މިއަދު މާލެއަށް އޮއްސާލި ބޯ ވާރޭގައި ފެން ބޮޑުކޮށްލައި މާލެ ވަނީ ފެނު އަޑީގަ އެވެ. އޭގެން ވެސް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ މާލޭގެ ހުޅަނގު ކޮޅަށެވެ. ނޫނީ މާފަންނު ކޮޅަށެވެ. މިއަދު މެންދުރު ވެހެން ފެށި ބޯ ވާރޭ ހުއްޓާލާފައިވަނީ ހަވީރު ފަހެއް ވެސް ޖެހިފަހުންނެވެ. އޭގެ ފަހުން ވާރޭ ނުވެހުނު ނަމަވެސް މާފަންނު ކޮޅުގައި ފެން ހިންދުމާ ގާތް ވެސް ނުވެ އެވެ.
މުޅި އަމީނީ މަގު ފެނުން ބަންޑުންވެފައިވާއިރު އައިޖީއެމްއެޗް ކުރިމަތީގައި އާއި ފަހަތުން ބޮޑުތަކުރުފާނު މަގުގައި ފެންގަނޑު ވަރަށް ބޮޑެވެ. އެ ސަރަހައްދުގައި ސައިކަލެއް ވެސް ދުއްވޭ ވަރު ނުވެ އެވެ. ގަދަ ހަދާލާފައި ސައިކަލް ދުއްވަން މަސައްކަތް ކުރި މީހުންގެ ސައިކަލްތަކަށް ވެސް ފެން ވަދެ، ސައިކަލް ހުއްޓި އެންމެ ފަހުން ދާން ޖެހެނީ ސައިކަލް އަތުން ހިފައިގެން ދަމައިފަ އެވެ.
މާފަންނު ބިސް ބުރުން އައިޖީއެމްއެޗްއާ ހަމައަށް ހުރި ގެތަކުގެ ތެރެއިން ގިނަ ގޭތަކާއި ފިހާރަތަކުގެ ބޭރުގައި މިހާރު ހުރީ ރައްކަލަކަށް ވެލި ބަސްތާ ޖަހާފަ އެވެ. ވެލި ބަސްތާ ޖެހިއިރު ގިނަ ގޭގެއަށް ހުރީ ފެނުގެ އަސަރު ކޮށްފަ އެވެ. އަދިވެސް ބައެއް ގޭގެއިން ފެން ހިނދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބައެއް ގޭގެ މީހުން ވަނީ ގެތައް ދޫކޮށްލައި ޑިޒާސްޓާ ސެންޓަރަކަށް ބަދަލުވެސްވެފަ އެވެ.
5 ޑިސެމްބަރު 2018: މާލެ ގެއެއްގެ ތެރޭގައި ފެންބޮޑު ވެފަ - ފޮޓޯ: މުހައްމަދު އަފްރާހް | އަވަސް
ވާރޭގައި ވަރަށް ބޮޑަށް އަސަރު ކުރި މއ. ސާނީވިލާގެ އެނދުތަކާއި އަލަމާރިތައް އެއްކޮށް ހަލާކުވެފައިވާއިރު އެ ގޭގެ މީހުން ވެސް މަސައްކަތް ކުރަމުން ދަނީ ގޭތެރޭގައި އޮތް ބޮޑު ފެންގަނޑު ހިނދުމަށެވެ. އެކަމުގައި ފުލުހުން ވެސް ހަރަކާތްތެރިވެ އެވެ. އެ ގޭގެ ކުދިވެރިން ވެސް މިހާރު ވަނީ ޑިޒާސްޓާ ސެންޓަރަށް ބަދަލުކޮށްފަ އެވެ.
"އާންމުކޮށް ގޭގައި ވާާރޭ ވެހުނަސް ފެން ބޮޑެއް ނުވޭ، އެކަމަކު މިއަދު މެންދުރުން ފެށިގެން ގޭގައި ފެން ބޮޑުވެފައި މިވަނީ، ހުރިހާ ކޮޓަރިއަކަށް ފެން ވަދެފަ ވަނީ، ވަރަށް ބޮޑެތި ގެއްލުން ލިބިފައި މިއޮތީ ފެންނަން،" 20 އަކަށް މީހުން ދިރިއުޅޭ އެ ގޭގެ މީހަކު ބުންޏެވެ.
ހަމައެހެން، މާފަންނުގެ ބައެއް ގޭގެއިން ކަރަންޓު ވެސް ކަނޑައިގެން ދިޔަ އެވެ. ނަމަވެސް މިހާރު ގޭގެއަށް ކަރަންޓު ވަނީ ލިބިފަ އެވެ. ނަމަވެސް ފެންގަނޑު ނުހިނދޭތީ އެ ގޭގައި ދިރިއުޅެވޭ ވަރެއް ނުވެ އެވެ.
ކަލާފާނު ސްކޫލްގައި ގާއިމްކޮށްފައިވާ ޑިޒާސްޓާ ސެންޓަރަށް މީހުން އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަނީ - މުހައްމަދު އަފްރާހު | އަވަސް
"މުޅި ގޭގައި މިއޮތީ ފެން، އަދި އެހީއަށް ގުޅޭނެ ފަރާތެއް ވެސް ނުވޭ، އަމިއްލައަށް ހަމަ ފެން މި ހިއްކަނީ، މިރޭ މި ގޭގައި ނިދޭނެ ކަމަކަށް ނުބެލެވޭ،" މާފަންނުގައި ފެން ވަދެފައިވާ ގެއެއްގެ މީހަކު ބުންޏެވެ.
މާފަންނު ކޮޅުގައި އިންތިހާއަށް ފެން ހެދިފައިވާއިރު އެ ސަރަހައްދަށް އެކިއެކި ބޭނުންތަކުގައި ވެސް ގިނަ ބަޔަކު ދެ އެވެ. ހާއްސަކޮށް އައިޖީއެމްއެޗްއަށް ގިނަ ބަޔަކު ދެ އެވެ. އެމީހުންނަށް ވެސް ގިނަ ދަތިތަކާ މި އޮތީ ކުރިމަތިލާންޖެހިފަ އެވެ. ޓެކްސީތަކުން އެ ސަރަަހައްދަށް ދަތުރު ކުރުމަށް ފަސް ޖެހޭއިރު ސައިކަލްގައި އެ ހިސާބަށް ދެވޭ ވަރެއް ވެސް ނޫނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި 160 ގޭގައަކުން ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވެ އެވެ. އެ އާއިލާތަކަށް ދޭން ޖެހޭ އެހީތެރިކަން ދިނުމުގައި ސަރުކާރު މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކަލާފާނު ސްކޫލްގައި ވަނީ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރެއް ވަގުތީ ގޮތުން ގާއިމްކޮށްފަ އެވެ. އެ ސަރަހައްދުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ގިނަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.
5 ޑިސެމްބަރު 2018: ބޯ ވިއްސާރަޔާއެކު މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ - ފޮޓޯ: މުހައްމަދު އަފްރާހް | އަވަސް
ފެން ހިންދުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން ވެސް ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ. ގިނަ ސަރަހައްދުތަކެއްގައި ޕަންޕް ޖަހައިގެން އެ މަސައްކަތް ކުރަމުންދެ އެވެ. އެގޮތުން 14 ސަރަހައްދެއްގައި ސިފައިން ޕަންޕް ކުރަމުންދެ އެވެ.
މެޓް އޮފީހާ ހަވާލާ ދެއްވާ ރައީސް ވިދާޅުވީ މިވަގުތު ވާރޭ ނުވެހުނު ނަމަވެސް، އަނެއްކާ މިރޭ 10:00 ގައި ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކުރެވިފަވާ ކަމަށެވެ. އަދި މިރޭ ދަންވަރު 2:00 - 6:00 އާ ދެމެދުވެސް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކުރާ ކަމަށް ރައީސް ވިދާޅުވި އެވެ. ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވެ ތިބުމަށް ރައީސް ވެސް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
މާފަންނު ކޮޅުގެ ހާލަތު ގޯސް، ފެންބޮޑު ނުވާ ގެއެއް މަދު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ