރު ފާހަގަ ނުވާއިރު މިހާރު ކިހިނެތްތޯ ފާހަގަ ވާނީ، މިއީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
ބައްދަލުވުމަށްފަހު ގާސިމް ވިދާޅުވީ މި ދަނޑިވަޅުގައި ރިޔާސީ އިންތިހާބުގެ ނަތީޖާއާ ކުޅެން އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. ހުރިހާ ގައުމަކުން އިންތިހާބުގެ ނަތީޖާ ބަލައިގެންފައިވާ އިރު އަލުން ނަތީޖާ ބަދަލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެކަންކޮށްފި ނަމަ ގައުމުތަކުން ރާއްޖެއަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ކޮންމެ ކޯޓަކަށް ވަޑައިގަތަސް އެ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ނިންމުމެއް ނާންނާނެ، ކިހިނެތްތޯ އެކަން ކުރާނީ، އަޅުގަނޑަކަށް ނޭނގެ އެކަން ކުރެވޭނެ އެއްވެސް ގޮތެއް،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ